ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރަމުންދާ އިންތިޚާބުގައި އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ އަނިޔާވެރިކަމުގެ ވާހަކައެވެ. އަނިޔާވެރިކަން އިއާދަވާ ވާހަކައެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ދިން އަނިޔާއެއް، އަނިޔާވެރިވާން ހިންގި އަމަލެއް މިހާތަނަށް އެ ޕާޓީގެ ލީޑަރުންނަށް ވިދާޅުވެނުދެއްވެއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް ލިބިއްޖެނަމަ، ސިޔާސީ ގޮތުން ވާދަވެރިންނާ ދިމާކޮށް ބަންދުކޮށް ޖަލަށްލާނެކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އެ ވާހަކަފުޅު ބިނާކުރައްވަނީ ކޮން އަސާސެއްގެ މައްޗަށްކަން އެއިން ބޭފުޅަކަށް ވިދާޅުވެނުދެއްވައެވެ.
ނަމަވެސް ސިޔާސީ ގޮތުން އަނިޔާވެރިވުމުގެ މާޒީއަކީ ރާއްޖެއިން ފެންނަން އޮތް މާޒީއެކެވެ. އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައިވެސް ސިޔާސީ ގޮތުން ވާދަވެރިންނަށް އަނިޔާކޮށް ދުއްތުރާކުރިކަމަށް ތުހުމަތުކުރެވެއެވެ. ޚުދު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީވެސް ސާބިތުނުވާ ތުހުމަތެއް އިސްތަށިފުޅުގައި އަޅުވައިގެން ތަހުގީގީ އިދާރާތަކަށް ގެންގޮސް ސުވާލުކޮށް، އެންމެ ފަހުން ދައުވާކޮށް ޝަރީޢަތްވެސް ކުރެވުނު ބޭފުޅެކެވެ. މާތްﷲގެ ރަހުމަތްފުޅުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީއެވެ.
ސިޔާސީ އަނިޔާގެ ތާރީޚުގައި އިއްޔެއާއި މިއަދު އަޅައިކިޔަން ބަލާއިރު މިއަދު ގުނަމުން މިދާ ދުވަސްތަކަކީ ސިޔާސީ ގޮތުން ހުރިހާ ޕާޓީއަކަށް އަދި އަމުދުން ވެރިކަމުގައި ތިބޭ ބަޔަކަށް މުހިއްމު ދުވަސްވަރަކަށްވާތީ މި ދުވަސްވަރުގައި ދެ ސިޔާސީ ފިކުރާއި ދެ ލީޑަރުން އަމަލުކުރައްވާފައިވާ ގޮތް އަޅައިކިޔައިލުމުން ސިޔާސީ ގޮތުން އަނިޔާވެރިވަނީ އަދި އަނިޔާވެރިވީ ކޮން ބައެއްކަން ވަރަށް ފަސޭހައިން ސާފުވާނެއެވެ.
ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިންތިޚާބުތައް ތަރުތީބުވެފައި އޮންނަ ގޮތުން ކޮންމެ ރިޔާސީ އިންތިޚާބެއް ނިމި ރައީސުލްޖުމްހޫރިއްޔާ މަޤާމާ ހަވާލުވެވަޑައިގަންނަވާތާ 5 ވަރަކަށް މަސް ތެރޭގައި އައު ސަރުކާރަށް ކުރިމަތިލާންޖެހެނީ މުހިއްމު އިންތިޚާބަކާއެވެ. އެ ސަރުކާރެއްގެ މުސްތަޤުބަލު ކަނޑައަޅާ އިންތިޚާބަކާއެވެ. އަދި އިދިކޮޅުގައި އެއިރެއްގައި އޮންނަ ޕާޓީއަކަށް ފަސް އަހަރުގެ ރިޔާސީ ދައުރުގައި ލިބޭނެ ސިޔާސީ ބާރުވެރިކަންވެސް ކަނޑައެޅިގެންދާ އިންތިޚާބަކާއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ.
