އިންޑިއާގެ ޚާއްޞަ ހުއްދައިގެ ދަށުން އެ ޤައުމުން ބޭރުކުރާ ބައެއް މުދާ ރާއްޖެއަށް ބޭރުކުރަން ހުއްދަދީފައިވާ ކޯޓާ އިތުރުކުރުމަށް އެ ޤައުމުން ނިންމި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާ އިން ދީފައިވާ ކޯޓާ އިތުރުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއިން އެދިގެން އަސާސީ ތަކެތީގެ ކޯޓާ އިންޑިއާއިން ވަގުތުން އިތުރުކޮށްދިނުމުން ދޭހަކޮށްދެނީ ދެގައުމުގެ ގާތް ގުޅުން ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ދެގައުމުން ބޭނުންވާކަން އަންގައިދޭ ކަމަށެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ ދެ ޤައުމުގެ މެދުގައި ވެފައިވާ ޚާއްޞަ އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ބައެއް އަސާސީ މުދާ 2024-2025 ވަނަ އަހަރު ރާއްޖެއަށް ބޭރުކުރަން ހުއްދަ ދީފައިވާކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމަށް ކަނޑައަޅާފައިވާ ކޯޓާވެސް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖެއާއި އިންޑިއާގެ މެދުގައި 1981 ވަނަ އަހަރު މި އެއްބަސްވުން އެކުލަވައިލިފަހުން މި މުދާ ބޭރުކުރަން ދޫކޮށްފައިވާ ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރިއެވެ.
އެގޮތުން ހިލަވެއްޔާއި ހިލައިގެ ބާވަތްތަކާއި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ބޭރުކުރާ މިންވަރު 25 އިންސައްތައި އިތުރުކޮށް އެއް މިލިއަން ޓަނުގެ މުދާ އެތެރެކުރުމުގެ ހުއްދަ މިހާރު ދީފައިވާކަމަށް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރަށް ބިހާއި އަލުއްވާއި، ހަކުރާއި، ހަނޑުލާއި، ގޮދަން ފުށް އަދި މުގު ބޭރުކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޯޓާ %5 އިން އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.
ހައިކޮމިޝަނުން ފާހަގަކުރީ އިންޑިއާއިން މުޅި ދުނިޔެއަށް ހަނޑުލާއި، ހަކުރާއި، ފިޔައި ބޭރުކުރުން ފާއިތުވި އަހަރު މަނާކުރިއިރުވެސް ރާއްޖެއަށް އެ މުދާ ބޭރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އަދި އެ ޤައުމުގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އިންޑިއާއިން އިންސާނާ ވަށައިގެން ގެންނަ ތަރައްޤީ ރާއްޖެއަށް ގެނައުމަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.