Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޢަލީ އިޙްސާން

ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ފެށޭ ހަފުތާގައި ހުޅުވަނީ

ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު މިފެށޭ ހަފުތާގައި ހުޅުވަން ނިންމާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަަތް ކުރާ ޓާސްކް ފޯސް އިން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހުސާން ވިދާޅުވީ 2019 ވަނަ އަހަރު 18/2019 ކުޑަކުދިންގެ އަދުލާބެހޭ ގާނޫނު، ވުޖޫދަށް އައުމާއި ގުޅިގެން އެ ގާނޫނު ވުޖޫދަށް އައުމާއި ގުޅިގެން އެގާނޫނުން ޖިނާއީ ކުށްތަކަށް ހުށަހެޅޭ ނުވަތަ ކުށުގެ ވެށީގައި ހަރަކާތްތެރިވާ ނުވަތަ އެޓްރިސްކުގައި ތިބޭ ކުދިންނާދޭތެރޭގައި އަމަލުކުރަން ޖެހޭ ވަކި ގޮތްތަކެއް އެގާނޫނުގައި އެބަހުރި ކަމަށެވެ. އަދި އެފަދަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވި ދައުލަތުގެ ކޮންމެވެސް ކަހަލަ މަރުކަޒެއްގައި މަރުކަޒު ކުރެވިގެން ފަރުވާދެވޭނެ ނިޒާމެއްގެ ވާހަކަ ވެސް އެގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެގާނޫނު އަންނަތާ 18 މަސްދުވަސްތެރޭ މިދެންނެވި މަރުކަޒުތައް އެކްޓިވްކޮށް ހުންނަންޖެހޭނެ ކަމަށް އެގާނޫނުގައި ލާޒިމް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރާ އެބޭފުޅުން ހަވާލުވި އިރު މިދެންނެވި ގާނޫނުން ލާޒިމް ކުރާ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ ޖަލެއް(ޑިޓެންޝަން ސެންޓަރު) ފިޔަވައި އިތުރު އެއްވެސް މަރުކަޒެއް އަދި ނިމި ސާވިސްއަށް އައިސްފަ ނެތް ކަމަށެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކައި ހޯމްމިނިސްޓްރީގައި ހަދާފައިވާ ޚާއްސަ ޑިޕާޓްމަންޓުން މަސައްކަތް ކޮށްގެން އެބޭފުޅުން ބެލި ބެލުމުން ދ. ކުޑަހުވަދޫގައި ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ދިޔައީ ކުރެވެމުން ކަން އެނގިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ސަރުކާރާ ހަވާލުވީއިރުގައި މިދެންނެވި ގާނޫނުން މެންޑޭޓްކުރާ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ ޖަލެއް(ޑިޓެންޝަން ސެންޓަރު) ފިޔަވައި އިތުރު އެއްވެސް މަރުކަޒެއް އަދި ނިމި ސާވިސްއަށް އައިސްފަ ހުރި ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް. އަޅުގަނޑުމެން ބެލި ބެލުމުން މި މަސައްކަތަށްޓަކައި ހޯމްމިނިސްޓްރީގެ މިދެންނެވި ޑިޕާޓްމަންޓުން މަސައްކަތް ކޮށްގެން ދ. ކުޑަހުވަދޫގައި ޖުވެނަލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ދިޔައީ ކުރެވެމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމަސައްކަތް ނިމިފައިވާކަމަށް މައުލޫމާތު ލިބުމާއި ގުޅިގެން އެފެސިލިޓީގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. ކުރީ ސަރުކާރުން 21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހެދި އެ ފެސިލިޓީ ފެށުމަށްޓަކައި ބެލި ބެލުމުން އެތަން ހުރީ މިދެންނެވި ޚިދުމަތް އަދި ދެވޭ ހާލަތުގައެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނެ މިހާރު އަލުން އެކަންކަން ރަނގަޅުކުރަން ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި އެކި ސްޓޭޖްތައް އޮންނަކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ކުޑަކުއްޖަކު އެޓްރިސްކަށް އައުމާ ހިސާބުން އެކުއްޖާ ފުރަތަމަ ގެންދަން ޖެހެނީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް ކަމަށެވެ. އަދި އެއަށްފަހު ހާފްވޭ ހައުސް ކިޔާ ތަނަކަށް ގެންގޮސް ފަރުވާ ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.

"އޭގެ އިތުރަށް ކުޑަކުއްޖަކު އެޓްރިސްކަށް އައުމާ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް އައިޑެންޓިފައިވާ ހިސާބުން އެކުއްޖާ މިގެންދަން ޖެހެނީ މިދެންނެވި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް. އެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ވަކި ވަރެއް ވަންދެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްފަހު ދެން މިގެންދަން ޖެހެނީ ހާފްވޭ ހައުސް ކިޔާ ތަނަކަށް. ހާފްވޭ ހައުސް އަކީ ބޮޑަށް ކޮމިއުނިޓީ އަށް އިންޓަގްރޭޓެޑް ކުރުމުގެ ކުރިން އެކުއްޖަކު ބަހައްޓަން ލާޒިމް ކުރާތަން. މިގޮތުން ހާފްވޭ ހައުސް އެއްގެ ގޮތުގައި ހއ. ހޯރަފުށީގައި އެބަހުރި ތަނެއް ހެދިފަ. އެތަންވެސް އަދި ހުރީ ނުހުޅުވި އަޅުގަނޑުމެންނާ ހިސާބަށް އައިއިރު." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހްސާން ވިދާޅުވީ މިވަގުތަށް އެ ޕްރޮގްރާމް ފެށުމަށްޓަކައި އޮތް ހަމައެކަނި ގޮތަކީ ދ. ކުޑަހުވަދޫގެ މަރުކަޒުގެ މަސައްކަތް ނިމެންދެން ހއ. ހޯރަފުށީގައި ގާއިމު ކުރި ހާފްވޭ ހައުސް، ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ޚިދުމަތަށް ގެނައުން ކަމަށެވެ. އެގޮތުން އެތަން މި ފެށޭ ހަފްތާގައި ޚިދުމަތަށް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިދެންނެވި ސްޓެޕް ވަން ދ. ކުޑަހުވަދޫގެ މަރުކަޒު ނުހުޅުވި ސްޓެޕް ޓޫ އަކަށް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގައި. އެހެންވެ އަޅުގަނޑުމެން މިހާރު ނަގާފައިވާ ޑިޒިޝަނަކީ ހޯރަފުށީގައި ހުރިތަން އަޅުގަނުމެން ފަށްޓާނީ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މި ފެށޭ ހަފްތާގައި އެތަން ހުޅުވާނަން. ހުޅުވާފަ އެތަނުން މިހާރު އެޓްރިސްކްގައި ތިބި އެންމެ ބޮޑަށް އެހީއަށް ބޭނުވެފައިވާ ކުދިން އެތަނުގެ ޖާގަ އޮތް ވަރަކުން އެތަނަށް ނަގައިގެން ރިހެބިލިޓޭޝަން ފަށާނަން."މިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