ފައިސާ ޗާޕުކުރުން ހުއްޓާލުމަށްފަހު އާ ސަރުކާރު އައި ފަހުން ހަރަދުތައް ކުޑަކުރާތަން ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.
ދައުލަތުގެ ކޭޝްފްލޯ ޕޮޒިޝަނާ ގުޅޭގޮތުން އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވިދާޅުވީ، ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމަށްފަހު، ރިކަރަންޓު ހަރަދާއި ކެޕިޓަލް ހަރަދުތައް މިހާތަނަށް ކުޑަކަން ހިސާބުތަކުން ފެންނަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކެޕިޓަލް އެކްސްޕެންޑިޗާ ހުރީ 3.2 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މިއަހަރުގެ އެ މުއްދަތުގައި އެ އަދަރު ހުރީ 1.5 ބިލިއަން ރުފިޔާގަ އެވެ.
"ހިސާބު ތަކުން ފެނޭ ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާރިޗުގެ މިހާތަނަށް ކުޑަކަން. ކެޕިޓަލް އެކްޕެންޑިޗާ އެބަހުރި 2023 ގައި 3.2 ބިލިއަންގައި. އެކަމަކު މިހާރު އުޅޭކަމަށް މި ފެންނަނީ 1.5 ބިލިއަން ރުފިޔާގަ. ޖުމްލަ ހަރަދުތަކަށް ބަލާއިރު އެކި ދިމަދިމާލުން ކޮންޓްރެކްޓް ކުރެވިފަ. ހާއްސަކޮށް ޑޮމެސްޓިކް މާކެޓުން ފައިސާ ނަގައިގެން ކޭޝް ފްލޯ މެނޭޖު ކުރަމުން މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.
".. މުޅި ކޭޝްފްލޯ މެނޭޖުމަންޓުގައި ބުނެވޭނީ ވަރަށް ބޮޑު ކޮންޓްރެކްޝަނެއް ގެނެވިފައޭ މި އޮތީ."
ކުރީ ސަރުކާރުން ކޮވިޑް-19ގެ އިގްތިސާދީ ދަތިކަމުގައި ފައިސާ ޗާޕުކުރަން ފެށި ފެށުން ނިމުމަކަށް ގެނައިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހު އެވެ. އެއާއެކު ޑޮލަރުގެ އަގަށް ވެސް އޭގެ ހެޔޮ އަސަރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އާ ސަރުކާރު ހަވާލުވި އިރު ދަރަނި އިންތިހާއަށް އިތުރުވެ، ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުރު ފައްތަރެއްގައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މި ވަގުތަށް ކޮންމެހެން ބޭނުންވާ ޕްރޮޖެކްޓްތައް ނޫން ޕްރޮޖެކްޓްތައް ހިންގުން ވަގުތީ ގޮތުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ކޮވިޑް-19 އާލަމީ ވަބާގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވި ބޮޑު ދަތިތަކުން އަރައިގަތުމަށް، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ކުރީ ސަރުކާރުން މެދުކަނޑައިލީ 2020 ވަނަ އަހަރުގައި އެއް އަހަރުގެ މުއްދަތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން އެދިގެން ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓައިލި މުއްދަތު 2 ފަހަރެއްގެ މަތިން އިތުރުކޮށް، 8 ބިލިއަން ރުފިޔާ އެއިރުގެ ސަރުކާރުން ޗާޕުކުރިއެވެ.