Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ޚާއްޞަ ހުއްދައިގެ ދަށުން އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ބައެއް މުދަލުގެ ކޯޓާ ސަރުކާރުން އެދިގެން އިތުރުކޮށްފި

އިންޑިއާގެ ޚާއްޞަ ހުއްދައިގެ ދަށުން އެ ޤައުމުން ބޭރުކުރާ ބައެއް މުދާ ރާއްޖެއަށް ބޭރުކުރަން ހުއްދަދީފައިވާ ކޯޓާ އިތުރުކުރުމަށް އެ ޤައުމުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ ދެ ޤައުމުގެ މެދުގައި ވެފައިވާ ޚާއްޞަ އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ބައެއް އަސާސީ މުދާ 2024-2025 ވަނަ އަހަރު ރާއްޖެއަށް ބޭރުކުރަން ހުއްދަ ދީފައިވާކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމަށް ކަނޑައަޅާފައިވާ ކޯޓާވެސް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖެއާއި އިންޑިއާގެ މެދުގައި 1981 ވަނަ އަހަރު މި އެއްބަސްވުން އެކުލަވައިލިފަހުން މި މުދާ ބޭރުކުރަން ދޫކޮށްފައިވާ ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަން އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރިއެވެ.

އެގޮތުން ހިލަވެއްޔާއި ހިލައިގެ ބާވަތްތަކާއި ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ތަކެތި ބޭރުކުރާ މިންވަރު 25 އިންސައްތައި އިތުރުކޮށް އެއް މިލިއަން ޓަނުގެ މުދާ އެތެރެކުރުމުގެ ހުއްދަ މިހާރު ދީފައިވާކަމަށް ހައިކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރަށް ބިހާއި އަލުއްވާއި، ހަކުރާއި، ހަނޑުލާއި، ގޮދަން ފުށް އަދި މުގު ބޭރުކުރުމަށް ކުރިން ކަނޑައަޅާފައިވާ ކޯޓާ %5 އިން އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.

ހައިކޮމިޝަނުން ފާހަގަކުރީ އިންޑިއާއިން މުޅި ދުނިޔެއަށް ހަނޑުލާއި، ހަކުރާއި، ފިޔައި ބޭރުކުރުން ފާއިތުވި އަހަރު މަނާކުރިއިރުވެސް ރާއްޖެއަށް އެ މުދާ ބޭރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި އެ ޤައުމުގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގެ ދަށުން، އިންޑިއާއިން އިންސާނާ ވަށައިގެން ގެންނަ ތަރައްޤީ ރާއްޖެއަށް ގެނައުމަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މި ލިއުމާއި ގުޅޭ