ޒަކާތު ހައުސްއިން އިޖްތިމާޢީ 3 ސެންޓަރަކަށް އެހީދީފިއެވެ.
މިއަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތުން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށްފަހު ބާކީހުރި ގޮވާމާއި ޒަކާތު ހައުސްއަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ބައެއް ކުޑަކުދިންގެ ހިޔާއަށާއި ފިޔަވަތި އަދި ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފައިވާކަމަށް ޒާކާތު ހައުސްއިން މަޢުލޫމާތުދެއެވެ.
އެގޮތުން 129،960.44ރ. ރުފިޔާ އަދި ގޮވާމުން 7387.65 ކިލޯގެ ތަކެތި ވަނީ ހަވާލުކޮށްފައެވެ. ޒަކާތުގެ ހައުސްގެ ފަރާތުން މި އެހީތައް ސެންޓަރުތަކާ ހަވާލުކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުހައުސް, އިއްޒުއްދީން އަދުނާނެވެ.
ޒަކާތުހައުސްއިން މަޢުލޫމާތުދެއްވާ ގޮތުގައި މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށް އަދި އެކިސަބަބުތަކާހުރެ ނިކަމެތިކަން މެދުވެރިވެފައިވާ އާޢިލާތަކަށް ފިތުރުޒަކާތް ލިބިގެންދާނެކަމުގައި ޒަކާތުގެ ހައުސްގެ ޗެއާމަން އަދި އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.