ސަރުކާރަށާއި އިދިކޮޅު ޕާޓީއަށްވެސް މުހިއްމު މަޖިލިސް އިންތިޚާބުގައި ކެމްޕެއިން ކުރުމަށް ލިބެނީ ރިޔާސީ އިންތިޚާބާ ބަލާއިރު ކުޑަ ވަގުތުކޮޅެކެވެ. އަދި ބޮޑު އިންތިޚާބެއް ނިންމައި، ބަޔަކު ސަރުކާރާ ހަވާލުވުމަށްފަހު ސަރުކާރު ތަރުތީބުކޮށް އިންތިޒާމުކުރުމަށް ވަގުތުކޮޅެއް ނަގައެވެ. ހަމައެހެންމެ އިންތިޚާބުން ބަލިވާ ޕާޓީއަށްވެސް ގޮންޖެހުންތައް ބައިވަރު ކުރިމަތިވެއެވެ. ބައެއްފަހަރު އިހުގައި ޕާޓީގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގަންނަވައެވެ. ޕާޓީގެ ހިންގުމަށާއި، އިސްވެރިންނަށާއި، އިދާރީ އަދި އެނޫންވެސް އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ރާއްޖޭގައި ސިޔާސީ ކަންކަން ހިނގާ ގޮތަށް ބަލާއިރު ބޮޑު އިންތިޚާބަކާ ކުރިމަތިލާއިރު އެންމެ މުހިއްމުވަނީ އެ ޕާޓީއެއްގެ ލީޑަރެވެ. އެ އިންތިޚާބުގައި އެ ލީޑަރަކު ވާދަނުކުރެއްވިޔަސްމެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަނުކުރެއްވި ނަމަވެސް އެ އިންތިޚާބު ކާމިޔާބުކުރަން އެމްޑީޕީއަށް ނަޝީދަކީ މުހިއްމު ބޭފުޅެކެވެ. ޖެހިގެންއައި މަޖިލިސް އިންތިޚާބުގައި ރައީސް އިބްރާހީމު މުޙައްމަދު ޞާލިޙާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ނަޝީދު އިންތިޚާބު ކާމިޔާބުކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. އެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބުގައި އެމަނިކުފާނުގެ ދައުރު ބޮޑެވެ. އޭގެ ކުރިންވެސް އަދި ފަހުންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިފައި އޮތީ މި ހަގީގަތެވެ.
އެހެންކަމުން މަޖިލިސް އިންތިޚާބުގައި އެފެކްޓިވް ވަރުގަދަ ކެމްޕެއިނެއް ކުރުމަށް، ޕާޓީގެ ލީޑަރު ހުންނެވުމާއި، މިނިވަންކަމާއެކު އެ ބޭފުޅަކަށް ކެމްޕެއިނުގައި ޝާމިލުވެވަޑައިގެން އުޅުއްވެވުމާއި، ދަތުރުފުޅުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ހެއްދެވުމުގެ ޖާގަ އޮތުމަކީ، ކޮންމެހެން ޟަރޫރީ ކަންތައްތަކެއްކަން ދިވެހި ސިޔާސީ މަސްރަހާމެދު ކުޑަކޮށް ނަމަވެސް ފިކުރުކުރާ މީހަކަށް ސާފުވާނެއެވެ.
ނޮވެންބަރު 17، 2018 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ވޯޓުލުމާ ދެމެދުގައި ހޭދަވި 5 ވަރަކަށް މަސްދުވަހު އެމްޑީޕީން އަމަލުކުރި ގޮތަކީ މިއަދު ބަލައިލުމަކީ އެ ބޭފުޅުން ވިދާޅުވާ ސިޔާސީ އަނިޔާއާއި އިންސާފުގެ ތަރާދުގައި އެބޭފުޅުންގެ އަމަލުފުޅުތައް ކިރައިލުމަށް މުހިއްމު ކަމެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށުނުއިރު އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނެވެ. ރައީސް އިބްރާހީމު ވެރިކަމުގެ ހުވައިކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ވެރިކަމަށް މަސްދުވަސް ހަމަނުވަނީސް ޑިސެންބަރު 14 2018 ވަނަ ދުވަހު ރައީސް ޔާމީނު ފުލުހަށް ހާޒިރުކުރިއެވެ. އަދި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގައި އެމަނިކުފާނު ފުލުހަށް ހާޒިރުކުރިއެވެ.
އެއަށްފަހު ސިލްސިލާ ގޮތެއްގައި ކޮންމެ ދެ ހަފުތާއަކުން ކަހަލަ ގޮތަކަށް އެމަނިކުފާނު ފުލުހަށް ހާޒިރުކުރެއެވެ. މިހެން މިކަން ހިނގަނިކޮށް ތަހުގީގު މަރުހަލާގެ ތެރޭގައި ކޯޓަށް ހުށަހެޅިފައި ނުވެސް ނެތް މައްސަލައެއް ދައްކައި ރައީސް ޔާމީނު ބަންދުކުރިއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމުން، އެމަނިކުފާނު ބަންދުކުރުމަށް ދެއްކި ތުހުމަތުކަމުގައިވާ ހެކިންނަށް ނުފޫޒު ފޯރުއްވުމުގެ ތުހުމަތަށް ބާރުދޭ ހެއްކެއް ނެތްކަމަށް ފުލުހުންނާއި ދައުލަތުން އިއުތިރާފުވިއެވެ. އަދި ބަންދުކުރުމަށް އަމުރު ނެރުނު މައްސަލައަކީ ކޯޓުން ބަލަމުންދިޔަ މައްސަލައާ ގުޅުމެއް ނެތް މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ފެބްރުއަރީ މަހުގައި ބަންދުކުރެވުނު ރައީސް ޔާމީނަށް ހައިކޯޓުގެ އަމުރާއެކު މިނިވަންވެވަޑައިގެންނެވުނީ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެއިރު މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށް އޮތީ 10 ދުވަހެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގެ ކެމްޕެއިނުގައި އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުންނަށް އެހީތެރިވެވަޑައިގެން ކެމްޕެއިންކުރެއްވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގެންނެވިއެވެ. ނަތީޖާއަކީ އެމަނިކުފާނުގެ ދެ ޕާޓީއަށް ބޮޑު ނާކާމިޔާބެއް އެ އިންތިޚާބުގައި ކުރިމަތިވުމެވެ.
