ދިވެހި ސިފައިންގެ އެންމެ މުހިންމު އަސާސަކަށް ވާންވީ އިސްލާމީ އަގީދާގެ މަތީގައި ދެމިތިބެ، ފަހުރުވެރިކަމާއެކު ދީން ދެމެހެއްޓުމުގެ މަސައްކަތް ކުރުން ކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންނާ ބައްދަލު ކުރެއްވުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ މުހިންމު އަސާސްކަމުގައި ވާންވާނީ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބުން ކަމަށެވެ.
އަދި ކާމިޔާބީގެ އަސްލަކަށް ވާންވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަސްރުދިނުންކަން ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން، މީގެ ކުރިން ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ގައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، އެއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
ބަވަނަވެފައިވާ ދުނިޔެއަށް ކުރިމަތިވެފައިވާ ފިކުރީ ހަނގުރާމައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ސިފައިންގެ މީހަކީ ވެސް މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށެވެ. އެހެންނޫންނަމަ، މި ޖީލުގެ މުސްތަގުބަލު ބީވެ ހިނގައިދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށާއި، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ހާއްސަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވާފަ އެވެ.
ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރައީސް ވިދާޅުވީ، ސިފައިންނަކީ ވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް ވާއިރު، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަމަށެވެ.
އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ހާއްސަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.