Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ސައިބާ ސެކިއުރިޓީ ކަންކަމަަށް ޚާއްޞަ އިދާރާއެއް ރައީސް ޑރ.މުޢިއްޒު އުފައްދަވައިފި

ދިވެހި ދައުލަތުގެ ސައިބާ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ އިދާރައެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ރައީސް އުފެއްދެވި މިއިދާރައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރު އެންމެހައި ކަންކަމަށް ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތްކުރަން އުފެއްދެވި އިދާރާއެއް ކަމަށެވެ.

އަދި އެ އެޖެންސީން ރާއްޖޭގައި ސައިބާ ސެކިއުރިޓީ ދާއިރާއިން އަމަލުކުރާނެ އުސޫލުތަކާއި މިގަނޑުތައް ކަނޑައެޅުމާއެކު ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ޤާބިލުކަން އިތުރުކުރަން އެހީތެރިވެ، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ހޯދަންޖެހޭ އާލަތްތަކާއި ޤާއިމުކުރަންޖެހޭ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ކުރާނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ސައިބާ ސެކިއުރިޓީ އެޖެންސީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ސައިބާ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް ދައުލަތަށް ނުރައްކާވެދާނެ ސައިބާ ހަމަލާތައް ދުރާލައި ދެނެގަތުމާއެކު، އެފަދަ ހަމަލާތަކާ ގުޅޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަަސާތަކާ ހިއްސާކުރުމާއި އެފަދަ ހަމަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ސައިބާ ސެކިއުރިޓީ އެޖެންސީގެ ބައެއް ޒިންމާތައް

  • -ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކް އަދި ސާރވަރ އިންފްރާސްޓްރަކްޗަރގެ ސައިބަރ ސެކިއުރިޓީއާބެހޭ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • - ސައިބަރ ނުރައްކާ (ތްރެޓްސް) ތަކާއި ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.
  • - ޤައުމީ ނެޓްވޯކް ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި، ޤައުމީ ސައިބަރ ސެކިއުރިޓީ އިންސިޑެންޓް ރެސްޕޯންސް ޓީމު ގާއިމުކޮށް، މި ޓީމުގެ އޮޕަރޭޝަނަލް ކޭޕެބިލިޓީ މަތީފެންވަރެއްގައި ދެމެހެއްޓުން.
  • - ސައިބަރ ސެކިއުރިޓީއާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރު ވިލަރެސްކުރުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖެ ބައިވެރިވާ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފަހުމުނާމާތަކާއި މުއާހަދާތަކުގައިވާ ކަންކަން ތަންފީޒުކުރުން.
  • - ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.
  • - ސައިބަރ ނުރައްކާ (ތްރެޓްސް) ތަކުން ރައްކާތެރިވެ ތިބުމާއި ސައިބަރ ހަމަލާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • - ސައިބަރ ސެކިއުރިޓީއާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެންމެ ފަހުގެ ސައިބަރ ނުރައްކާ (ވަލްނަރަބިލިޓީސް) ތަކާއި އެ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުން.
  • - ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
  • - ބައިނަލްއަގުވާމީ، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.

އަދި ދައުލަތުގެ އިދާރާއަށް ސައިބާ ސެކިއުރިޓީ ހަމަލާއެއް އަންނަ ހާލަތުގައި ވަގުތުން ވަގުތަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އެފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުމެއް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އިދާރާތަކުގެ މުހިއްމު މަސައްކަތް ނުހުއްޓި ކުރިއަށްގެންދަން ބޭނުންވާ ފަންނީ މަދަދު ފޯރުކޮށްދިނުމަކީވެސް މި އެޖެންސީގެ ޒިންމާއެކެވެ.

އޭގެ އިތުރަށް އެފަދަ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކޮށް، އެ ހަމަލާތައް ދީފައިވާ ގޮތް ދެނެގަނެ އެ ހަމަލާދިން ފަރާތެއް ހޯދުމަށް އިދާރާތަކުން ހިންގާ ތަހުގީގުތަކަށް އެހީތެރިވުމާއި، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދައި ހިންގާ ވެބްސައިޓުތަކައި، އޮންލައިން ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް އުފެއްދުމުގައި ބަލަންޖެހޭ ސައިބާސެކިއުރިޓީ މިންގަނޑުތައް ކަނޑައަޅައި އަދާހަމަކުރާނީވެސް މި އެޖެންސީންނެވެ.

އަލަށް އުފެއްދެވި ސައިބާ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ ހިންގުމަށް ރައީސް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ.

މި ލިއުމާއި ގުޅޭ