ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން ޚާއްޞަ އެވޯޑެއް ދޭން ނިންމައިފިއެވެ.
ޕީސީބީން ހާމަކޮށްފައިވާގޮތުން، މި އެވޯޑު ދިނުމުގެ މައިގަނޑު މަގްސަދަކީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ވިޔަފާރީގެ މައިދާނުގައި މަސައްކަތަށް އިތުރު ހިތްވަރުދިނުމެވެ.
"ގަވަނަންސް އެވޯޑް"ގެ ނަމުގައި ދެވޭ މި އެވޯޑު ހަވާލުކުރެވޭނީ ހަމައެކަނި ސަރުކާރުގެ ކުންފުނިތަކަށްކަމަށް ޕީސީބީން މައުލޫމާތުދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރުމަށް އަޅާނެ 5 ފިޔަވަޅެއް ހާމަކޮށްފައިވެއެވެ.
ސަރުކާރު ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދެވުމަށް މިހާރު ކުރައްވަމުންދާ މަސައްކަތްޕުޅުތަކާ ގުޅޭ ގޮތުން "ރައީސްގެ ޖަވާބު" ސިލްސިލާގައި އިއްޔެ އާންމުކުރި ވީޑިއޯގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރު ކުންފުނިތައް ހުރީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި ބޮޑު ދެތިން ކުންފުނި ފިޔަވައި އެއްވެސް ކުންފުންޏަކަށް ފައިދާއެއް ނުވާ ކަމަށެވެ.
އެ ހާލަތު ބަދަލުކުރެއްވުމުގެ ގޮތުން ބޭންކުތަކާ މަޝްވަރާކުރައްވައިގެން ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ދަރަނިތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހަރުދަނާ އުސޫލުތަކެއް ތައާރަފުކޮށް ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.