ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އާސަންދަ މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިއަދު އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ.މުޢިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގެ ތެރެއިން އެކުލަވައިލެވި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އަހަރަކު ދެފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކްއަޕް ހެދުމުގެ ޚިދުމަތް ދިނުމުގެ ޕެކޭޖު 1 އޭޕްރީލުގައި ތައާރަފުކޮށް އެ ޕެކޭޖަށް އަމަލުކުރަން މިހާރު އެ ކުންފުނިން ފަށާފައިވާ ކަމަށެވެ،.
އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފަށައިފި
— Dhiyares (@DhiyaresNews) January 1, 2024
https://t.co/vzZhl1MSlS
އޭގެ އިތުރަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުން ހަދަންޖެހޭ ޚާއްޞަ ޓެސްޓުތައްވެސް ސަރުކާރުގެ ހޮސްޕިޓާތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އާސަންދައިން ބުންޏެވެ.
މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގައި ތައާރަފުކުރި މެޑިކަލް ޗެކްއަޕް ޕެކޭޖު ތަންފީޒުކުރުމުގައި ބައެއް ދަތިތައް ދިމާވުމުން އެކަންކަމަށް ރިއާޔަތްކޮށް، އެއިރު ތައާރަފުކުރި ޕެކޭޖުތަކަށާއި އުމުރުފުރާތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އުމުރުން 19 އަހަރުން މަތީގެ އުފުރުފުރާއަށް ޚާއްޞަކޮށް ތައާރަފުކުރި އަސާސީ ޕެކޭޖަަށް މިހާރުވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެޕްރީލު 1 ވަނަ ދުވަހުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނާއި އުމުރުން 40 އަހރުން މަތީގެ މީހުންނަށް ޚާއްޞަކޮށް ތައާރަފުކުރާ ޕެކޭޖުގެ ތެރޭގައި ކެންސަރު ބަލި ހުރިކަން ކުރިއާލައި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހިމެނިގެންދާނެ ކަމަށްވެސް އާސަންދައިން މައުލޫމާތު ދީފައިވެއެވެ.
"ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ.،" އާސަންދައިން ބުންޏެވެ،.