Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިން އަންނަ މިންވަރު

ފަސްލައްކަ ފަތުރުވެރިން އައުމާއި، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުވުމަކީ ބޮޑު ކާމިޔާބެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް ފަތުރުވެރިކަމުން ލިބެމުންދިޔަ އާމްދަނީ ދަށްވާން ފަށާފައި އޮތުމެވެ.

2023 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވި ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީ އެ ނިސްބަތާ އެއްވަރަށް އިތުރުވެފައިނުވާ ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ވިދާޅުވީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް ނުވަތަ ދުވަސްތައް މަދުވުމެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ވަގުތެއްގައި މިއަހަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް ސަރުކާރުން ކަނޑައެޅި އަމާޒަކީ އަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެ އަމާޒަށް މަސައްކަތްކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖެ ޕްރޮމޯޓުކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.

ޖަރުމަންވިލާތުގެ ބާލިންގައި އޮތް އައިޓީބީ ފެއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ އަދި އެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ވިޔަފާރިތައް ގުޅިގެން ބައިވެރިވެ ކުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީން ބުނެފައިވަނީ ފާއިތުވަމުންދާ 3 މަހެއްހައި ދުވަހު އެ ކުންފުނިން ރާއްޖެ އިޝްތިހާރުކުރުމަށް 7 ފެއާއެއްގައި ބައިވެރިވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސްޕެއިނާއި، ޖަރުމަނާއި ރަޝިޔާގައި އޮތް ފެއާތައް ހިމެނެއެވެ. އަދި އިންޑިއާގައި އޮތް ފެއާއެއްގައިވެސް އެމްއެމްޕީއާރުސީން ބައިވެރިވެފައިވެއެވެ. މިއަހަރު އެ ކުންފުނިން ބައިވެރިވި ފެއާތަކުގެ ތެރެއިން 2 ފެއާއަކީ މުޅިން އަލަށް ރާއްޖެއިން ބައިވެރިވި ދެފެއާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އޭގެ އިތުރަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ސީދާ ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުކޮށްފިއެވެ. ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައްވެސް ހިންގައިފިއެވެ.

ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއަކީ ފާއިތުވި 2023 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 13 އިންސައްތަ އިތުރުވެ، އަހަރުގެ ފުރަތަމަ 3 މަސް ނުނިމެނީސް 500،000 ފަތުރުވެރިން ރާއްޖެ އައުމެވެ. އަދި މުޅި އަހަރަށް ސަރުކާރުން ކަނޑައެޅި 2 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒު ހާސިލުވުމުގެ އުންމީދު ބޮޑުވުމެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުވި ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރުވާނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުވެގެންނެވެ. ފާއިތުވި އަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގައި ފަތުރުވެރިން އެވެރެޖުކޮށް ހޭދަކުރަމުންއައީ 7 ދުވަހެވެ. ނަމަވެސް މިހާރު އެ އަދަދުވަނީ 8 ދުވަހަށް އިތުރުވެފައެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް އިތުރުވުމުގެ ހެޔޮ ނަތީޖާ މީރާގެ ހިސާބުތަކަށް ބަލާއިރު އަންނަނީ ފެންނަމުންނެވެ. ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީވެސްވަނީ އިތުރުވެފައެވެ.

މި ލިއުމާއި ގުޅޭ