ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރުގެ ތެރެއިން މިއަހަރު ހަދިޔާކުރި ކަދުރު ބާހާ ގަޑިތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި މި އަހަރު ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު ބަހާނީ ހަ ދުވަހެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ކަދުރު ބަހަން ފަށާނެ ކަމަށާއި ކަދުރު ބެހުން އޮންނާނީ މެންދުރު ފަހު 1:00 އިން 3:00 އާ ހަމައަށް ކަމަށެވެ. އަދި މާދަމާގެ ވެސް އެ ގަޑިތަކުގައި ކަދުރު ބަހާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދާއި މާދަމާ ކަދުރު ބެހުމަށްފަހު ކަދުރު ބެހުން ދެން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ދުވަސްތަކުގައިވެސް ކަދުރު ބެހުން އޮންނާނީ މެންދުރު ފަހު 1:00 އިން 3:00 އާ ހަމައަށެވެ.
އެ ދުވަސްތަކުގެ ފަހުން ކަދުރު ބަހާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެނދުރު 12:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، އެ މިނިސްޓްރީން ކަމަށާއި ކޮންމެ ގޭބީސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރު ކަމަށެވެ.
ކަދުރު ހަވާލުކުރާނީ ކަދުރު ބަލާ ދާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައެވެ.
ކުރީ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ސައުދީން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.