Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓު ޑެފިސިޓުވުން: ހިސާބުތަކުން ފެންނަ މާލީ ޙަޤީޤަތްތަކަކީ ކޮބާ؟

ސަރުކާރު ކެބިނެޓް ބައްދަލުވުން، ފޮޓޯ: ރައީސް އޮފީ

އިއްޔެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތާރީޚުގައި މުހިއްމު ދުވަހެކެވެ. މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓު ތަންފީޒުކުރަން, އެމަނިކުފާނުގެ ސަރުކާރުން ފެށިފަހުން, ފުރަތަމަ ފަހަރަށް ބަޖެޓު ޑެފިސިޓުވީއެވެ. ނޫސްތަކުގެ ފަލަސުރުޚީތަކުން ބަޖެޓު ޑެފިސިޓުވި ވާހަކަ ފެނުނު ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަ ބައެއް ހަގީގަތްތައް އެހައި ސާފުކޮށް އެލިޔުންތަކުން ފެންނަން ނެތެވެ. އެހެންކަމުން މިހާލަތުގައި ކުރިމަތިވެފައި އޮތް އެންމެ މުހިއްމު ސުވާލަކީ، ތަހުލީލީ ނަޒަރަކުން ދައުލަތުގެ މާލީ ހިސާބުތަކަށް ބަލައިލުމުން ފެންނަނީ ކޮން ހަގީގަތްތަކެއް ހެއްޔެވެ؟

މި ސުވާލަށް ޖަވާބު އެރުވުމުގެ ކުރިން ބައެއް މާލީ މުސްތަލަހުތަކާއި މަފުހޫމުތަކަށް ކުރު ގޮތަކަށް ނަމަވެސް އަލިއަޅުވައިލަންޖެހެއެވެ. އަދި އެ މަފުހޫމުތައް ތަންފީޒުކުރުމުގައި ކުރީ ސަރުކާރާއި މި ސަރުކާރުގެ ފަރަގަށްވެސް ބަލައިލަންޖެހެއެވެ. އެ މަފުހޫމުތައް އެކަށީގެންވާ ގޮތުގައި ތަންފީޒުނުކުރެވުމުން ބަޖެޓު ތަންފީޒުކުރުމުގައި ކުރިމަތިވި ކަންކަމަށްވެސް އަލިއަޅުވައިލަންޖެހެއެވެ.

ފިސްކަލް އެންކާ ހިފަހެއްޓުމާއި، ފިސްކަލް ޕްރޫޑެންސް

އެގޮތުން ބަލާއިރު ދައުލަތުގެ މާލީ ކަންކަން ހިންގުމުގައި އެންމެ މުހިއްމު އެއް މަފުހޫމަކީ ފިސްކަލް އެންކާގެ މަފުހޫމެވެ. ފިސްކަލް އެންކާއަކީ ބަޖެޓު ތަންފީޒުކުރުމުގައި އެ މައްޗަށް ސަރުކާރުން އަބަދުމެ ބަރޯސާވާ ސަރުކާރުގެ ޚަރަދުކުރުމުގެ ސުލޫކު (ސްޕެންޑިން ބިހޭވިއާ)ގެ އަސާސީ މަބްދައުކަމަށް ފްރޭސާ އިންސްޓިޓޫޓުން ޝާއިއުކޮށްފައިވާ ޕްރޮފެސާ ޑޭވިޑް ހެންޑާސަންގެ މި ދިރާސާގައި ބަޔާންކުރެއެވެ. ކުރީ ސަރުކާރުގެ ޚަރަދުތައް ބެލެހެއްޓުމުގައި ފިސްކަލް އެންކާއެއް ނުވަތަ އަސާސީ މަބްދައެއްގެ ގޮތުގައި ގެންގުޅުނީ ކޮން އުސޫލެއްކަން އެއިރުގެ ސަރުކާރުން އެއްވެސް އިރެއްގައި ހާމަކޮށްފައިނުވެއެވެ.

މި ސަރުކާރުގެ މާލީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤު "ދިޔަރެސް"އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ޚަރަދުތައް ކުރުމުގައި އަދި ދައުލަތުގެ ފިސްކަލް ސިޔާސަތުގައި ގެންގުޅޭނެ މައިގަނޑު އެއް ފިސްކަލް އެންކާއަކީ ދައުލަތުގެ އާމްދަނީއަށްވުރެ ދައުލަތުގެ ރިކަރެންޓު ޚަރަދުތައް ބޮޑުވިޔަނުދީ ހިފަހެއްޓުން ކަމަށެވެ. މާނައަކީ ދުވަހުން ދުވަހަށް ސަރުކާރުން ކުރަންޖެހޭ ޚަރަދުތަކާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ބޮޑުވިޔަނުދީ ހިފަހެއްޓުމެވެެ.

