މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާނެ ކަމަށް ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.
އިމާދު މިފަދައިން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯ އާ ގުޅޭގޮތުން އެމްއެމްއޭގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮމެޓީ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ މީގެ ކުރިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ގަންނަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 25 ޕަސަންޓަށް ޑޮލަރު ދޫކުރާކަން ފާހަގަކުރައްވާ ނަމަވެސް، މި ފަހުން އެ އަދަދު ދަށްކޮށްފައިވަނީ ބޭންކުތަކަށް އެމްއެމްއޭއިން ޑޮލަރު ހިފެހެއްޓުމުންތޯ ސުވާލު ކުރައްވާފައެވެ.