ގައުމު މިހާރު ދަނީ ރަނގަޅު މިސްރާބުން ކަމަށާއި، އެކަން ހަޖަމު ނުވެގެން އިދިކޮޅުން މަސައްކަތް ކުރަނީ ބޭރު ގައުމެއްގެ ސަފީރަކު ބުނާގޮތަށް ކަންކަން ކުރެވޭ މިސްރާބަށް އަނެއްކާވެސް ގައުމު ގެންދިއުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކަަމަށެވެ.
އެގޮތުން 120 ބިލިއަނަށް ރުފިޔާގެ ދަރަނި، އެ ދައްކަންހުރި ތާރީހުތަކުގައި ދައްކަމުން އަންނަ ކަމަށާއި، އެކަން ކުރަނީ ކުރީ ސަރުކާރު ގޮތަށް ފައިސާ ޗާޕުކޮށްގެން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ރަށްރަށުގައި ގިނަ މަޝްރޫއުތައް ފަށާފައި ހުރީވެސް އެކަމަށް ބޭނުންވާ ފައިސާ ނެތި ކަމަށާއި، އެހެންވެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެކަމަކު، ފައިސާ ޗާޕު ނުކޮށް، ދައުލަތަށް ލިބޭ އާމްދަނީން ކުންފުނިތަކަށް ފައިސާ ދީގެން، އެ މަޝްރޫއުތައް ވެސް މިހާރު މޮބިލައިޒް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފައިސާ ޗާޕު ނުކުރީމާ ރައްޔިތުންނަށް ހިތްހަމަޖެހުމެއް އެބަ ލިބޭ، އިގްތިސާދަށް ދިރުން އަންނާނެ ކަމުގެ އުންމީދު އެބަ ލިބޭ. އެހެންވީމަ ރަނގަޅު މަގުން، ރަނގަޅު މިސްރާބަށް މިހާރު މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ މި މިސްރާބުން ދިޔައީމަ ރައްޔިތުން ބާރުވެރި މިވަނީ، ދިވެހި ގައުމަށް އިންވެސްޓުކުރާނެ އިންވެސްޓަރުންނަށް ކޮންފިޑެންސް އަންނަނީ. އެކަން [އިދިކޮޅު ފަރާތްތަކަށް] ހަޖަމު ނުވަނީ. އެހެންވީމަ އަނެއްކާވެސް މިސްރާބުން ކައްސުވާލެވޭތޯ، އެހެން ދިމާލަކަށް ގެންދެވޭތޯ އުޅޭ އުޅުމަށް އަޅުގަނޑުމެން ނުވާނެ އިޖާބަ ދީގެނެއް."
އިދިކޮޅު އެމްޑީޕީން މަޖިލިސް އިންތިހާބަށް ބޭނުންކުރާ "މިސްރާބު ހަމަމަގަށް" ކެމްޕެއިން ސްލޯގަން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިިދިކޮޅުން އުޅެނީ "ބޭރު ގައުމެއްގެ އެމްބެސިޑަރު" ބުނާގޮތަށް ކަންކަން ކުރެވޭ މިސްރާބަށް އަނެއްކާވެސް ގައުމު ގެންދަން ކަމަށެވެ.
"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ. ބޭރުގެ ބަޔަކު ބުނާހާ ގޮތަކަށް، ކައިރީގަ ހުންނަ އެމްބަސީގެ އެމްބެސިޑަރު ވަޑައިގެން ވިދާޅުވާ ގޮތަކަށް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.
"އެކަން މާޒީކުރީ ދިވެހި ރައްޔިތުން މިދިޔަ ރިޔާސީ އިންތިހާބުގަ. ދެން އަނެއްކާ އެ މަގަށް މިސްރާބު ހިފަން ރައްޔިތުން ފުރުސަތު ދީގެން ނުވާނެ. އެ މިސްރާބު ނުހިފިގެން [އިދިކޮޅުން] އެ އުޅެނީ. އެ މިސްރާބަކީ ހަމަ މިސްރާބެއް ނޫން. އެއީ ކަސިޔާރު މިސްރާބު."
ރައީސް ވިދާޅުވީ، ބޭރުގެ ގައުމެއްގެ އެންގުމަށް ރާއްޖެއިން އަމަލުކުރަންޖެހޭ ޖެހުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިންގެ ވޯޓުން ނިމުމަކަށް ގެނައުމަށްފަހު އަނެއްކާވެސް އެ މަގަށް ކަންކަން ދިއުމަށް ފުރުސަތު ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
"ބޭރުގެ އެމްބެސިޑަރަކު ބުނާގޮތަށް ގައުމު ހިންގަން މިސްރާބު ހިފަން އެ އުޅޭ މަސައްކަތް އަޅުގަނޑުމެން އެކަމަށް ފުރުސަތު ދެއްވައިގެން ނުވާނެ،" ރައީސް ތަކުރާރުކުރެއްވި އެވެ.
ރައީސް އިޝާރާތް ކުރެއްވީ އަވަށްޓެރި އިންޑިއާއަށެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އަވަށްޓެރި އިންޑިއާއާއި ވަރަށް ގާތް ގުޅުމެއް އޮތެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރީ އިންޑިއާއިން އަންގާ ގޮތަށް ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ފަދަ އެއްބަސްވުންތައް ވެސް އެ ގައުމާއެކު ހަދާފައި އޮތްކަމަށް ތުހުމަތުކުރެވިފައިވެ އެވެ.