ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަރިހުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް ވަރަށް ހެޔޮ އެދިގެން އުޅޭ ބައެއް ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.
އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވީ ޔާމީނާ އެކު، މިހާރު އެންމެ އިސްކޮށް ތިއްބަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށެވެ.
ޕީއެންސީގެ ލީޑަޝިޕުން މިއަދުގެ މެންދުރު ފަހު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި، އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަށް ވުރެ އިހުލާސްތެރި އަންބަކު ނުވަތަ ދަރިއަކު ކުރީގެ ޔާމީންގެ ނެތް ކަމަށާއި އެކަމަކު އެ މަނިކުފާނު މިނިވަން ކުރުމަށް ރެ އާއި ދުވާލު ބުރަ މަސައްކަތްތައް ކުރުމުން އެ މަސައްކަތުގެ އަގަކީ މީހުން ތެރޭގައި ބަދުނާމުކޮށް، އަގު ވައްޓާލުންތޯ ސުވާލު އުފެދޭ ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ޕާޓީތަކުން ކުރަމުން އަންނައިރު އަބްދުއްރަހީމް ވަނީ އެ ޕާޓީ އަށް ނިސްބަތްކޮށް ރައީސް ޔާމީނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދީނުގައި ވެސް އޮންނަނީ ޚަބަރެއް ހިފައިގެން މީހަކު އަންނަ ނަމަ އެ ޚަބަރެއް ހިފައިގެން އަންނަ މީހަކީ ކާކުތޯ ބަލަން ކަމަށެވެ. ޔާމީންގެ އަރިހުގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ "ވަރަށް ރަނގަޅު" ކަމަށް ހެދިގެން އުޅޭ ބައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަދި ޔާމީން ޖަލަށް ލުމުން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކާއި ކެމްޕެއިނު ހަރަކާތްތަކުގައި ވެސް ހުސެއިން ވަހީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު މަލީހަކީ ވެސް "ފިނި ކޮޓަރިއެއް" ގައި އިންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.
"ޕީޕީއެމް/ ޕީއެންސީއަށް ވުރެ އިހުލާސްތެރި އަންބަކު ދަރިއަކު ނެތް ޔާމީންގެ. ވަރަށް އަސަރުކުރި އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލެއްގައި އޭ އުޅުނީ... މަސައްކަތް އަޅުގަނޑުމެން ކުރީމަ އޭގެ އަގަކީ މުޅި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެން ބަދުނާމުކުރުންތޯ؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް/ ޕީއެންސީގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދާތީ އެކަމުގެ ނުރުހުން ފާޅުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ މުޒާހަރާތަކަށް ނުކުތް ނަމަވެސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި ދަރިކަލުން ޒެއިން ވެސް ނުކުމެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުންނަށް އަމާޒުކޮށް ވިދާޅުވެވޭނީ ކޮން ފާޑެއްތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދާފަ އެވެ.