އޭގެ ފަހުން ނިމިދިޔަ ފަސް އަހަރު ރައީސް ޔާމީނާމެދު ކަންވެދިޔަ ގޮތާއި އެމަނިކުފާނުގެ ޝަރީޢަތްތައް ހިންގި ގޮތާއި ތަހުގީގުތަކުގައި އަމަލުކުރި ގޮތުގެ ވާހަކައަކީ ފެންނަން ހުރި އެންމެން ދަންނަ ވާހަކަތަކެވެ. އެ ވާހަކަތަކުގެ ތަފުސީލުތައް ނުލިޔުނަސް ކަންކަން ހިނގި ގޮތް ގިިނަ ބަޔަކަށް އެނގެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެންބަރު 17 2023 ގައެވެ. މަޖިލިސް އިންތިޚާބު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ފާއިތުވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވި ރައީސް އިބްރާހީމަކީ މިވަގުތު އެމްޑީޕީގައި ހުންނެވި އެންމެ މަޤުބޫލު ލީޑަރެވެ. އެމަނިކުފާނު ގެންދަވަނީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ކެމްޕެއިންކޮށްދެއްވަމުންނެވެ. ޕާޓީން ގެންގުޅޭ ސްޓްރެޓެޖީ އެކުލަވައިލުމާއި ކެމްޕެއިން ހަރަކާތްތައް އިންތިޒާމުކުރުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. ރަށްރަަށަށް ދަތުރުކުރައްވައި މީހުންނާ ބަައްދަލުކުރައްވައި ބޭނުންފުޅު ކޮންމެ ވާހަކަފުޅެއް ދައްކަވައެވެ. މިނިވަންކަމާއެކުއެވެ.
މިވެރިކަމުގައި ސިޔާސީވެގެން މީހަކު ހައްޔަރުކޮށް ސުވާލުކުރާތަނެއް ނުފެންނާނެ: ރައީސް
— Dhiyares (@DhiyaresNews) April 7, 2024
https://t.co/kVYgKGKgL6
ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ ޙާލަތުވެސް ތަފާތެވެ،. ޖަލު ހުކުމެއްގެ ގައިދުގައި ހުންނެވި ނަމަވެސް، އަމިއްލަ ޕާޓީއެއް އުފައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅުކުރައްވަނީއެވެ. އެމަނިކުފާނުގެ ޕާޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. އޮންލައިންކޮށް އަތޮޅު ތެރޭގައި ތިއްބެވި އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައިވެސް ޝާމިލުވެވަޑައިގަންނަވައެވެ. އެއިން އެއްވެސް ކަމަކަށް ހުރަހެއް ދައްޗެއް ސަރުކާރުން ކުރިމަތިނުކުރެއެވެ.
ރައީސް ޑރ.މުޢިއްޒާމެދު ސިޔާސީ ވާދަވެރިން ބޭނުންފުޅު ކޮންމެ ވާހަކަފުޅެއް ދައްކަވަނީއެވެ. އެއިން ކަމަކަށް ސަރުކާރުން ހުރަހެއް ކުރިމަތިނުކުރެއެވެ. ރައީސް އިޚުތިޔާރުކުރައްވާފައިވަނީ ބަދަލުހިފުމަށް ޖާގައެއް ނޯންނަ، ސިޔާސީ ސުލްހައަވެރިކަން ޤާއިމުވެފައި އޮންނަ، ވާދަވެރިންނަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެ ގޮތަށް ކަންކަަން ކުރިއަށް ގެންދެވުމެވެ.
