މިސްކިތްތަކުގައި ނަމާދުކުރާ އަޑު ބޭރަށް އިވޭނެހެން ބެހެއްޓުން މަނާކުރުމަށް އިސްލާމިކް މިނިސްޓްރީން އިރުޝާދު ދީފައިނުވާނެ ކަމަށާއި، އަމިއްލަ ހައިސިއްޔަތުން ޖަވާބުދެއްވީ ވަކި ޚާއްޞަ ހާލަތަކާ ގުޅިގެން ކުރެވުނު ސުވާލަކަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގެކައިރީ ހުންނަ މިސްކިތުން ތާޅަފަލިން ނަމާދުކުރާ އަޑު ބޭރަށް އިއްވާފައި ހުންނާތީ ގޭގައި ނަމާދުކުރާ މީހުންނަށް އުދަގޫވާކަން ފާހަގަކުރައްވައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ޝަހީމު ވިދާޅުވެފައިވަނީ އެފަދަ ހާލަތުގައި ނަމާދުގެ އަޑު މިސްކިތުން ބޭރަށް ނުބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައްޔާއި ތަރާވީޙު ނަމާދާއި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅީ. ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތި ނުވާނެހެން ގެންދިއުން ރަނގަޅީ،" ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމުގެ އެޖަވާބާ ގުޅިގެން ބައެއް މީހުން އަންނަނީ މާލޭގެ މިސްކިތްތަކުގައި ތާޅަފިލި ބޭނުންކުރުން ހުއްޓައިލާ މާލެއިން ނަމާދުގެ އަޑު ކެނޑިގެން ގޮސްފައިވާކަމަށް ބުނެ ވާހަކަތައް ފަތުރަމުންނެވެ.
މިއަދު ފޭސްބުކް ލައިވްގައި މިނިސްޓަރު ޝަހީމުވަނީ އެ ތުހުމަތުތަކާ ގުޅޭ ގޮތުން ތަފުސީލު ހާމަކުރައްވާފއެވެ. އެގޮތުން އެއްވެސް މިސްކިތެއްގައި ނަމާދުކުރާ އަޑު މަޑުކުރަން ނުވަތަ އަޑު ބޭރަށް ނުހުންނާނެހެން ހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިނުވާނެ ކަމުގައި ޝަހީމު ވިދާޅުވިއެވެ.
އިތުރަށް ޑރ.ޝަހީމު ވިދާޅުވީ އޭނާ ޖަވާބުދެއްވީ ޓުވިޓާގައި އޭނާއާ ކުރެވުނު ވަކި ސުވާލަކަށް ކަމަށެވެ. އަދި އެ ޖަވާބުގައި އިޝާރާތްކުރެއްވީ ސުވާލުކުރެވުނު ހާލަތުގައި އެ ސުވާލުގައި ހަވާލާދީފައިވާ މިސްކިތަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
"ހަގީގަތުގައި އެއީ ހުރިހާ މިސްކިތުގެ ވާހަކައެއް ނޫން އެއީ. އެއީ ވަކި ތަނެއްގައި ހުރި ވަކި މިސްކިތަކާ ބެހޭ ގޮތުން އައި ސުވާލެއް، ޓުވިޓާގައި އައި ސުވާލެއް، އެ ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީ،" ޑރ.ޝަހީމު ވިދާޅުވިއެވެ.
ފަތުވާގެ އުސޫލުތައް ވިދާޅުވެދެއްވަމުން ޑރ.ޝަހީމު ވިދާޅުވީ ސުވާލު ކުރަނީ ވަކި ތަނަކާ ގުޅިގެން ވަކި ހާލަތަކާމެދު ކަމަށެވެ. އަދި އެފަދަ ސުވާލުތަކުގައި ޖަވާބުދެނީ އެސުވާލުކުރި ހާލަތާއި އެ ސުވާލުގައި ހިމެނޭ މިސްކިތާ ގުޅޭ ގޮތުންކަމަށެވެ. އަދި އެފަދަ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ މިސްކިތުން ބޭރަށް އަޑުނެތުންކަމަށް ވިދާޅުވީ އެ ސުވާލުގެ ޖަވާބެއްގެ ގޮތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ސުވާލު މިއަންނަނީ ވަކި ސްޕެސިފިކް ތަނަކާ ބެހޭ ގޮތުން، އެހެން ވެއްޖެއްޔާ އެހާލަތުގެ މައްޗަށް ބިނާކޮށް ދީނީ ގޮތުން ދޭން ޖެހޭ ޖަވާބެއް މި ދެވެނީ ދެއްތޯ؟ އެހެންވީމާ އަޅުގަނޑު ބުނީ ކޮންމެހެން ، އެކަހަލަ ހާލަތުގައި އެންމެ ރަނގަޅުވާނެ ގޮތަކީ އެތެރެއަށް އަޑު ހުރުމޭ. އެެއީ ވަކި ކަހަލަ ސުވާލެއްގެ ޖަވާބެއްގެ ގޮތުން ބުނި ވާހަކައެއް،" ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމު އިތުރަށް ވިދާޅުވެފައިވަނީ މާލޭގައި ނުވަތަ ރާއްޖޭގެ އެއްވެސް ރަށެއްގައި މިސްކިތުގައި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް ހުރުން މަނާކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިނުވާނެ ކަމަށެވެ. އަދި އެފަދަ އިރުޝާދެއް އެ މިނިސްޓްރީން ނުވެސް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެން ވީމާ އެކަހަލަ ކަމެއް [މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް އިއްވުން މަނާކުރުން] މިތާކު ނުހިނގާ، މާލޭގައި ވެސް ނުއެއް ހިނގާ، އަދި އަތޮޅު ތެރޭގައި ވެސް ނުވެސް ހިނގާނެ،" ޑރ.ޝަހީމު ވިދާޅުވިއެވެ.