Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ޢަބްދުﷲ ޝާހިދު

އެމްޑީޕީގެ ދޮގު ދޮލަނގުން: ހިލޭ އެހީގެ ގޮތުގައި 3 މަހުން 1.9 ބިލިއަން ރުފިޔާ ލިބުނު ވާހަކަ

އޭޕްރީލު މަހުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް އިދިކޮޅު އެމްޑީޕީން ގެންގުޅޭ ސްޓްރެޓަޖީއަކީ މިއަދުގެ ސަރުކާރުގެ ބޮލުގައި ދޮގުހަދައި އޮޅުވައިލާކަމުގެ ބޮޑު ތުހުމަތުތައް އެޅުވުމެެވެ. މި ތުހުމަތުތައް ކުރުމަށް އެ ޕާޓީން ބޭނުންކުރަމުންދާ އިބާރާތަކީ "ދޮގު ދޮލަނގެވެ." މި އިބާރާތް އެންމެ ފުރަތަމަ ބޭނުންކުރެއްވި ބޭފުޅަކީ އެމްޑީޕީގެ މިހާރުގެ ރައީސް އަދި ނިމުނު އެ ޕާޓީގެ ވެރިކަމުގައި އެންމެ ބާރުގަދަ އެއް ވަޒީރުގެ ގޮތުގައި ހުންނެވި ކުރީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދެވެ.

ޝާހިދު އަރާވަޑައިގަންނަވާ ކޮންމެ ޖަލްސާއެއްގައި ދޮގު ދޮލަނގެއް ބޮލަށް ލައިގެން ދޮގު ވިއްކަން އުޅޭކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް އެކި ގޮތަށް ފާޑުވިދާޅުވެއެވެ. ޝާހިދު މިފަދައިން ވާހަކަދައްކަވާއިރު ޝާހިދަކީ ޚާރިޖީވަޒީރުކަމުގައި ހުންނަވައިގެން އެއިރުގެ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ޖަލްސާއެއްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އިތުރުފުޅު ހައްދަވާފައިވާ ބޭފުޅެކެވެ.

2019 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވެފައިވަނީ އެންމެ ތިން މަސްދުވަހުން 1.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ މިހާރުގެ މުސްތަޝާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހޯއްދަވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހަމަޖެހުނީ އެމަނިކުފާނު ބޭރަށް ކުރެއްވި ތިން ދަތުރުފުޅަކުންކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ޖޫން މަހުގެ 31 ވަނަ ދުވަހުކަމަށްވާއިރު، 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބުތަކަށް ބަލާއިރު އެ މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނީ 570 މިލިއަން ރުފިޔާއެވެ. އެ އަހަރަށް ހިލޭއެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. ޝާހިދުގެ ވާހަކަފުޅަށް ބަލާއިރު އޭނާ ވިދާޅުވެފައިވަނީ މުޅި އަހަރު ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވުނު މިންވަރަށްވުރެ 600 މިލިއަން ރުފިޔާ އިތުރަށް އެންމެ ތިން މަހުން ރައީސް އިބްރާހީމު އޮތީ ހޯއްދަވާފައެވެ.

ނަމަވެސް މުޅި އަހަރު ނިމުނުއިރު އެ އަހަރަށް ލިބޭނެކަމަށް އަންދާޒާކުރި 1.3 ބިލިއަން ރުފިޔާއިން 200 މިލިއަން ރުފިޔާ ލިބިފައިނުވެއެވެ. 31 ޑިސެންބަރު 2019 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ލިގުނީ 1.1 ބިލިއަން ރުފިޔާއެވެ. އެއީ ތިން މަހުން ލިބުނުކަމަށް ޝާހިދު ވިދާޅުވި 1.9 ބިލިއަން ރުފިޔާއަށްވުރެ 800 އެއްހައި މިލިއަން ރުފިޔާ މަދު އަދަދެެކެވެ.

އަދި އެންމެ ތިން މަސް ދުވަހުން ކުރީ ހަތަރު އަހަރު ލިބުނު ހިލޭ އެހީއަށްވުރެ ގިނަ އަދަދެއް ހޯދާފައިވާކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި މިހާރުގެ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސައީދު އެއިރު ފާހަގަކުރެއްވީ މޭޖާ އެކްޓިވް އެކްސްޓާނަލް ގްރާންޓު ނުވަތަ ބޭރުގެ ހިލޭ އެހީގެ ގޮތުގައި 222 މިލިއަން ޑޮލަރު އޭގެ ކުރީ ފަސް އަހަރު ލިބުނު ކަމެވެ. އެއީ ޖުމްލަ 3.4 ބިލިއަން ރުފިޔާ ކަމުން އެވާހަކައަކީވެސް ތެދު ވާހަކައެއް ނޫނެވެ. 3.03 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ފަސް އަހަރު ތެރޭގައި އެޅި ހުޅުމާލޭ ބުރިޖު މަޝްރޫޢު ހިންގުމަށް، ހަމައެކަނި ޗައިނާއިން ހިލޭ އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ އެއިރު ލިބުނެވެ.

ޝާހިދަކީ ޚާރިޖީވަޒީރުކަމުގައި ހުންނެވިއިރު މިފަދަ ތަފާތު އެކި މައްސަލަތަކުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވައިލެއްވުމަށް އެކި ފަހަރުމަތިން އެކި ގޮތްގޮތަށް އިތުރުފުޅުހައްދަވާފައިވާ ބޭފުޅެކެވެެ.

"އެމްޑީޕީގެ ދޮގު ދޮލަނގު" ސިލްސިލާގައި ވެރިކަމުގައި އޮތްއިރާއި، އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ދުވަސްވަރު އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން އެކި ކަންކަމާމެދު ހައްދަވާފައިވާ އިތުރުފުޅުތައް ހަނދާން އައުކުރުމަށްޓަކައި ގެނެސްދެވޭނެއެވެ.

މި ލިއުމާއި ގުޅޭ