ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ޚަރަދުތައް އުނިކުރުމުން މިހާތަނަށް ސަރުކާރު ޑެފިސިޓުނުވެ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކުން ހާމަވެއްޖެއެވެ.
ބަޖެޓު ޑެފިސިޓާއި ސާޕްލަސްގެ ދެބާވަތުގެ ތެރެއިން ޕްރައިމަރީ ޑެފިސިޓު/ސާޕްލަސްއަކީ ދައުލަތުގެ ޚަރަދުތައް ހިސާބުކުރުމުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރާ ޚަރަދުތައް ނުހިމަނައި ޚަރަދުތަކާއި އާމްދަނީ އަޅައިބެލުމުން ނުކުންނަ ނަތީޖާއެވެ.
ފިނޭންސް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 7.8 ބިލިއަން ރުފިޔާއެވެ. ދައުލަތުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު ޖުމްލަ ޚަރަދުވަނީ 8.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެ ޚަރަދުތަކުގެ ތެރެއިން 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.
ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމަށް ޚަރަދުކުރި ފައިސާގެ އަދަދު އުނިކުރުމުން 21 މާޗާ ހަމައަށް ޚަރަދުވެފައިވާ މިންވަރަކީ 7.7 ބިލިއަން ރުފިޔާއެވެ. އެއީ ދައުލަތުގެ އާމްދަނީއަށްވުރެ 133 މިލިއަން ރުފިޔާ މަދު މިންވަރެއްކަމުން، ދައުލަތުގެ ދަރަނި އަދާކުރުމުގެ ޚަރަދުތައް އުނިކޮށް ހިސާބުކުރުމުން އެ މުއްދަތުގައި 133.5 މިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެއެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި 10.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އާމްދަނީގެ ގޮތުގައި ލިބުނީ 7.7 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށް ޚަރަދުކުރީ 1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ދަރަނި އަދާކުރުމުގެ ޚަރަދުތައް އުނިކޮށްފައި ހިސާބުކުރި ނަމަވެސް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓު 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓުވެއެވެ.
ދައުލަތުގެ ދަރަނި އަދާކުރުމުގެ ޚަރަދުތައް ހިމަނައިގެން ހިސާބުކުރުމުން މި އަހަރުގެ މާޗު 21 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓު ޑެފިސިޓުވެފައިވަނީ ބިލިއަނެއްހައި ރުފިޔާއިންނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓު ދަރަނި/ ޑެފިސިޓު 2.6 ބިލިއަން ރުފިޔާއަށް އަރައެވެ.
މާލީ ހިސާބުތަކުން ފެންނަ ގޮތުގައި ފާއިތުވި އަހަރުގެ ޖަނަވަރީން މާޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މިހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރީ ސަރުކާރުން ޚަރަދުކުރި ފައިސާ މިހާރަށްވުރެ އިތުރުވެފައިވާކަމަށް ފެންނާނެއެވެ. ނަމަވެސް އެއިރުގެ ސަރުކާރުން މަޝްރޫޢުތަކަށް ޚަރަދުކުރީ އެމްއެމްއޭއިން ފައިސާ ޗާޕުކޮށްގެންނެވެ. އެގޮތުން ޖަނަވަރީ މަހާއި ފެބްރުއަރީ މަހުގައި އެކަނި 3 ބިލިއަނެއްހައި ރުފިޔާ ޗާޕުކޮށްގެން ސަރުކާރަށް ނަގާފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ.
ނަމަވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ސަރުކާރުން ފައިސާ ޚަރަދުކުރަމުންދަނީ ފައިސާ ޗާޕުނުކޮށެވެ. އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ޚަރަދުކުރި އެއް ބިލިއަން ރުފިޔާއަކީ ދައުލަތުގެ އާމްދަނީއާއި މަޝްރޫޢުތައް ހިންގުމަށް ނަގާފައިވާ ލޯނުތަކުން ޚަރަދުކުރި ފައިސާއެވެ.