Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ހައްދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވާނީ އާސާރީ އަދި ގުދުރަތީ ތަރިކަ ރައްކާތެރިކުރެވޭނެ ގޮތަށް: ފައިސަލް

ހައްދުންމަތީގައި ފަތުރުވެރިކަން ތަރައްޤީކުރެވިގެންދާނީ އެއަތޮޅުގައި ހުރި ޤުދުރަތީ އަދި އާސާރީ ތަރިކަތައް ރައްކާތެރިކުރެވި ޕްރޮމޯޓުކުރެވޭ ގޮތަށް ކަމުގައި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީގެ އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ "މޯލްޑިްސް ހެރިޓޭޖް ސޮސައިޓީ"ގެ ތާހާއާ ބައްދަލުކުރެއްވި ވީޑިއޯއެއް މީސްމީޑިއ އެކްޓިވިސްޓު ޝަމްއޫން ޖަލީލު (ލޫކަސް) ފޭސްބުކުގައި ޕޯސްޓުކުރައްވާފައިވެއެވެ.

އެވީޑިއޯގައި މިނިސްޓަރު ވިދާޅުވީ ލ.އަތޮޅަކީ ވަރަށް ޕޮޓެންޝަލްހުރި އަތޮޅެއްކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ލ.އަތޮޅުގައި ހުރި އާސާރީ ތަންތަން ފަތުރުވެރިން އަންނަ މަންޒިލުތަކަކަށް ހެދުމަށް ދިވެހިބަހާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ފައިސަލް ވިދާޅުވިއެވެ.

"މިއުޅުނު އާދަކާދަ އަދި މިހުރި ތާރީޚީ ތަންތަން ޓުއަރިސްޓު އެޓްރެކްޝަންގެ ގޮތަށް [ހެދުމަށް] ދައުލަތުން އަދި ޚާއްޞަކޮށް ޓުއަރިޒަމް މިނިސްޓްރީން ހެރިޓޭޖު މިނިސްޓްރީއާ އަދި މިކަމުގައި ދިވެހިރާއްޖޭގައި ތިބި ތާރީޚު ދިރާސާކުރާ ބޭފުޅުންގެ އެހީތެރިކަމާއެކީގައި [މަސައްކަތްކުރާނަން]،" ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އޭނާގެ ވަޒީރުކަމުގައި ޓުއަރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ލ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އޭގެ އިތުރަށް މިހާރު ސަރުކާރުން ލ.އަތޮޅުގައި ހިންގަން ނިންމާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާ ގުޅޭ ގޮތުންވެސް މިނިސްޓަރު ވާހަކަދެއްކެވިއެވެ. އެގޮތުން ލ.ކައްދޫ އެއާޕޯޓު ބޮޑުކޮށް އިންޓެނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމާއެކު، ލ.އަތޮޅުގައި ބަންކަރިންގެ ޚިދުމަތް ސަރުކާރުން ފަށާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ލ.އަތޮޅުގެ ތަރައްޤީއަށް މުހިއްމު ގިނަ ކަންތައްތަކެއް ކުރެއްވުމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވައުދުވެވަޑައިގެންފައެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫޢެއް ހިންގެވުމާއި، އެއާޕޯޓު ތަރައްޤީކުރެއްވުމާއި، ބަންކަރިންގެ ޚިދުމަތަށް ބޭނުންވާ ފެސިލިޓީތައް ޤާއިމުކުރެއްވުމާއެކު، އެއަތޮޅުގައި މިހާރު ހުރި އުމްރާނީ ވަސީލަތްތައް އިތުރުކުރެއްވުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