ޣައްޒާ އަށް ޔަހޫދީން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޔޫރަޕުގެ އެންމެ ބޮޑު ބާރު ޖަރުމަނުވިލާތުގެ ވެރި ރަށް ބާލިން ގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މި މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ސުލްހަވެރި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އެ ގޮތުން "ފަލަސްތީން މިނިވަން ކުރޭ" އަދި " ޤަތުލް އާންމު ހުއްޓާލާ" ފަދަ ބަސްތައް ލިޔެފައިވާ ބެނާ ތައް ހިފައިގެން އެމީހުން ވަނީ މުޒާހަރާ ކޮށްފައެވެ.
މި މުޒާހަރާ ތެރޭގައި އެތައް ބަޔަކު ވަނީ ވާހަކަދައްކާ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ޖަރުމަނުވިލާތަކީ ފަލަސްތީނާއި ދެކޮޅު ވިސްނުން ވަރަށް ބޮޑަށް ހަރުލާފައިވާ މުޖުތަމައެއް އޮންނަ ގައުމެކެވެ.
ޖަރުމަނުވިލާތުގެ ސަރުކާރުން އަދިވެސް އިސްރާއީލުގެ ހަމަލާތައް ކުށްވެރި ކޮށްފައެއް ނުވެއެވެ.
މިދިޔައަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާއިން މިހާތަނަށް 33،000 އަށްވުރެ ގިނަމީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނެވެ.