Monday 24th Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

އޮލިމްޕިކްސްގައި ރަޝިއާގެ އެތުލީޓުންނަށް މަރުހަބާ އެއް ނުކިޔޭނެ: ޕެރިސް މޭޔަރު

2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރަޝިއާގެ އެތުލީޓުންނަށް ވާދަކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށާއި، އެމީހުންނަށް ޕެރިހުން މަރުޙަބާ ނުކިޔާނެ ކަމަށް ޕެރިސްގެ މޭޔަރު އޭން ހިޑާލްގޯ ވިދާޅުވެއްޖެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި އަންނަ އަހަރު ބާއްވާ ހޫނު މޫސުމުގެ ގޭމްސްގައި ރަޝިއާއިން ބައިވެރިވުމާ ދެކޮޅަށް ހިޑާލްގޯ ގެންގުޅުއްވާ ސްޓޭންޑަކީ އެ ގައުމުގެ އޮފިޝަލުން މިހާތަނަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ފައިވާ ސްޓޭންޑެވެ.
ރަޝިއާގެ އެތުލީޓުންނާ ދެކޮޅަށް އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ދިދައެއް ނުވަތަ ގައުމީ ސަލާމެއް ނެތި ނިއުޓްރަލް ވާދަވެރިންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އެތުލީޓުންނަށް ދޭންޖެހޭތޯ ބަހުސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
"ހަނގުރާމައެއް އޮތްހާ ހިނދަކު އެކަން ކޮށްގެން ނުވާނެ. އެއީ އަޅުގަނޑު އެކަނި ނިންމި ނިންމުމެއް ނޫން. އެއީ އެންމެން ގުޅިގެން ނިންމި ނިންމުމެއް،" ފްރާންސްގެ ޓީވީ ޗެނަލެއް ކަމަށްވާ ބީއެފްއެމް އަށް ދިން އިންޓަވިއުއެއްގައި ހިޑާލްގޯ ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑު ބޭނުމެއް ނޫން ރަޝިއާގެ އެތުލީޓުން ޕެރިސް އޮލިމްޕިކްސްގައި ބައިވެރިވާކަށް،" މޭޔަރު ސާބިތުކަމާ އެކު ވިދާޅުވިއެވެ.
ހިޑާލްގޯ ވިދާޅުވީ ރަޝިއާ އާއި ބެލަރޫސްގެ އެތުލީޓުންނަށް އެ ގައުމުތަކުގެ ދިދައާއި ގައުމީ ސަލާމް ބޭނުންކޮށްގެން ވާދަނުކުރެވޭ ގޮތަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ރަޝިއާއިން އޮލިމްޕިކް ޓްރޫސްއާ ހިލާފުވެފައިވާ ކަމަށް ބުނެ އޭނާ ބޭނުންވަނީ ރަޝިއާގެ އެތުލީޓުންނަށް ބައިވެރި ނުވެވޭގޮތަށް މުޅިން މަނާކުރުމަށެވެ.
އދ.ގެ ގަރާރަކުން ފާސްކުރި އޮލިމްޕިކް ޓްރޫސްއަކީ ގޭމްސްއަށް އެތުލީޓުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. މިދިޔަ އަހަރުގެ ބެއިޖިން ވިންޓާ އޮލިމްޕިކްސްއާ ދިމާކޮށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރައިގަތީ ފެބްރުއަރީ 24، 2022 ގައެވެ.
އޭގެ ފަހުން އައިއޯސީއަށް ޔޫކްރެއިން އާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ޕްރެޝަރު ބޮޑުވެ، އޮލިމްޕިކް އިވެންޓްތަކުން ރަޝިއާ އާއި ބެލަރޫސްގެ ވާދަވެރިން މުޅިން ބާކީކުރަން ޖެހުނެވެ. އަނެއް ބަޔަކު ބުނަނީ މިފަދަ ފިޔަވަޅެއް އެޅުމަކީ ރަށްވެހިކަމުގެ މައްޗަށް ބިނާކޮށް އެތުލީޓުންނާ މެދު ތަފާތު ކުރުން ކަމަށެވެ.
އައިއޯސީގެ ވިސްނުން ހުރީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ޕެރިސް އޮލިމްޕިކްސްގައި ބައިވެރިވުމާ މެދު ވަކި ގޮތެއް ނިންމުމަށެވެ. އައިއޯސީގެ ރައީސް ތޯމަސް ބެކް ވިދާޅުވާ ގޮތުގައި އައިއޯސީން މިހާތަނަށް ގެންގުޅޭ ސިޔާސަތަކީ ރަޝިއާ އާއި ބެލަރޫސްގެ މީހުންނަށް ނިއުޓްރަލް އެތުލީޓުންގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމެވެ.
އެހެންނަމަވެސް، ޕެރިހުގެ މޭޔަރުގެ މި ބަސްފުޅުތަކުން، ރަޝިޔާގެ ހަތިޔާރުއެޅި ޙަމަލާތަކާ ގުޅިގެން އަންނަ އަހަރުގެ ކުޅިވަރުގެ މައިދާނުގައި ރަޝިޔާ މުޅިން މަނާކުރުމަށް ޔޫކްރެއިންއިން ގޮވާލާ ގޮވާލުންތަކަށް ވަރަށް ބޮޑު ބާރެއް ލިބިގެންދެއެވެ.
މި ލިއުމާއި ގުޅޭ