Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޤްތިސާދު

ސޮވެރިން ޑިފޯލްޓްވުމަކީ ކޮބާ؟

މާލީ ވަޒީރު އަމީރު. ފޮޓޯ:މިހާރު
ދަރަނީގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން، ބޭންކުތަކުން އަދި އެނޫންވެސް މާލީ މުއައްސަސާތަކުން ދަރަންޏަށް ފައިސާ ނެގުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެކި ބޭންކުތަކުން ދޫކުރާ "ލުއި" ލޯނު "ދަންތުރައިގައި" ޖެހިފައި ތިބި މީހުން މަދެއް ނޫނެވެ.
މިގޮތަށް ނަގާ ލޯނުތައް ނުދެއްކިއްޖެނަމަ ދެން ވާނެ ގޮތް ވެސް ގިނަ މީހުން ފަރިތަވާނެއެވެ. މުދަލެއް ރަހުނުކޮށްގެން ނަގާ ލޯނެއް ނަމަ، އެ މުދާ ބޭންކަށް ނަގައެވެ. މީހަކު ގެރެންޓީއެއް ދީގެން ނަގާ ލޯނެއް ނަމަ އެ މީހަކު އެ ލޯނު ދައްކާ ދޭންޖެހެއެވެ. ލޯނު ދައްކަން ދެން އެމީހެއްގެ ފަހަތުން ބޭންކުން ދުވެއެވެ. ކޯޓަށްވެސް ދެއެވެ. މި ކަންތައްތައް މިއީ އެންމެނަށްވެސް އެނގޭ ކަންކަމެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ނަގާ ލޯނުތަކާއި އެ ނޫންވެސް ދަރަނި (ބޮންޑު، ސުކޫކު ފަދަ މާލީ އިންސްޓްރުމެންޓްސް) ނުދެއްކިއްޖެނަމަ ކަންވާނެ ގޮތް ވަރަށް ސާފެވެ. ޤައުމުތަކުގެ ޤާނޫނީ ނިޒާމުން، އެކަންކަމަށް ހައްލު ހޯދޭނެއެވެ.މިއާއި ހިލާފަށް ދައުލަތަކުން، ބޭރުގެ ފަރާތަކުން ނަގާ ލޯނެއް ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކިއްޖެނަމަ އެ ނުދައްކާ ޤައުމާއި ދޭތެރޭ ޤާނޫނީ ގޮތުން އެޅޭނެ މާބައިވަރު ފިޔަވަޅުތަކެއް ނޯވެއެވެ. މުޅި ދުނިޔެއިން ޤަބޫލު ކުރާ އުސޫލުތަކެއް ނޫނީ ޤަވާއިދުތަކެއް މިކަމުގައި ކަނޑައެޅިފައި ނޯވެއެވެ.
ދައުލަތަކަށް ބޭރުގެ ދަރަނި ނުދެއްކިއްޖެނަމަ، އެކަމަށް އިނގިރޭސި ބަހުން ކިޔަނީ "ސޮވެރިން ޑިފޯލްޓް" އެވެ. ސޮވެރިން ޑިފޯލްޓް އަކަށް ދައުލަތް އާންމުކޮށް ދަނީ ދެގޮތަކަށެވެ. އެއްގޮތަކީ ބޭރުގެ ދަރަނި އަދާ ކުރުމަށް އެވަގުތަށް ބޭނުންވާ ފައިސާ ދައުލަތުގައި ނެތުމެވެ. މިއީ ދައުލަތަށް އިންތިހާއަށް ދަރަނިވެރިވުމުން ވާގޮތެއް ނޫނެނެވެ. ހަމަ އެކަނި އެ ދަނޑިވަޅުގައި ދިމާވާ ކޮންމެވެސް ހާލަތެއްގެ ސަބަބުން، ފައިސާ ނެތުމެވެ. މިއީ އާންމުކޮށް ކުރު މުއްދަތުގައި ވާކަމަކެވެ. މިކަހަލަ ހާލަތްތަކުގައި ދަރަނި ދޫކޮށްފައިވާ ފަރާތްތަކުން، އާންމުކޮށް އެ ފައިސާ ދައްކަން ޖެހޭ ތާރީހު ދެތިން މަހަށް ފަސްކޮށްދިނުން ކަހަލަ ކަންތައްތައް ކޮށްދެއެވެ. ދެވަނަ ގޮތަކީ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ނަގާފައި ހުރި ގިނަ ދަރަނިތައްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. އެ ހާލަތުގައި ދަރަނި ދޫކުރި ފަރާތްތަކުން ލުއިތައް ދޭން ދެކޮޅު ހަދާނެއެވެ. އަދި އެއާއި އެކު ސޮވެރިން ޑިފޯލްޓް ވީކަމަށް ނިންމާނެއެވެ. ސޮވެރިން ޑިފޯލްޓަކަށް ދައުލަތް ދާ ބައިވަރު ސަބަބުތައް ހުރެއެވެ. ނަމަވެސް އޭގެ ތަފްސީލު މި ރިޕޯޓުގައި ހިމަނާފައި ނުވާނައެވެ.
