Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ބޭންކުތަކާ ވާހަކަދައްކައިގެން ދައުލަތުގެ ކުންފުނިތަކަށް ހިންދެމިލާނެ ޖާގަ ހޯދުމަށް ދަނީ މަސައްކަތްކުރަމުން: ރައީސް

ބޭންކުތަކާ ވާހަކަދައްކައިގެން ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދައި ކުންފުނިތަކަށް ނޭވާލެވޭނެ ގޮތް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުން ކުރަން ބޭނުންވާ ސުވާލުތަކަށް ރައީސް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގުރާމުގައި އައްޑޫ ސިޓީ، ހިތަދޫ، ޒެޓައިރު، ނައުޝާދު އަބްދުއްރައްޒާޤު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަރަށް ބައިވަރު ދަރަނިތައް އެބަހުރި. އެހެންވީމާ އެދަރަނިތައް ރިސްޓްރަކްޗާ ކުރުމަށްޓަކައި މަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯއޭ،" ނައުޝާދު ރައީސާ ސުވާލު ދަންނަވަމުން ބުނެފައިވެއެވެ.

ނައުޝާދުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ނަހަމަ ގޮތުގައި ސިޔާސީ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގައި ހުންނަ އުސޫލުތަކާ ޚިލާފަށް ސިޔާސީ މަޤުޞަދުތަކުގައި ކުންފުނިތައް ބޭނުންކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އުސޫލުތަކާ ޚިލާފަށް ކުންފުނިތައް ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވަރަށް ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުންފުނިތަކުގައި ހުންނަ އުސޫލުތަކާ ޚިލާފަށް ކުންފުނިތަކުގެ ބޭނުން ސިޔާސީ ގޮތުން ބޭނުންކުރުމުގެ ސަބަބުން ކުންފުނިތައް އޮތީ ހަލާކުވުމުގެ ތެރޭގައި. ވަރަށް ގިނަ ކުންފުނިތައް ހުރީ ބަނގުރޫޓުވުމާ ހަމައަށް ގޮސްފައި،" ރައީސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކުރަމުންދަނީ ކުންފުނިތަކުގެ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތްކަމަށާއި، އެގޮތުން އެކަމާ ގުޅޭ ބޭންކުތަކާ ވާހަކަދައްކައިގެން ކުންފުނިތަކަށް ނޭވާލެވޭނެ ޖާގަ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، އާންމުންނަށް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރަނީ ސުވާލުގައި ވިދާޅުވި ފަދައިން އެ ލޯނުތައް ނުވަތަ ދަރަނިތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަސައްކަތް، އެކަމާ ބެހޭ އެކި ބޭންކުތަކާ ވާހަކަދައްކައިގެން ކުންފުނިތަކަށް ރަނގަޅު ބްރީތިން ސްޕޭސްއެއް ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްގެންދަން. އަދި ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ދަރަނިތައްވެސް ދެއްކުމުގެ ޕްލޭންތައް ހެދިގެން ކްރެޑިޓާސްއާއި އެކި ފަރާތްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްކުރެވެމުންދަނީ،" ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ހާލުގައިކަމަށާއި، އެންމެ ބޮޑަށް ހާލުގައި އޮތް އެ ދާއިރާއަކީ ދައުލަތުގެ ކުންފިނިތައްކަމަށާއި، އެހެންކަމުން އެ ކުންފުނިތައް ހަރުދަނާކުރުމަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ އެއް ދާއިރާކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