މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ފުވައްމުލައް ސިޓީ، ނިއުވެލީ، އަލީ ޝަފީއު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރޯދަ މަހުގެ ފަހު 10 މިއަދު ފެށުމާ ގުޅިގެން ދިވެހި ހުރިހާ ރައްޔިތުންނަށް އެކަމުގެ ހެޔޮ ދުއާ ދަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ބަރަކާތާއި ސަވާބު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ފަހު 10 އެއީ ހާއްސަ ދުވަސްތަކެއް ކަމަށެވެ.
އެގޮތުން ރޯދަ މަހުގެ ފަހު 10 ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން ފަސޭހަ ކުރުމަށްޓަކައި ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދު ކުރަން ނިންމަވާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހެނދުނު ތެދުވެގެން މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމަ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް ދިވެހިންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ މިއީ މިހާތަނަށް ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށް ސަރުކާރު ބަންދުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އެމީހަކު ކުރާ މަސައްކަތުގެ ސަބަބުން ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ވަނީ ނިންމަވައިފައެވެ.
ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ހާއްސަކޮށް ސަރުކާރު ބަންދުކުރަން ނިންމެވި ނިންމެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.