ސަރުކާރުގެ މާލީ ސިޔާސަތާ ގުޅޭ ދެވަނަ މަބްދައަކީ ފިސްކަލް ޕްރޫޑެންސްގެ މަބްދައެވެ. އެމެރިކާގެ ނޭޝަނަލް އެކަޑެމީސް ޕްރެސްއިން 2010 ވަނަ އަހަރު ނެރުނު "ޗޫސިން ދަ ނޭޝަންސް ފިސްކަލް ފިއުޗާ"ގައި ފިސްކަލް ޕްރޫޑެންސްގެ މަބްދައު ބަޔާންކޮށްދީފައިވަނީ ދައުލަތުގެ ދަރަނި އިޤުތިޞާދު ކުރިއަރާ މިންވަރަށްވުރެ ހަލުއިކޮށް އިތުރުވިޔަނުދިނުމަށްޓަކައި ޚަރަދުކުރުމުގެ ޒިންމާދާރުވުމާއެކު، އާމްދަނީ އިތުރުވާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ ފިސްކަލް ޕްރޫޑެންސްގެ އުސޫލުގެ މައިގަނޑު އަސާސް ކަމަށެވެ.

މިދެންނެވި ދެ މަބްދައުގެ އަލީގައި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލައިލުމުން ސަރުކާރުގެ ސިޔާސަތުތައް ރަނގަޅަށް ވަޒަންކުރެވި ބަޖެޓު ޑެފިސިޓުވި ސަބަބާއި ޑެފިސިޓާއެކު ކުރިއަށްދާއިރު ގެންގުޅެންވީ ސިޔާސަތުތައް ވަޒަންކުރެވިދާނެއެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާ ހިސާބުތަކަކީ ފިނޭންސް މިނިސްޓްރީން ޝާއިއުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް"ގައި ފެންނަންހުރި އަދަދުތަކެވެ.

ދެ މަހަށްވުރެ ގިނަ ދުވަސް ޑެފިސިޓެއް ނެތުން، ފާއިތުވި 3 އަހަރު ހާސިލުނުވި ކަމެއް

މާލީ ހިސާބުތަކުން ފެންނަ ހަގީގަތަކީ 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަހަރުގެ ކުރީ ކޮޅުގައި ދައުލަތުގެ ބަޖެޓު ޑެފިސިޓު އެތައް ބިލިއަން ރުފިޔާއިން މަތިވެފައި ހުރި ކަމެވެ. ބަޖެޓު ޑެފިސިޓަކީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދުތައް އިތުރުވެފައިވާ މިންވަަރެވެ.

2021 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހާ ހަމައަށް އައިއިރު ބަޖެޓުގެ ޑެފިސިޓުވަނީ 1.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ކުރީ އަހަރު 2022 ވަނަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ޑެފިސިޓު 1 ބިލިއަން ރުފިޔާއަށް އެރިއެވެ. އަދި ފާއިތުވި 2023 ވަނަ އަހަރުގެ އެ މުއްދަތުގައި ބަޖެޓު ޑެފިސިޓު ހުރީ 2 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

މި ހިސާބުތަކާ އަޅާބަލާއިރު މި އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ޑެފިސިޓަކީ 215.2 މިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު .... މަދު އަދަދެކެވެ. އެހެންކަމުން ފާއިތުވި ހުރިހާ އަހަރަކަށްވުރެ މި އަހަރުގެ މިހާތަނަށް ބަޖެޓު ޑެފިސިޓު ކުޑަވެފައިވެއެވެ.

ފާއިތުވި 3 އަހަރުގެ ފުރަތަމަ ދެމަސްދުވަހާއި މި އަހަރުގެ ފުރަތަމަ 2 މަސްދުވަހުގެ މާލީ ހިސާބުތައް އަޅާބަލާއިރު، ފެންނަނީ ފާއިތުވި ތިން އަހަރުގައިވެސް ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓު ޑެފިސިޓުވެފައިވާ ތަނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު 350 މިލިއަން ރުފިޔާއިން، އަދި 2022 ވަނަ އަހަރު 6 މިލިއަން ރުފިޔާއިން އަދި 2023 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓު އޮތީ ޑެފިސިޓުވެފައެވެ. މި އަހަރުގެ ފެބްރުއަރީ މަސް މި ސަރުކާރުން ނިންމައިލީ 15.7 މިލިއަން ރުފިޔާގެ އަރަނީގަައެވެ.

