ދިވެހި ގައުމިއްޔަތުގެ ފުރާނައަކީ ކީރިތި ޤުރުއާން ކަމަށާއި، ގައުމިއްޔަތުގެ ހަށިގަނޑަކީ މޫރިތި ސުންނަތް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
ދ.ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރުއާން މުބާރާތުގެ އިނާމް ދިނުމަށް ކުޑަހުވަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އިސްލާމްދީނާއި ގައުމިއްޔަތަށް ތަފާތު ދެ ނަޒަރުން ބައްލަވައި ދެކަމެއް ފާހަގަކުރައްވަމުންނެވެ.
އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މީގެ ތިރީހަކަށް އަހަރު ކުރީގެ ދިވެހީން، ޤުރުއާނަށް އިސްކަން ދިން މިންވަރާއި އޭރުގެ ދިވެހީންގެ އަޚުލާގާއި ހުރި ގުޅުމެވެ. ދެން ފާހަގަކުރެއްވީ ޤުރުއާން ކިޔެވުމުގައި މިހާރު އިތުރަށް ދާންވީ ފުން މިނަކީ ކޮބައިކަމާ މެދު ވިސްނައި، ޤުރުއާން ތަދައްބުރުކުރުމުގެ މުހިންމު ކަމާ އޭރުގެ އެ ރިވެތި ސަގާފަތާއި ހުރި ގުޅުމެވެ.
އެ ކަންކަމަށް އަލިއަޅުވައިލައްވައި ވަޒީރު ވިދާޅުވީ މީގެ ވިއްސަކަށް ތިރީހަކަށް އަހަރު ކުރީގެ ދިވެހިން ޤުރުއާން ކިޔަވަން ވަރަށް ބުރަ މަސައްކަތަކާއި އެކަމަށް ވަރަށް ބޮޑު ހިތްވަރެއް ލާން ޖެހުނު ކަމަށެވެ. އެގޮތުން ފިލާ އަޅަން މަށި ހޯދަން ދާނީ ކުދިން އަމިއްލައަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
''އެ ހޯދުމުގެ މަސައްކަތަކީ އުނދަގޫ ކަމެއް. ގައު މަށި، ވެލި މަށި، ފަދަ އެކި ވައްތަރުގެ މަށި ގެނެސް، ފެނުލައި، ފުނޑައިގެން، އެތައް މަސައްކަތަކުން ފިލާގައި އަކުރެއް އެޅޭނީ. ފިލާގައި މަށި ހާކައިގެން ގެންނަ ހުދު ކުލައަށް ފަހު، ލިޔަން ބަލާއިރު، ގަލަމެއް އެއިރަކު ނުހުރޭ. ލިޔުމަށްޓަކައި، އޮނު ހޯދަން ޖެހޭ. މިކަމަށްޓަކައި، ވަކި ކަހަލަ ފަތެއް ހޯދައިގެން، އެ އަންދައިގެން އެއިން ދެލި ތައްޔާރުކޮށްގެންގެން ލިޔެވޭނީ. މިހާ ދަތި ހާލުން ކިޔަވައިގެން ވެސް، ޤުރުއާނަށް، ޤުރުއާނުގެ އިލްމަށް ދިވެހީން އިސްކަން ދިން" އޭރުގެ ހަނދާންތައް އައުކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ޤުރުއާނަށް އޭރު އޮތް ލޯތްބާއެކު، ޤުރުއާން ބާވައިލެއްވި މަގުސަދުތައް މި މުޖުތަމައުން ހާސިލުވެފައިވާ ކަމުގެ ހެކިތައް ފެންނަން ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއީ ގައުމިއްޔަތުގެ އަޚްލާގުކަމުގައި ސިފަކުރައްވައި އޭރުގެ ދިވެހީންގެ އުޅުމުން ހިތްހެޔޮކަމާއި، ލޮބުވެތިކަމާއި، ގުޅުންތެރިކަމާއި، އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އެކަކު އަނެކަކަށް އަޅާލުން ފެންނަން އޮތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ގައުމިއްޔަތުގެ ސުލޫކުގެ ގޮތުގައި އޭރުގެ ދިވެހީންގެ ހީވާގިކަމާއި މުރާލިކަމާއި ހިތްވަރުގަދަކަން ފެންނަން އޮތް ކަމަށާއި ގައުމިއްޔަތުގެ އަމާޒަކީ ސަލާމަތްތެރިކަން ކަމުގައި ފާހަގަކުރައްވައި އެ ރައްކާތެރިކަން އޭރު ދިވެހީންގެ ތެރޭގައި އޮތް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ މިކަންކަމަށް ރުޖޫއަވުމަށް މިހާރުގެ ކިޔަވާ ކުދިން ޤުރުއާން ކިޔެވުމުގައި ތަދައްބުރުކޮށް، ޤުރުއާނުގެ ފުން މާނައާ މެދު ވިސްނައި، ޤުރުއާނުގެ އިލްމް އިތުރަށް ދެނެގަތުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ އާދަ އަށަގެންނެވިއްޖެނަމަ، ޤުރުއާނާއި ތިމާގެ އަމަލާއި ގުޅިލާމެހި، ކުރީގެ ދިވެހީންގެ ކިބައިން ފެނުނު ރިވެތި ސިފަތަކާއި އަޚްލާގާއި، ސަލާމަތްތެރިކަން ލިބޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ 121 ބައިވެރިން ކިޔެވި ކުޑަހުވަދޫ ކައުންސިލް އިދާރާގެ 11 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ހާސިލުކޮށްފައިވަނީ ލިވާ އަޙްމަދު ޝަނޫނެވެ. އާއިޝާތު ޝައިބާ މުޙައްމަދު ރަޝީދު ދެވަނަ ހާސިލު ކުރިއިރު ތިންވަނަ ހާސިލުކޮށްފައިވަނީ އަޙްމަދު ޒައުލެވެ.
ރޭ ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރުގެ އަރިހުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީއާއި ދަތުރުވެރިޔާ ގުރޫޕުގެ ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ބެހޭ ޑިރެކްޓަރު ޔޫސުފް ޞިދްޤީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.