ދާދިފަހަކުން އިންޑިއާގެ މެހެރޯލީގައި ތަޅާލި "އަޚުންދްޖީ މިސްކިތް" ހުރިތަނުގައި ޢީދު ނަމާދު ކުރުމުގެ ހުއްދަ ނުދިނުމަށް ދިއްލީ ހައި ކޯޓުން ނިންމައިފިއެވެ.
އެ މިސްކިތް ހުރި ސަރަޙައްދުގައި އީދު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އެދި ދިއްލީ ހައި ކޯޓަށް އެ އަވަށުގެ މުސްލިމުން ހުށަހެޅި މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފައެވެ.
ވަގުތީ އުއްތަމަ ފަނޑިޔާރު މަންމޯހަން އިސްވެ ހުންނަވާ ބެންޗުން ވަނީ މި އަމުރަށް ގޮންޖައްސަވާ އިސްތިއުނާފުގެ އަޑުއެހުމެއް އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ ކަމާ ގުޅޭ މައްސަލައަކާ އެކު ކުރިއަށް ގެންދިއުމަށް އަންގާފައެވެ.
ރޯދަމަހު އެތާންގައި ނަމާދު ކުރުމުގެ ހުއްދަ ހޯދަން މި ރޯދަމަސް ފެށުމުގެ ކުރިންވެސް ކޯޓަށްވަނީ މައްސަލައެއް ވައްދާފައެވެ. އެ މައްސަލަ ބޭރުކޮށްލީ މިދިޔަ މާޗް މަހު ޝަބް-އޭ-ބަރަތުގައި އެ ތަނުގައި ނަމާދު ކުރުން މަނާކޮށް މީގެ ކުރިން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ހުކުމުގައިވެއެވެ. އެ ކުރީގެ އަމުރު މިހާރުވެސް އިސްތިއުނާފު ކުރަމުންދާތީ ފަނޑިޔާރުންގެ ބެންޗުން ވަނީ މި މަރުހަލާގައި އިންތިގާލީ ލުޔެއް ދެވެން ނެތް ކަމަށް ވިދާޅުވެފައެވެ.
ބާބްރީ މިސްކިތާއި ގިޔަންވަޕީ މިސްކިތުގެ މައްސަލައަށް ރިއާޔަތްކޮށް ދުސްތޫރީ ކޯޓުތަކުން މީގެ ކުރިން ވެސް ދީނީ ހައްގުތައް ހިމާޔަތްކޮށްފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލުން ވަނީ ބުނެފައެވެ.
އީދު ނަމާދަށް މަދުވެގެން އެއް ގަޑިއިރުގެ ހުއްދަ ދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން ކޯޓްގައިވަނީ އިލްތިމާސްކޮށްފައެވެ.
ނަމަވެސް މެއި މަހު ތާވަލުކުރި ތާރީހުގައި އެ މައްސަލަ ތަފްސީލުކޮށް އަޑުއެހުމުގެ ކުރިން ބެންޗުން ވަނީ އެކަމަށް ނުފޫޒު ފޯރުވަން ދެކޮޅު ހަދާފައެވެ. މި މައްސަލަ ދިގުދަންމާފައިވާއިރު، ދެން އޮންނަ އަޑުއެހުމަކަށް އަންނަންވާއިރު، ރަމަޟާން މަހާއި އީދު ފެސްޓިވަލް ވެސް އޮންނާނީ ނިމިފައެވެ.
600 އަހަރުވީ އަޚުންދުޖީ މިސްކިތާއި ޖެހިގެން ހުރި ބެހްރުލް އުލޫމް މަދްރަސާ ދިއްލީ ޑިވެލޮޕްމަންޓް އޮތޯރިޓީ (ޑީޑީއޭ) އިން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ތަޅާލީ ސަންޖޭ ވަން ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަދާފައިވާ ތަންތަން ކަމަށް ކަނޑައެޅުމަށް ފަހުއެވެ.