ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު މިދިޔަ ޑިސެމްބަރު މަހު އައްޔަންކުރެއްވުމާއެކު އެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައި، އެމަނިކުފާނު މިވަގުތު ހުންނެވީ އެ ގައުމުގަ އެވެ.
މި މަހު 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ހާމަކުރެއްވީ ޑިމޮކްރެޓްސްގެ ރައީސް ރައީސް ހަސަން ލަތީފް އެވެ.
އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޑިމޮކެރްޓެޓްސްގެ ކެމްޕެއިން ޖަލްސާތައް އޮންނާނީ މި މަހު 19 އަދި 20 ވަނަ ދުވަހު އެވެ.
އެގޮތުން، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ހަރަކާތް އޮންނާނީ 19 ވަނަ ދުވަހު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީގަ އެވެ. އަދި އެ ދުވަހުގެ ރޭ "ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ" ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއަށްފަހު މަޖިލިސް ކެމްޕެއިން ނިންމާލުމަށް ޑިމޮކްރެޓްސް އިން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި މި މަހު 20 ވަނަ ދުވަހު ބާއްވާ އެއްވުމުގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ އެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާއިރު، އޭގެ ތެރެއިން 41 ދާއިރާއަކަށް ޑިމޮކްރެޓްސް އިން ވާދަކުރެ އެވެ.