Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިޠުރު ޒަކާތް

ފުރަތަމަ 20 ދުވަހު، ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބުނު: ޒަކާތު ހައުސް

މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރުނު ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 4،499،433ރ. ލިބިފަ އެވެ. ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.

ޒަކާތު ހައުސް އިން ކުރިން ބުނެފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައިވާއިރު، ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ. ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ޒަކާތު ހައުސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ އަމީނިއްޔާ ސްކޫލް ހޯލުގައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ އަންގާރަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށެވެ.
މި ލިއުމާއި ގުޅޭ