ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އޮޕަރޭޓް ކުރަމުން އައި ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން އެ ގައުމުން ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްތަށް ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން، އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޭބުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިން ޕްލެޓްފޯމުގެ ތެރެއިން، އައްޑޫގައި އޮތް ހެލިކޮޕްޓަރާއެކު އެތަނުގައި ތިބި އިންޑިއާ ސިފައިން ވަނީ މި މަހު 10 ވަނަ ދުވަހު ރާއްޖެއިން ފައިބާފަ އެވެ. ދެ ގައުމުން އެއްބަސްވެފައިވާ ގޮތުން، އެ ގައުމުން ހަދިޔާކޮށްފައިވާ ތިން ވައިގެ އުޅަނދު ދެން ބަލަހައްޓާނީ އިންޑިއާގެ ސިވިލިއަން މީހުންނެވެ.
ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން އެ ގައުމުގެ 26 ސިވިލިއަނުން މިހާރު ގެނެސްފައިވާކަން ގައުމީ ދިފާއީ ބާރުން މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ހާމަކޮށްފަ އެވެ.
އޮންލައިން ނޫސް "މިހާރު" އަށް ރައީސް ޑރ. މުއިއްޒު މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާއިން ގެންނަ ސިވިލިއަނުންނަކީ ވެސް އުމުރުދުވަހަށް ރާއްޖޭގައި ތިބެން ގެންނަ ބައެއް ނޫން ކަމަށެވެ. އެމީހުންނަކީ އެގްރީމަންޓެއް ހެދިގެން ވަކި މުއްދަތަކަށް އުޅަނދުތައް އޮޕަރޭޓްކުރަން ގެންނަ ބައެކެވެ.
"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ވައުދާ އެއްގޮތަށް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުން ކަމަށްވާތީ، ބެއްލެވީ އެންމެ ކުރު މުއްދަތެއްގައި އަދި އެންމެ އަވަހަށް އެކަން ކުރޭވެނެ މަގެއް ހޯދުމަށެވެ. ވަކި މުއްދަތަކަށް އުޅަނދުތައް އޮޕަރޭޓްކުރަން ސިވިލިއަނުން ގެންނަން ނިންމީ އެހެންވެ އެވެ.
"އެއްގޮތަކަށް ވެސް މިލިޓަރީ މީހުން ބާލާފައި ސިވިލިއަނުންގެ ހެދުން ލަނީކީއެއް ނޫން. އެއީ ހަމަ މިލިޓަރީ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެނައުން،" ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ ސިވިލިއަނުން އެ އުޅަނދުތައް އޮޕަރޭޓް ކުރިޔަސް، ކޮމާންޑް އެންޑް ކޮންޓްރޯލު އޮންނާނީ ދިވެހި ދިފާއީ ބާރުގެ އަތުގައި ކަމަށް ވެސް މި މަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެޕުން ބުނެފައިވެ އެވެ.
އެއްބަސްވެފައިވާ ތާރީހަށްފަހު އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން މި މަހު ކުރީކޮޅު ބ.އޭދަފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މެއި މަހުގެ 10 ވަނަ ދުވަހަށް ފަހު، ޔުނީފޯމުގައި ވިޔަސް އަދި ކުލަ ހެދުމުގައި ވިޔަސް އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭނެ ކަމަށެވެ.