ދައުލަތްތަކުން އާންމުކޮށް ދަރަންޏަށް ފައިސާ ހޯދަނީ 3 ގޮތަކަށެވެ. އެއީ ސީދާ އެހެން ދައުލަތަކުން ދަރަނީގެ ގޮތުގައި ހޯދާ ފައިސާ އާއި، ބޭރުގެ އަމިއްލަ ބޭންކަކުން ހޯދާ ފައިސާ އާއި ބޭރުގެ ހިއްސާގެ ބާޒާރަށް ބޮންޑު ވިއްކައިގެން ހޯދާ ފައިސާއެވެ. މީގެއިން އެއްވެސް ގޮތަކަށް ނަގާފައިވާ ދަރަންޏެއް ނުދެއްކިއްޖެނަމަ ޤައުމުތަކުން އާންމުކޮށް މަޝަވަރާ ކުރަނީ 2 ފަރާތަކާއެވެ.
މިގޮތުން ޤައުމުތަކުން ނަގާފައި ހުރި ލޯނުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރާނީ "ޕެރިސް ކްލަބް" ގެ ނަމުން މަޝްހޫރު އާންމުކޮށް އެހެނިހެން ޤައުމުތައް ލޯނު ދޫކުރާ ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމާއަތަކާއެވެ. ޕެރިސް ކްލަބުގެ ރަސްމީ މެމްބަރުންގެ ގޮތުގައި 20 ޤައުމު ހިމެނޭ އިރު، ބައެއްފަހަރު އެހެން ޤައުމުތަކުންވެސް ޕެރިސް ކްލަބްގެ ބައްދަލުވުންތަކުގައި ބައިވެރިވެއެވެ. ޤައުމުތަށް ސޮވެރިން ޑިފޯލްޓަަކަށް ގޮސްފިނަމަ، ޕެރިސް ކްލަބްގެ މެމްބަރު ޤައުމުތަކުން ލޯނުތަކަށް ލުއި ގޮތްތައް ހޯދައި ދެވޭތޯ މަސައްކަތް ކުރެއެވެ.
އަމިއްލަ ބޭންކުތަކުން ނަގާ ލޯނުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ "ލަންޑަން ކްލަބް" ގެ ނަމުން މަޝްހޫރު އަމިއްލަ ބޭންކުތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ބޭންކުތަކުގެ ޖަމާއަތަކާއެވެ. ޕެރިސް ކްލަބް އެކޭ އެއްފަދައިން ލަންޑަން ކްލަބްގެ މެމްބަރު ބޭންކުތަކުން، ސޮވެރިން ޑިފޯލްޓް ވާ ޤައުމުތަކަށް ދަރަނި ދެއްކުމުގައި އެހެން ގޮތްތައް ހަމަ ޖައްސައެވެ.
ދައުލަތްތަކުން ދަރަނީގެ ގޮތުގައި ފައިސާ ހޯދާ ތިންވަނަ ގޮތަކީ ބޭރުގެ މާކެޓުތަކަށް ބޮންޑު ވިއްކުމެވެ. ބޭންކުތަކާއި ޤައުމުތަކާއި ހިލާފަށް ބޮންޑުތައް ވިއްކައިގެން ހޯދާ ފައިސާ ނުދެއްކިއްޖެނަމަ، މިގޮތަށް މަޝްވަރާ ކުރާނެ އިތުރު ޖަމާއަތެއް އަދި އެކުލެވިފައި ނުވެއެވެ.
