އިއްޔެ އެމްޑީޕީން ގަލޮޅު އުތުރާއި ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމުގެ ސަބަބުން ރާއްޖެއަށް 2 ބިލިއަނެއްހައި ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 20،000 އިން މަދުވުމުގެ ސަބަބުން ރާއްޖޭގެ މުޅި އިޤުތިޞާދަށާއި ހުރިހާ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާކަމަށް ވިދާޅުވެ، ވަރަށް ސާފުކޮށް އަދަދުތަކެއްވެސް ކުރީގެ ރައީސް ވިދާޅުވިއެވެ.
އެގޮތުން ފާއިތުވި މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް 58 މިލިއަން ޑޮލަރުގެ ގެއްލުންވިކަމަށާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކަށް 68 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުން ކުރިމަތިވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ ދެ އަދަދު އެއްކޮށްލުމުން ރާއްޖޭގެ އިޤުތިޞާދަށް ލިބުނުކަމަށް އެމަނިކުފާނު ވިދާޅުވާ ޖުމްލަ ގެއްލުމަކީ 126 މިލިއަން ޑޮލަރު ނުވަތަ 1.9 ބިލިއަން ރުފިޔާގެ ގެއްލުމެކެވެ.
ދިވެހި އިޤުތިޞާދުގެ އެންމެ މައި ސިނާއަތަށް މިފަދަ ބޮޑު ހީނަރުކަމެއް އަތުވެއްޖެނަމަ އެކަމުގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާނީ ޓެކްސްއަށެވެ. ރާއްޖޭގެ ގިނަ ވިޔަފާރިތަކެއް ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމުގައިވާތީ، އެ ސިނާއަތަށް ރައީސް އިބްރާހީމު ވިދާޅުވިފަދަ ބޮޑު ލޮޅުމެއް އަންނައިރު ވިޔަފާރިތަކުގެ އާމްދަނީއަށް އެ ލޮޅުމުގެ އަސަރުކޮށް، ސަރުކާރަށް ދައްކާ ޓެކުުހަށްވެސް އަސަރުތަކެއް ކުރާނެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާންމުކޮށްފައިވާ ފާއިތުވި 2 މަހުގެ މާލީ ހިސާބުތަކަށް ބަލާއިރު ފެންނަ ބައެއް ހަގީގަތްތައް ކުރުކޮށް ފުރަތަމަ ފާހަގަކޮށްލާނަމެވެ. 2023 ވަނަ އަަހަރުގެ ޖަނަވަރީ މަހުގައި މީރާއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 3.4 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖަނަވަރީ މަހުގައި އެ އަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެހެންކަމުން މި އަހަރު މީރާއަށް ލިބުނު އާމްދަނީވަނީ 5.7 އިންސައްތަ އިތުރުވެފައެވެ.
ޖެހިގެން އައި ފެބްރުއަރީ މަހުގައި އާމްދަނީގެ ހާލަތު އިތުރަށް ރަނގަޅުވިއެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގައި 2.33 ބިލިއަން ރުފިޔާ މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.72 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ފާއިތުވި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ޖުމްލަ އާމްދަނީ 33.7 އިންސައްތަ އިތުރުވެފައިވެއެވެ.
އޭގެ އިތުރަށް މި އަހަރުގެ ފެބްރުއަރީ މަހުގައި 100.34 މިލިއަން ޑޮލަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވެއެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ލިބުނީ 73.60 މިލިއަން ޑޮލަރެވެ.
އާމްދަނީއަށް ފެބްރުއަރީ މަހުގައި އައި ހެޔޮ ބަދަލާއެކު މި އަހަރުގެ ފެބްރުއަރީ މަހުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ 22.3 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އޮތީ ފެބްރުއަރީ މަހުގައި ސީދާ ފަތުރުވެރިކަމުން ލިބުނު އާމްދަނީއެވެ. ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުސް (ޓީޖީއެސްޓީ)ގެ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގައި 1.1 ބިލިއަން ރުފިޔާ ލިބުނެވެ. ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ލިބުނީ 856 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ފެބްރުއަރީ މަހުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ކުރީ އަހަރާ އަޅާބަލާއިރު 40 އިންސައްތަ އިތުރުވެފައިވެއެވެ.
ދެން ސީދާ ފަތުރުވެރިކަމާ ގުޅިފައިވާ އަނެއް ޓެކުހަކީ ގްރީން ޓެކުހެވެ. ގްރީން ޓެކުހުގެ ގޮތުގައި ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ލިބުނީ 91.8 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި 102 މިލިއަން ރުފިޔާ ލިބުނެވެ. އެހެންކަމުން ގުރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 12 އިންސައްތަ މިއަހަރު އިތުރުވެފައިވެއެވެ.
ދެން އޮތީ ވިޔަފާރިތަކުން ދެއްކި ޓެކުހެވެ. ވިޔަފާރީގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ލިބުނީ 182.2 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި 246.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި އަހަރުގެ ފެބްރުއަރީ މަހުގައި ވިޔަފާރިތަކުގެ އާމްދަނީން ލިބުނު ޓެކުސް 35.1 އިންސައްތަ އިތުރުވެފައިވެއެވެ.
މި ތަފާސް ހިސާބުތަކުން ސާފުވާ ދެ ނުކުތާއެއް އެބައޮތެވެ. ހަމައެކަނި ފާއިތުވި ފެބްރުއަރީ މަހަށް ބަލާނަމަ، ފަތުރުވެރިކަމުން ސީދާ ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމެވެ. އަދި ރާއްޖޭގެ ގިނަ ވިޔަފާރިތަކަކީ ފަތުރުވެރިކަމަށް އަންނަ ހީނަރުކަމުން އަސަރުކުރާ ވިޔަފާރިތަކެއްކަމަށްވީ ނަމަވެސް ފާއިތުވި ފެބްރުއަރީ މަހުގައި ވިޔަފާރިތަކަށް ލިބުނު އާމްދަނީ އިތުރުވެ، އާމްދަނީގެ ޓެކުހުގެ ގޮތުގައި ވިޔަފާރިތަކުން ދެއްކި ފައިސާވެސް އިތުރުވެފައިވާ ކަމެވެ.
އޭގެ އިތުރަށް ފާއިތުވި އަހަރުގެ މާލީ ހިސާބުތަކަށް ބަލައި މި އަހަރުގެ ފުރަތަމަ ދެ މަހުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ އިތުރަށް އެ ދެ މަހުވެސް މީރާއަށް ފައިސާ ލިބިފައިވާކަމެވެ.
މި ހަގީގަތްތަކަށް ބަލާއިރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ފާއިތުވި ދެ މަހެއްހައި ދުވަހުގެ ތެރޭގައި 2 ބިލިއަނާ ގާތްކުރާ މިންވަރުގެ ބޮޑު ގެއްލުމެއްވެފައިވާކަމަށް ކުރީގެ ރައީސް ވިދާޅުވި ވާހަކަފުޅަކީ އެއްވެސް ހަގީގަތެއް ނެތް، މާލީ ހިސާބުތަކުން އެ ވާހަކައަކީ ކަނޑައެޅިގެން އިތުރުފުޅެއްކަން ކަށަވަރުވާ ވާހަކަފުޅެކެވެ.