ޕްރައިމަރީ ޑެފިސިޓު އަޅައިކިޔުން

ޕްރައިމަރީ ޑެފިސިޓަކީ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ބެލުމުގައި ދައުލަތުން ދަރަނި އަދާކުރުމަށް ކުރި ޚަރަދު ނުވަތަ ފައިނޭންސިން އަދި އިންޓެރެސްޓުގެ ޚަރަދު އުނިކުރުމަށްފަހު ޚަރަދުތައް ހިސާބުކުރުމުން ނުކުންނަ ޑެފިސިޓެވެ.

މިގޮތަށް ބަލާއިރު ފާއިތުވި ކޮންމެ އަހަރަކުވެސް އަހަރުގެ މިހިސާބަށް އަންނައިރު ދައުލަތުގެ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް އޮވެއެވެ. އެގޮތުން 2021 ވަނަ އަހަރު 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮތެވެ. އެއީ ފައިނޭންސިން އަދި އިންޓެރެސްޓުގެ ޚަރަދުތައް އުނިކުރުމުން އެ އަހަރު ބަޖެޓު ޑެފިސިޓުވި މިންވަރެވެ. 2022 ގެ މާޗު 17އާ ހަމައަށް ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި 535 މިލިއަން ރުފިޔާ އޮތެވެ. 2023 ގެ މާޗު 16 އާ ހަމައަށް ޕްރައިމަރީ ޑެފިސިޓުގެ އަދަދު 1.1 ބިލިއަން ރުފިޔާއަށް އެރިއެވެ.

މި ހިސާބުތަކުން އެނގޭ ގޮތުގައި ކުރީ ސަރުކާރުގައި 2021 އިން 2023 ވަނަ އަހަރަށް ބަޖެޓު ޑެފިސިޓުވި ސަބަބަކީ ދައުލަތުގެ ދަރަނި އިތުރުވުމެއް ނޫނެވެ. ނަމަވެސް އެނޫން ޚަރަދުތައް ބޮޑުވެގެން ދިއުމެވެ.

މިއަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހާ ހަމައަށް ޕްރައިމަރީ ޑެފިސިޓެއް ނެތެވެ. މާނައަކީ ދައުލަތުގެ ޚަރަދުތަކުން ފައިނޭންސިން އަދި އިންޓަރެސްޓުގެ ހޭދަތައް އުނިކުރުމުން ބަޖެޓު އަރަނިވެރިއެވެ. ޖަނަވަރީން ފެށިގެން މާޗު 19 ވަނަ ދުވަހާ ހަމައަށް ފައިނޭންސިން ޚަރަދުގެ ގޮތުގައި 732.7 މިލިއަން ރުފިޔާ ޚަރަދުތަކުން އުނިކުރުމަށްފަހު އާމްދަނީއާއި ޚަރަދުގެ ފަރަގު ހިސާބުކުރުމުން 517.5 މިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ.

މިހިސާބުތަކުން އެނގޭ ހަގީގަތަކީ، މިހައިތަނަށް މިވެރިކަމުގައި ބަޖެޓު ޑެފިސިޓުވުމަށް މެދުވެރިވީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ކަމެވެ. އެ ހޭދަ އުނިކުރުމުން އަދިވެސް ބަޖެޓު އަރަނިވެރިކަމެވެ.

ސަރުކާރުގެ އަމާޒު ދެމެހެއްޓެނެވި ގޮތަށް ބަޖެޓު ތަންފީޒުކުރުމަށް

"ދިޔަރެސް"އާ ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީޤު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މައިގަނޑު ފިސްކަލް އެންކާ ދެމެހެއްޓުން ކަމަށެވެ. އެއީ ދައުލަތުގެ ރިކަރަންޓު ޚަރަދުތައް ދައުލަތަށް ލިބޭ އާމްދަނީން ހަމަޖައްސަމުން ދިއުންކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަން ކުރިމަތިވި އެއް ސަބަބަކީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރިކަރަންޓު ޚަރަދުތައް ދައުލަތުގެ އާމްދަނީއަށްވުރެ އިތުރުވަމުން ދިއުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ،

