Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަބްދުލްރަހީމް އަބްދުﷲ

އެންމެ ހިތްހަމަޖެހެނީ ބަދަލުހިފުމުގެ ރޫހު ނައްތަވައިލައްވާނެކަމަށް ރައީސް ވިދާޅުވާތީ: އަބްދުއްރަހީމް

އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ބަދަލުހިފުމުގެ ރޫހު ރާއްޖެއިން ނައްތަވައްލައްވައި ސިޔާސީ ހަމަޖެހުން ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވާތީކަމަށް ރައީސްގެ ޚާއްޞަ މުޝީރު އަދި ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފޮނަދޫ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުއްރަހީމުގެ ކެމްޕެއިނަށް މާލޭގައި ޤާއިމުކުރާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް ޑޮމޮކްރަސީ ތައާރަފުކުރި ފަހުން ފާއިތުވެގެންދިޔަ 15 އަހަރު ފެނުނީ ސިޔާސީ ޖަދަލާއި، ޒާތީ ހަސަދައާއި، ބަދަލުހިފުމުގެ ރޫހުގެ ތެރޭގައި ޤައުމު ޣަރަޤުވަމުންދިޔަ މަންޒަރު ކަމަށެވެ. އަދި މިހާރު އެކަންކަން ނިމުމަކަށް އަންނަންޖެހޭކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް މި ޑިމޮކްރަސީގައި މިހޭދަކުރި ދުވަސްވަރުގެ ތެރޭގައި ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުމުގެ ތެރޭގައި އަޅުގަނޑުމެން މިތިބީ ހަލާކުވެފައި، ދިވެހި ޤައުމު އޮތީ ހަލާކުވެފައި. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ސިޔާސީ ކޯޅުމާއި ޒާތީ ޖަދަލުކުރުން ދޫކޮށްލާފައި ހަމަޖެހުން ޤާއިމުކުރަން،" ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައްޔިތުން، މިދެވެހި ޤައުމު ހަމަޖެހުމުގެ ނޭވާއެއްލާން އެބަޖެހޭ. ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ލިބެންޖެހޭ. މިއީކީ ސިޔާސީ ލީޑަރުންގެ ޤައުމެއް ނޫން، މިއީކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ޤައުމެއްވެސް ނޫން.،"

މި ޤައުމަކީ ހުރިހާ ދިވެހިންގެ ޤައުމެއްކަމަށާއި، މި ޤައުމުގައި އުފާވެރިކަމާއި ހަމަޖެހުމާއެކު ދިރިއުޅުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށްވެސް އޮންނަންޖެހޭނެ ޙައްޤެއްކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެ ޙައްޤު ރައްޔިތުންނަށް ލިބޭނެ ރާއްޖެއެއް ބިނާކޮށްދެއްވުމުގެ މަސައްކަތްކުރައްވަން ރައީސް ހުންނެވީ ތައްޔާރަށް ކަމަށެވެ. އެކަމުގައި ރައްޔިތުންގެ ކިބައިން ރައީސަށް ބޭނުންފުޅުވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ދިނުން ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދިވެހިންގެ ރާއްޖެއަށް ހޯދައިދިނުމަށް ޕީޕީއެމް ޕީއެންސީން ނިކުމެ މަސައްކަތްކުރަނީ ތަސައްވުރެއް އޮވެގެންނެވެ. އެ ތަސައްވުރުގައި ކުލަޖައްސައި ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތަނަވަސްކަން ހޯދައިދިނުމަށް ބޭނުންފުޅުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕީއެންސީން ވާދަކުރައްވާ 90 ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދިނުމުން ސަރުކާރަށް އެ ބޭފުޅުން ދަތިނުކުރާނެކަމަށާއި އެ ތަސައްވުރު ހަގީގަތަކަށް ހެދޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ ހޯދައިދޭން ރައީސް ޑރ.މުޢިއްޒާއެކު އަޅުގަނޑުމެން ނުކުމެގެން މިއުޅެނީ ތަސައްވުރަކާއެކު. ވާނުވާގައި ތިބެގެންނެއް ނޫން އަޅުގަނޑުމެން ނުކުމެގެން މިއުޅެނީއަކީ. އަޅުގަނޑުމެންގެ ކުރިމަތީގައި ކުރަހާފައިވާ ތަސައްވުރެއް އެބައޮތް. އޭގައި ކުލަޖައްސަން އަޅުގަނޑުމެން ބޭނުން. ރައްޔިތުން ބޭނުންވާ ގޮތަށް މި ޤައުމު ތަރައްޤީކުރަން އަޅުގަނޑުމެން ބޭނުން.،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިތުރަށް ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީ ކޯލިޝަނަށް ވަކި އެއް ފަރުދަކު މުހިއްމުނުވާނެ ކަމަށެވެ. އަބަދުވެސް އެ ފިކުރަށާއި އެ ކޯލިޝަނަށް މުހިއްމުވަނީ ޤައުމާއި ރައްޔިތުންނާއި ދިވެހިރާއްޖޭގެ އިސްތިޤުލާލާއި މިނިވަންކަމާއި ސިޔާދަތު ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަކީ އައިސް ގޮސްވާ ބައެއްކަމަށާއި ފިތުރަތުގެ އުސޫލަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެނޫން ގޮތަކަށް އަބަދު އެއްބަޔަކު ވެރިކަންކުރަންޖެހޭކަމަށް ޤަބޫލުކުރައްވާ ބޭފުޅުންވެސް ފިތުރަތުގެ އުސޫލަކީ އެއީ ނޫންކަން ޤަބޫލުކުރައްވަންޖެހޭކަމަށެވެ.

މި ލިއުމާއި ގުޅޭ