ރައީސް ވެރިކަމަށް ވަޑައިގަތީ ބަދަލުހިފުމުގެ ރޫހު ނައްތައިލައްވައި ހަމަޖެހުން ރާއްޖެއަށް ގެނެންވުމަށް ވައުދުވެވަޑައިގެންނެވެ. އޭޕްރީލު 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައިވެސް ރައީސް ފާހަގަކުރެއްވީ އެ ނުކުތާއެވެ. އެ ވައުދުފުޅުމަތިން ހަނދުމަފުޅު ހުރިކަން ހާމަކުރައްވަައި އެމަނިކުފާނު ތަކުރާރުކުރެއްވީ ނިމުމެއް ނެތް ބަދަލުހިފުމުގެ ވިހަ ވަށްބުރެއްގައި ތާށިވެފައި ރާއްޖެ އޮތުމަށް ދޫކޮށްލެއްވެން ނެތްކަމެވެ.
"މިޤައުމަކީ ވެރިކަންތައް ބަދަލުވެގެން އަންނަ ކޮންމެ ހިނދެއްގައި ބަދަލުހިފުމުގެ ރޫހުމުގެ މަތީގައި، ބަދަލުހިފުމުގެ ނެވާ އެންޑިން ސައިކަލްއެއްގެ ތެރޭގައި، ކުރިން ތިބި މީހުން ކުރި ކަންތައް ބަދަލުކުރުމާއި، އެއިރުގައި ވެރިކަންކުރި މީހުން ޖަލަށްލުމާއި، ސިޔާސީ މަޤާމުތަކުގައި އެއިރު ތިބި މީހުންނަކީ ސިޔާސީ މީހުންނަށްވީތީ ހިފައިހައްޔަރުކުރުމާއި، މިފަދަ ވިޝަސް ނުބައި އޮއިވަރެއްގެ ތެރޭގައި މިޤައުމު ދިޔައީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެނބުރެމުން،" ރައީސް ވިދާޅުވިއެވެ.
ރޭވެސް ރައީސް ވިދާޅުވީ ސިޔާސީ މީހަކަށްވީތީ ހައްޔަރުކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ޤާނޫނީ ހުކޫމަތު ނެގެހެއްޓެވުމަކީ އެމަނިކުފާނު ކުރައްވައިގެން ހުންނެވި ހުވައިން ލާޒިމުވާކަމަކަށްވީތީ ޤާނޫނާ ޚިލާފުވާ މީހުންގެ މައްސަލަތައް ބައްލަވާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ މީހަކަށްވީތީ ނުވަތަ ސިޔާސީ މަސައްކަތެއްކުރާތީ މިސަރުކާރުން އެއްވެސް މީހަކު ބަންދުކޮށް ސުވާލުކޮށް ނުހަދާނެކަމުގެ ޔަގީންކަން ދެއްވެިއެވެ..
"ޤާނޫނީ ވެރިކަމެއް ކުރުމަކީ އަޅުގަނޑުގެ މައްޗަށްވެސް ލާޒިމުކަމެއް. ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ﷲ ގަންދީ ހުވާކޮށްގެން އަޅުގަނޑު މިހުރީ. އެހެންވީމާ ޤާނޫނީ ވެރިކަމެއް ކުރުމުގައި ޤާނޫނުގައި އޮންނަ ގޮތުން އެމީހަކު ކުށެއްކޮށްފިއްޔާ، އެކަމެއް ބެލުމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް. އެވާހަކައެއް ނޫން. ސިޔާސީވެގެން އެމީހަކު ގެންގޮސް ހިފައި ހައްޔަރުކޮށް ސުވާލެއްނުކުރާނެ. އެކަމެއް ނުކުރާނެ،" ރޭ ރައީސް ވިދާޅުވިއެވެ.
އިދިކޮޅުން ކުރިމަތިކުރާ ތުރާތަކާއި ދުއްތުރާތަކާއެކުވެސް، ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަތަކާއެކު، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އިދިކޮޅު ލީޑަރު ބަންދުކޮށް މުޅި އިދިކޮޅުގެ މިސްރާބު އިންތިޚާބު ކާމިޔާބުކުރުމުން ކަސިޔާރުކޮށް، ލީޑަރު މިނިވަންކުރުމުގެ މަސައްކަތަށް ހުސްކުރުންކަމަށްވީ ނަމަވެސް ރައީސް އެކަން ނުކުރައްވައެވެ. މިހާތަނަށް ރައްޔިތުންނަށް ފެނުނީ މިކަމުގައި ރައީސްގެ އަމަލުފުޅާއި ވިދާޅުވެފައިވާ ބަސްފުޅު ދިމާވާ ތަނެވެ. އެމްޑީޕީން ދައްކައިދީފައި އޮތީ ނިޔާއާއި އިންސާފަކީ އަނގަމަތީ ބަސްތަކަކަށްވީ ނަމަވެސް އެ ބަސްތަކުގައި އެކުލަވާ މަފުހޫމުތަކަށް އަމަލުކުރުމުގައި އެ ޕާޓީއާއި ޕާޓީގެ ލީޑާޝިޕު ފެއިލުވެފައި އޮތް ތަނެވެ.