ޕެރިސް ކްލަބާއި، ލަންޑަން ކްލަބާއި އެކު މިގޮތަށް ބޭއްވޭ މަޝްވަރާތަކަކީ ދިގު އަދި އުނދަގޫ މަސައްކަތެކެވެ. ސޮވެރިން ޑިފޯލްޓުވުމުން، އަމަލު ކުރަންޖެހޭ ކަނޑައެޅޭ ވަކި އުސޫލެއް ނޯންނަ ކަމުން، ކޮންމެ ފަހަރަކުވެސް އެފަދަ ހާލަތެއް ދިމާވުމުން، ގޮތް ނިންމަނީ މަޝްވަރާތަކަށް ފަހުގައެވެ. މިފަދަ މަޝްވަރާތަކުގައި އާންމުކޮށް ދަރަންޏަށް ލުއި ދިނުމުގެ ގޮތުން ކުރާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުން، ދަރަނި ދައްކަން އިތުރު ލޯނުތައް ދިނުން، އަދި ބޮންޑު ނަމަ ބޮންޑުތައް މެޗުއަރ ވާ މުއްދަތު އިތުރު ކޮށްދިނުމެވެ. އަދި ބައެއް ހާލަތްތަކުގައި ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުގެ ތެރެއިން ބައެއް މާފު ކުރުމާއި، ލޯނުތަކުގެ އިންޓަރެސްޓް ރޭޓާއި، ބޮންޑުތަކުގެ ކޫޕަން ރޭޓުތަކަށް ބަދަލު ގެނައުމަކީވެސް ކުރާ ކަމެކެވެ.
ޤައުމެއް ދަރަނިވެރިވެ ސޮވެރިން ޑިފޯލްޓަކާއި ދިމާލަށް ދާހެން ހީވުމުން އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ބައެއް ހާލަތްތަކުގައި އެ ޤައުމަކަށް އެހީވެއެވެ. މިގޮތުން ތިން ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ފުރަތަމަ ގޮތަކީ ކުރު މުއްދަތުގައި ބޭނުންވާ ފައިސާ ހަމަޖައްސައި ދިނުމެވެ. އެއީ ސޮވެރިން ޑިފޯލްޓް ގެ ފުރަތަމަ ގޮތަކީ ކުރު މުއްދަތުގައި ދިމާވާ ކަމަކުން އެ ވަގުތަށް ލޯނު ދައްކަން ބޭނުންވާ ނަގުދު ފައިސާ ނެތުން ކަމުގައިވާތީ، މިހާލަތުގައި އައިއެމްއެފް އިން ހަމަޖައްސާދޭ ފައިސާއިން ސޮވެރިން ޑިފޯލްޓަކަށް ނުގޮސް ސަލާމަތްވެއެެވެ. މިގޮތަށް އާންމުކޮށް ހަމަޖައްސާ ދޭނީ ނިސްބަތުން މަދު އަދަދެއްގެ ފައިސާއެވެ.
މީގެ އިތުރުން އައިއެމްއެފްގެ ސްޓޭންޑްބައި އެގްރީމެންޓްގެ ދަށުން ވެސް އައިއެމްއެފް އިން ފައިސާ ދޫކުރެއެވެ. ނަމަވެސް މިގޮތަށް ފައިސާ ދޫކުރާއިރު، ގިނަ ކަންތައްތަކެއް އެ ފައިސާ ހޯދާ ޤައުމަކަށް ޝަރުތުކުރެއެވެ. ސަރުކާރުގެ ވަޒީފާތައް މަދު ކުރުމާއި، ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި، ދައުލަތުގެ ހަރަދު ކުޑަކުރުން ފަދަ ގިނަ ކަންކަން އައިއެމްއެފްއިން ޝަރުތުކުރެއެވެ. އައިއެމްއެފްގެ ސަބަބުން ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާ ޤައުމަކަށް އެހީތެރިކަން ލިބޭ ތިންވަނަ ގޮތަކީ، އައިއެމްއެފް އިން ލޯނު ދިނުމުން، ދެން އެހެނިން ޤައުމުތަކަށާއި އަމިއްލަ ބޭންކުތަކަށް އެ ޤައުމާއި ދޭތެރޭ ކޮންމެވެސް ވަރެއްގެ އިތުބާރެއް އުފެދުމެވެ. އަދި އެ ފަރާތްތަކުންވެސް ލޯނު ދޫކުރެއެވެ.
ޖުމްލަ ގޮތެއްގައި ޤައުމެއް ސޮވެރިން ޑިފޯލްޓަކަށް ދިޔުމުން، އެކަމުން އަރައިގަންނަން އާންމުކޮށް ކުރަނީ މަތީގައި މިދެންނެވުނު ކަންތައްތަކެވެ. މިއާއި އެކު މި ހާލަތުގައި ޤައުމުގެ އިޤްތިސާދަށްވެސް ބޮޑެތި ލޮޅުންތައް އަންނާނެއެވެ. އޭގެ ތަފްސީލު އެހެން ރިޕޯޓެއްގައި ގެނެސްދެވޭނެއެވެ.
މި ލިއުމާއި ގުޅޭ