ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ, ސަރުކާރާ ދެކޮޅު މަޖިލީހެއް އޮތުމުން ވާނެގޮތް މިއަހަރުގެ ބަޖެޓުން ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ ކޯލިޝަންގެ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިދިކޮޅުގެ ބޮޑު އަގުލަބިއްޔަތު އޮންނަ މަޖިލިސް ތަކުން ކަންކުރަމުންދަނީ އުސޫލާ އެއްގޮތަށް ނޫން ކަމަށެވެ. އެއީ މުޅި ދުނިޔޭގައިވެސް ކަންކުރަމުންދާ އުސޫލު ނޫން ކަމަށެވެ.
އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް މި މިހާރުގެ މަޖިލީހުން ރުހުން ނުދިންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އަމަލު ކުރަނީ ގާނޫނުގައި ބުނާ ގޮތާއި އެއްގޮތަށް ނޫން ކަމަށާއި، އަދި މިފަދަ ގޮތަކަށް މަޖިލީހަކުން އަމަލުކުރިތަނެއް މުޅި ދުނިޔެއިން ވެސް ނުދެކޭ ކަމަށެވެ. މިހާޜު ވެސް ރުހުން ނުދީ ތިން މިނިސްޓަރުން އެބަތިބި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެކަމުން ވެސް ދޭހަ ކޮށްދެނީ ސަރުކާރަށް އެއްވެސް ކަމެއްގައި އެހީތެރިކަމާއި އެއްބާރުލުން ނުދޭ ކަމުގެ ހެކި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ މަޖިލީހެއް އޮތުމުން ވާނެގޮތް ކަމަށާއި އަދި މިއަހަރު ފާސްކޮށްފައި އޮތް ބަޖެޓަށް ބަލާލުމުން ވެސް އެކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ނަތީޖާ ނެރެދޭން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ ނަތީޖާ ނެރެ ބާރު ސްޕީޑުގައި ކަންކަން ކުރިއަށް ގެންދިޔުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.