ނިމުނު އެމްޑީޕީގެ ވެރިކަމުގައި ފެށި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން މ.ރަތްމަންދޫގައި ފެނަކަ ކުންފުންޏާ ހަވާލުކޮށްގެން ހިންގަން ފެށި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ފެނަކައާ އެއިރުގެ ސަރުކާރުން ހަވާލުކުރި 15 ރަށެއްގެ ނަރުދަމާ އަދި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. އެ މަޝްރޫޢުތައް ހަވާލުކުރީ ޖަނަވަރީ، 2022ގެ 19 ވަނަ ދުވަހުއެވެ.
ފެނަކައާ ހަވާލުކުރި ނަރުދަމާއާއި ފެނުގެ މަޝްރޫޢުތަކުން އެންމެ މަޝްރޫޢެއްވެސް ނުނިމޭ!
— Dhiyares (@DhiyaresNews) October 6, 2023
https://t.co/nQ6kRZ45c0
2023 ވަނަ އަހަރުގެ ޖުލައި މަހުގައި "ދިޔަރެސް" ނޫހުންވާނީ އެ ހިސާބަށް ކުރީ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފުސީލުތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިފައެވެ.
"ދިޔަރެސް"އިން ހުށަހެޅި ހުށަހެޅުމަށް އެ ވުޒާރާއިންވަނީ އެއިރު ސަރުކާރުން ފަށާފައިހުރި ފެނާއި ނަރުދަމާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގާފައިވާ މިންވަރުގެ ތަފުސީލުތައް ހިއްސާކޮށްފައެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި އެ މަޝްރޫޢުތަކުގެ އަގުތަކާއި، އެހައިތަނަށް އެ މަޝްރޫޢުތައް ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފުސީލުތައް ހިމެނެއެވެ.
ފެނަކައާ ފެނާއި ނަރުދަމާގެ 15 މަޝްރޫޢެއް ހަވާލުކޮށްފައިވެއެވެ. އެ ހުރިހާ މަޝްރޫޢެއްގެ އަގަކީ 3،701،088،932 (ތިން ބިލިއަން ހަތްސަތޭކަ އެއް މިލިއަން އަށްޑިހަ އަށްހާސް ނުވަސަތޭކަ ބައްތިރީސް) ރުފިޔާއެވެ.
މިނިސްޓްރީން އެއިރު ފޯރުކޮށްދިން މައުލޫމާތަަށް ބަލާއިރު 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުން ނިމިފައިވަނީ 19.18 އިންސައްތަ މަސައްކަތެވެ. ފެނަކައާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން 10 މަޝްރޫޢެއްގެ މަސައްތަކުގެ 10 އިންސައްތަވެސް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއިރު ކުރިއަށްނުދެއެވެ.
އެ މަޝްރޫޢު ހަވާލުކުރި ތާރީޚަށް ދެ އަހަރުވީއިރު އެ މަޝްރޫޢުން ނިމިފައިވަނީ އެންމެ 26 އިންސައްތައެވެ. ސަބަބަކީ އެ މަޝްރޫޢުތައް ހަވާލުކުރި ފެނަކަ ކުންފުނީގައި އެ މަސައްކަތްކުރުމުގެ ޤާބިލުކަން ނެތުމެވެ.