އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކުރާ ޓުއަރިޒަމް މިނިސްޓަރަށް ވެވަޑައިގަންނަވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބޭއްވި "ސަދަން ރީޖަނަލް ސިމްޕޯޒިއަމް 2024" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ފައިސާ ހޯދުމަށް ހުޅުވާލާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ ލިސްޓުގައި އައްޑޫގެ އައްސޭރި ޓުއަރިޒަމް މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހިމަނުއްވާފައިވާ ކަމަށެވެ.
އޭގެ އިތރުަށް އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އައްޑޫގައި އައްސޭރި ޓުއަރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ސްޓްރެޓެޖީއެއް މިހާރު އެކުލަވައިލެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފައްސަލް ފާހަގަކުރެއްވި ގޮތުގައި އެ ސްޓްރެޓެޖީގެ ދަށުން ތަރިކަ ހިމާޔަތްކުރުމާއެކު ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކން އައްޑޫގައި ފުޅާކުރުމަކީ ސަރުކާރުން އެކުލަވައިލާފައިވާ އައްސޭރި ޓުއަރިޒަމް ޑިވެލޮޕްމެންޓުގެ މުހިއްމު ބައެއް ކަމުގައެވެ.
ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ބަންދުކުރި ގޮތަށް އޮޕަރޭޝަނަށް ނުގެނެވި ހުއްޓިފައި އޮތް ޝަންގުރިއްލާ ވިލިނގިލި ރިސޯޓު އަނބުރާ އޮޕަރޭޝަނަށް ގެނެސް ހުޅުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށާއި، އެގޮތުން އެ ރިސޯޓުގެ މެނޭޖުމެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފުލައިޓުތަކަށް އައްޑޫއަށް ވާސިލުވުމަށް އޮތް ދަތިކަން ނުވަތަ ކަނެކްޓިވިޓީ މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އައްޑޫއާއި ދެކުނުގެ ރަށްތަކުގެ މެދުގައި ފުލައިޓު ކަނެކްޓިވިޓީ ރަނގަޅުކުރުމަށް ސަދަން ކަނެކްޓިވިޓީ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން އައްޑޫ އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓުގެ މެދުގައި ގަވާއިދުން ފުލައިޓުތައް ބޭއްވުމަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ނިންމާފައިވާ ކަމަށެވެ. އެ ދަތުރުތައް މި އަހަރުގެ އޮކްޓޯބަރު މަހުގައި ފެށޭނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. މިއަދުން ފެށިގެން ފުލައިޓު ޓިކެޓް މޯލްޑިވިއަންގެ ވެބްސައިޓުން ގަންނަން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަދަން ރީޖަނަލް ސިމްޕޯޒިއަމަކީ އައްޑޫއާއި ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ މުހިއްމު ކުރިއެރުންތަކާއި އެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ ގުޅިގެން ކުރެވެމުންދާ އަދި ރޭވިފައިވާ މުހިއްމު މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ސިމްޕޯޒިއަމެކެވެ.