އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި, މިދިޔަ ސަރުކާރުގެ ދުވަސްވަރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހިންގި "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން އެ ގައުމުގެ ގިނަ އަދަދެެއްގެ ޓީޗަރުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެ ބައެއް މީހުން ދައްކަމުން އަންނަ ވާހަކަތައް ތަޢުލީމާއިބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދޮގުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން, އިންޑިއާ ޓީޗަރުން ރާއްޖެ ދޫކޮށް ދިޔަކަމަށް ބުނާ ބުނުމާއި, އެކަމުގެ ސަބަބުން ޓީޗަރުންގެ ދަތިކަން ކުރިމަތިވެފައިވާކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ޓީޗަރުން ރާއްޖެެއިން ފުރައިގެން ހިނގައްޖެ ކަމުގައި ވިދާޅުވެ އެސުވާލުކުރެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.
މިނސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި ޓީޗަރުން މަދުވުމުގެ "ކްރައިސިސްއެއް" ކުރިމަތިވެފައިވާކަމަށް ސިޔާސީ ބައެއް މީހުން ސިފަކުރިޔަސް އެއީ ރަނގަޅު މަޢުލޫމާތެއް ނޫން ކަމުގައެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ތިޔަބުނާ ކަހަލަ ޓީޗާރ ކްރައިސިސްއެއް ނެތް އިނގޭތޯ. އެއީ ރަނގަޅު މައުލޫމާތެއް ނޫން. އެއްވެސް ހަރަކާތަކާ ގުޅިގެން ކަމަށް ވިޔަސް، ހަރަކާތަކާ ނުގުޅި ކަމަށް ވިޔަސް," ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ބޭރުން އަންނަ ބައެއް ޓީޗަރުން އަވަހަށް ވަކިވާން ބޭނުންވުމާއި ކިޔަވައިދޭން ދާ ރަށާއިމެދު ހިތްހަމަނުޖެހިގެން އަނބުރާ ދާން ބޭނުންވުމަކީ ކުރިއްސުރެވެސް ހިނގަމުން އަންނަ ކަންކަމެވެ. ނަމަވެސް ކުއްލިއަކަށް ގިނަ ޓީޗަރުންތަކެއް ރާއްޖެ ދޫކޮށް ދާން ބޭނުންވެ, ނުވަތަ ރާއްޖެ ދޫކޮށް ގޮސްގެން ޓީޗަރުންގެ ދަތިކަން ކުރިމަތިވެގެން އުޅޭކަމަށް ބުނާ ބުނުމަކީ ރަނގަޅު މަޢުލޫމާތު ލިބިގެން ދައްކާ ވާހަކައެއް ނޫންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.