ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ނިކުމެވަޑައިގެން އެކި ތަންތަނުގައި ދައުލަތުގެ ހާލަތާ ގުޅޭ ގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެންދަވަނީ އެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ. އެގޮތުން ރޭ މާފަންނުގައި އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމުވަނީ މުހިއްމު ދެކަމެއް ފާހަގަކުރައްވާފައެވެ.
ފުރަތަމަ ނުކުތާއަކީ ސަރުކާރަށް މާލީ ގޮތުން ދަަތިވެފައިވަނީ އިންޑިއާއިން ނަގާފައިވާ ދަރަނީގެ ސަބަބުން ނޫންކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. އިންޑިއާއިން އެންމެ ބޮޑު ދަރަންޏެއް ނަންގަވާފައިވަނީ ރައީސް އިބްރާހީމުގެ ވެރިކަމުގައެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރަށް އެންމެ ބޮޑަށް އަމާޒުވި އެއް ފާޑުކިޔުމަކީ އިންޑިއާއިން ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ހޯއްދަވައިގެން އެ ފައިސާއިން އެކަށީގެންވާ ގޮތަކަށް މަސައްކަތްތައް ނުކުރެވި ހުރުމެވެ.
ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހީމު ވިދާޅުވެފައިވަނީ ސަރުކާރަށް ދަތިވެގެން އުޅެނީ ޗައިނާއިން ޕީޕީއެމްގެ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ސަބަބުން ކަމަށެވެ. އަދި އިންޑިއާއިން ނަގާފައިވަނީ އެންމެ 8 ބިލިއަން ރުފިޔާކަމަށާއި ޗައިނާއަށް ދައްކަންޖެހޭ ދަރަނި 18 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހީމު މިފަދައިން ވިދާޅުވެފައިވާއިރު އިންޑިއާގެ އެގްޒިމް ބޭންކުން އެމަނިކުފާނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ އަދަދު އެކަނި 22 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އިންޑިއާއިން ނަގާފައިވާ ޖުމްލަ ދަރަނި 40 ބިލިއަން ރުފިޔާއަށް އަރައެވެ.
މިކަން ހާމަކުރެއްވީ 18 ޖަނަވަރީ 2023 ވަނަ ދުވަހުގެ ރޭ ހަނިމާދޫ އެއާޕޯޓު މަޝްރޫޢު އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ މިހާރުގެ ރައީސް އަދި ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އޭނާއެވެ. އެގޮތުން ޝާހިދު ވިދާޅުވެފައިވަނީ އިންޑިއާއިން 2.7 ބިލިއަން ޑޮލަރުގެ އެހީ ހަމަޖައްސާފައިވާ ކަމަށެވެ. އެއިން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސާފައިވަނީ 173.7 މިލިއަން ޑޮލަރުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އިންޑިއާއިން ނަގާފައިވާ ދަރަނި 40 ބިލިއަން ރުފިޔާއަށް އަރައިފި https://t.co/J7BUKIKZ1R
— Dhiyares (@DhiyaresNews) January 19, 2023
ޝާހިދުގެ ވާހަކަފުޅުން ސާފުކޮށް އެނގޭ ގޮތުގައި އިންޑިއާއިން ދިން "އެހީގެ" ތެރެއިން އަނބުރާ ދައްކަންނުޖެހޭ ގޮތަށް އެ ޤައުމުން ދިނީ 173.7 މިލިއަން ޑޮލަރެވެ. ޝާހިދުގެ ވާހަކަފުޅުން ސާފުވާ ގޮތުގައި ޖުމްލަ 2.7 ބިލިއަން ޑޮލަރު އިންޑިއާއިން ލިބުނުއިރު އެއިން ހިލޭ އެހީގެ ގޮތުގައި ލިބުނު 173.7 މިލިއަން ޑޮލަރު އުނިކުރުމުން އަންނަ 2.58 ބިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނެވެ. އެއީ ދިވެހި ރުފިޔާއިން 39.8 ބިލިއަން ރުފިޔާއެވެ.
އެހެންކަމުން އެމްޑީޕީގެ މިހާރުގެ ރައީސްގެ އިއުތިރާފުންވެސް ސާފުވާ ގޮތުގައި، އިންޑިއާގެ ދަރަންޏާ ގުޅޭ ގޮތުން ރައީސް އިބްރާހީމު ރޭ ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން އިތުރުފުޅެކެވެ.
ދެވަނަ ވާހަކަފުޅެއްގެ ގޮތުގައި ރައީސް އިބްރާހީމު ދެއްކެވީ މިހާރުގެ ސަރުކާރަށް ބޭރުގެ ޤައުމުތަކުން އެހީތެރިކަން ނުލިބޭ ވާހަކައެވެ. އަދި ސަރުކާރަށް އެހީތެރިކަން ނުލިބެނީ ބޯހަރުކަމުންކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
މިވާހަކަފުޅުގެ ތެދުދޮގު ބަލައިލަން ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް މި ސަރުކާރަށް ހިލޭއެހީގެ ގޮތުގައި ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު މިންވަރަށްވުރެ 13 އިންސައްތަ އިތުރަށް ފައިސާ ލިބިފައިވެއެވެ. އެހެންކަމުން ހިލޭއެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މި ސަރުކާރުގައި އިތުރުވީއެވެ.
މީގެ ކުރިންވެސް ދައުލަތުގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ރައީސް އިބްރާހީމު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ތެރޭގައި ދެކޮޅުނުޖެހޭ އަދި ސާފުކޮށް ހިސާބުތަކުން އިތުރުފުޅުކަން އެނގޭ ގިނަ ވާހަކަފުޅުތައް ހިމެނިފައިވެއެވެ.