އިތުރަށް މާލީ ވަޒީރު ފާހަގަކުރެއްވީ މިހާތަނަށް ދައުލަތުގެ ބަޖެޓުން ސަރުކާރުން ބޭނުންކޮށްފައިވާ 8.29 ބިލިއަން ރުފިޔާގެ ތެރެއިން 836 މިލިއަން ރުފިޔާއަކީ ކުރީ ސަރުކާރުތަކުން އުފައްދާފައިވާ ދަރަނި އަދާކުރުމަށް ކުރި ޚަރަދުތައް ކަމެވެ. އެއީ ސަރުކާރުން ޚަރަދުކުރި ފައިސާގެ ތެރެއިން %10 އެއްހައި މިންވަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިކަރަންޓު ޚަރަދުތައް ދައުލަތުގެ އާމްދަނީގެ އިމުގެ ތެރޭގައި ހިފަހެއްޓުމާއެކު މާލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅުއްވާނެ އިތުރު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރާ ޚަރަދުތައް ތަރުތީބުކުރުމެވެ. އެގޮތުން މުޖުތަމައުގެ އެންމެ ގިނަ ބަޔަކަށް ފައިދާވާ، ދައުލަތަށް އާމްދަނީ އިތުރުވާނެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދިނުމާއެކު، ދައުލަތުގެ ހަރުމުދާ އިތުރުވާނެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދެއްވަން ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރާ ޚަރަދުތައް ރޭޝަނަލައިޒްކުރުމަށް ތަކުރާރުކޮށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާދީފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ރާއްޖޭގެ އިޤުތިޞާދީ ހާލަތާ ގުޅޭ ގޮތުން އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ތަރައްޤީގެ މަޝްރޫޢުތައް އެއިރު ހިންގަމުންދިޔައީ އެއްވެސް ކަހަލަ ތަރުތީބުކުރުމެއް ނެތިކަން ފާހަގަކުރިއެވެ. އަދި މާލީ ހިރާސްތަކުން އަރައިގަތުމަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ވަކި ތަރުތީބެއް ކަނޑައަޅަންޖެހޭކަމަށް އެ ރިޕޯޓުގައި ފާހަގަކުރިއެވެ. ނަމަވެސް އެއިރުގެ ސަރުކާރުން އެކަން ކުރަން ދެކޮޅުހެދިއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށް ވަކި ތަރުތީބުތަކެއް ކަނޑައެޅުމުގެ ސަބަބުން ފާއިތުވި އަހަރަށްވުރެ މި އަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރާ ޚަރަދު ކުޑަވިކަން ހިސާބުތަކުން ފެނުނު ނަމަވެސް މިނިސްޓަރު ފާހަގަކުރެއްވީ ފާއިތުވި އަހަރުގެ ކުރީ ކޮޅުގައި ގިނަ މަޝްރޫޢުތަކެއް ފަށައި އެ މަޝްރޫޢުތަކަށް އެއިރުގެ ސަރުކާރުން ފައިސާ ދޫކުރި ނަމަވެސް އަހަރުގެ ފަހުކޮޅުގައި އެ މަޝްރޫޢުތަކަށް ފައިސާ ދޫކުރުން ހުއްޓި މަޝްރޫޢުތައް ހިންގުންވެސް މަޑުޖެހުނު ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އެ ސަރުކާރުތަކާ ޚިލާފަށް މުހިއްމު ތަރައްޤީގެ މަޝްރޫޢުތަކަށް ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން މި ސަރުކާރުން ފައިސާ ދޫކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިން މަޑުޖެހިފައި ހުރި މަޝްރޫޢުތައް ހިނގައިގަނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިޔަނުދީ ކުރިއަށްގެންދިއުމާއެކު ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަކޮށް، އިޤުތިޞާދީ ދުޅަހެޔޮކަން އިތުރުކޮށް ދައުލަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށެވެ. ސަރުކާރުން ބަޖެޓު ތަންފީޒުކޮށްފައިވާ ގޮތަށް ބަލާއިރު ފެންނަނީ ރިކަރަންޓު ޚަރަދުތައް އާމްދަނީގެ މިންގަނޑުގައި ހިފަހެއްޓި، ތަރައްޤީގެ މަޝްރޫޢުތައް ވަކި ތަރުތީބަކުން ކުރެވި ދައުލަތުގެ ޚަރަދުތައް ފާއިތުވި ތިން އަހަރަށްވުރެ ކުޑަކުރެވިފައިވާ މަންޒަރެވެ. ފިސްކަލް އެންކާއެއް ދަމަހައްޓަމުން ޚަރަދުކުރުމުގެ ސުލޫކު ވަކި މިންގަނޑެއްގައި ހިފަހައްޓަމުންދާ ތަނެވެ. ރައީސްގެ ތަސައްވުރުގައި އޮތް ދުޅަހެޔޮ އިޤުތިޞާދަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރާ މަންޒަރެވެ.

މިފިޔަވަޅުތައް މިގޮތުގައި ދެމެހެއްޓުމަކީ ޤައުމަށް ހެޔޮ އެދޭ އެންމެންވެސް އެދޭނެ ކަމެކެވެ. ޤައުމުގެ މަސްލަހަތު އޮތް ގޮތަކީ ސަރުކާރުގެ ޚަރަދުތައް ރަނގަޅު މިންގަނޑުތަކެއްގައި ހިފަހެއްޓުންކަން ދަނެގެން، އެކަމަށް އެންމެން އެއްބާރުލުން ދިނުމަކީ ރާއްޖޭގެ އިޤުތިޞާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

މި ލިއުމާއި ގުޅޭ