Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު %15.1 އިތުރުވެއްޖެ: ފައިސަލް

މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ 15.1 އިންސައްތަ އިތުރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލު ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތައް ފައިސަލުވަނީ ހިއްސާކުރައްވާފައެވެ. މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 596،724 ފަތުރުވެރިންނެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 518،347 ފަތުރުވެރިންނެވެ.

އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އަހަރުން އަހަރަށް 15.1 އިންސައްތައިން އިތުރުވެފައެވެ. ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާއިރު ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތަކުން ލިބޭ ޓެކުހުގެ އާމްދަނީވެސް ނިމުނު އަހަރާ އަޅަބަލާއިރު މި އަހަރު އިތުރުވެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް މަހެއްގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 200،000 އަށްވުރެ އިތުރުވެފައިވެއެވެ. އަދި ފުރަތަމަ ކުއާޓާގައި އައި ފަތުރުވެރިންގެ އަދަދު 500،000 އަށްވުރެ އިތުރުވެފައިވެއެވެ.

ފަތުރުވެރިން އަންނަ އަދަދު މި އަހަރު އިތުރުވުމާއެކު އޮކިއުޕަންސީ ރޭޓުވެސް ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު އުޅެނީ މަތީގައެވެ. އެގޮތުން ޖަނަވަރީ މަހުގައި އޮކިއުޕަންސީ ރޭޓުހުރީ 73.1 އިންސައްތައިގައެވެ. ނިމުނު އަހަރުގެ ޖަނަވަރީ މަހުގައި އޮކިއުޕަންސީ ރޭޓު ހުރީ 71.8 އިންސައްތައިގައެވެ.

އަދި މި އަހަރުގެ ފެބްރުއަރީގައި އޮކިއުޕަންސީ ރޭޓު 79.7 އިންސައްތައަށް އަރާފައިވެއެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި އެ ނިސްބަތްހުރީ 73.3 އިންސައްތައިގައެވެ.

ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުވެ އޮކިއުޕަންސީ ރޭޓު އުފުލިފައިވާއިރު، ފަތުރުވެރިން އެވެރެޖުކޮށް ރާއްޖޭގައި ހޭދަކުރާ މުހުލަތުވެސް ކުރިއަށްވުރެ ދިގުވެފައިވެއެވެ. އެކަމުގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ފައިސާވެސް އިތުރުވާނެކަމަށް މާހިރުން ލަފާކުރައްވައެވެ.

މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒަކީ ފުރަތަމަ ފަހަރަށް ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިހާރު ފަތުރުވެރިން އަންނަމުންދާ މިންވަރަށް ބަލާއިރު މި އަހަރު ނިމޭއިރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެކަމަށް ބެލެވެއެވެ.

މި ލިއުމާއި ގުޅޭ