ރައްޔިތުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމާއި އޮތް ހުރިހާ ހިތްހަމަނުޖެހުމެއް ވެސް އެއްފަރާތްކޮށް، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ނުހޮވުމަށް އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި މަހު 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ފަރާތުން ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޔަޒްމީދު މުހައްމަދުގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް އިންތިހަބަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ބޮޑަށް އަސަރުކުރާނެ އިންތިހާބަށް ވާތީ ސަރުކާރުގެ ފިކުރުގައި ތިއްބެވި ބޭފުޅުން މަޖިލީހަށް ހޮވުމަށް އެންމެން އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.
"މިކަމުގައި އެންމެން އެއްބައިވާންޖެހޭ. ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ. ދާއިރާގެ ރަށްތަކުގެ މަސްލަހަތު އިސްކުރަންޖެހޭ. ރަށްރަށުގެ މަސްލަހަތު އިސްކުރަންޖެހޭ. އިސްކޮށްގެން އެކުވެރިކަމާއެކީގަ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރު ކެންޑިޑޭޓް ހޮވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ، އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެން. ރައްޔިތުންނަށް އަޅުގަނޑު ވައުދުވީ ނަތީޖާ ނެރުމުގެ ވައުދު، ރިޒަލްޓް އޮރިއެންޓެޑް ސަރުކާރެކޭ ގާއިމްކުރާނީ."
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ނަތީޖާ ނެރެވޭނީ ސަރުކާރަށް މަޖިލިސް ލިބިގެންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް މަޖިލިސް ލިބުމަކީ މިވަގުތު "އެފޯޑް" ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ނަތީޖާ ނެރެވެން މިއޮތީ މަޖިލީހުގެ ދައުރާއެކީގަ. އެހެންވީމަ ބޭކާރުވެގެންވާ އަހަރުތަކަކަށް ވެގެންދާނެ ގޮތަކަށް މަޖިލީހަށް އަޅުގަނޑުމެން މެންބަރުން ހޮވުމަކީ އަޅުގަނޑުމެންގެ އަތުން ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އަތުގަ އޮތީ މި ގޮނޑި އެމްޑީޕީއަށް ދޫކޮށްލުން. އެމްޑީޕީއަށް މިގޮނޑި ދާނެ ފަދަ އެއްވެސް ކަމެއް ދިވެހި ރައްޔިތުން ނުކުރެއްވުމަށް އަޅުގަނޑު އެދެން."
ރައީސް ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު އަނެއްކާވެސް ދީފިނަމަ މަޖިލީހުގެ ތިބޭނީ ނަމެއްގައި ތިބޭ ކެންޑިޑޭޓުންނެވެ. އޭރުން ތަރައްގީގެ ކަންކަން ދާނީ ފާއިތުވި ފަސް އަހަރު ދިޔަގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެތައް ގިނަ ކަމެއް ކުރަން މިހުރީ ވައުދުވެފަ، އެކަންކަމަށް އެއްބާރުލުން ނުދޭނެ ކެންޑިޑޭޓަކަށް، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހިޔާލުތަފާތުވުމާއި ބައިބައިވުމުގެ ތެރެއިންގޮސް އެ ގޮނޑި އަނެއްކާވެސް ގެއްލިގެންދާ ގޮތް ނުހައްދަވާ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ރިޔާސީ އިންތިހާބުގައި ދެއްވި ބޮޑު މެޖޯރިޓީ، އެ އެކުވެރިކަން ދައްކަވައިގެން މިރޭން ފެށިގެން ހުރިހާ ހިޔާލު ތަފާތުވުމެއް ދޫކޮށްލައްވާފަ، ޒާތީ ތައައްސުބު އެއްކައިރިކުރައްވާފަ، ހުރި ކޮންމެ ހިތްހަމަނުޖެހުމެއް ވިޔަސް އެއްކައިރިކުރައްވާފަ، ޕާޓީއަށްޓަކައި، ގައުމަށްޓަކައި އަޅުގަނޑަށް ތިކުރައްވާ އިތުބާރަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެވަޑައިގަންނަވާށޭ."