ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މާކެޓުކުރުމަށް ކުރާ އިންވެސްޓުމެންޓު ތިންގުނަ އިތުރުކުރުމާއެކު، އެމްއެމްޕީއާރުސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ދަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ގޮވާލައިފިއެވެ.
އިއްޔެ މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، އަދި ޤައުމީ އުފެއްދުންތެރިކަން 12 ބިލިއަން ޑޮލަރަށް އިތުރުކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު، ދެމެހެއްޓެނެވި އިޤުތިޞާދީ ކުރިއެރުމަށާއި އިސްތިޤުރާރަށް ފަތުރުވެރިކަން މާކެޓުކުރުމަށް އިސްކަންދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން 2017 ވަނަ އަހަރު މަޓާޓޯއިން ނެރުނު ރިޕޯޓަކާ ހަވާލާދީ އިއްޔެގެ ބަޔާނުގައި އެ ޖަމްއިއްޔާއިން ބުނީ ފަތުރުވެރިކަމުގެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އަދި 2023 ވަނަ އަހަރުގައި އެ ޖަމްއިއްޔާއިން ހެދި ދިރާސަތަކުން ފެންނަ ގޮތުގައި އެ އަހަރު ރައްޖެއަށް އައި ކޮންމެ ފަތުރުވެރިއަކަށް ރާއްޖެއިން ޕްރޮމޯޝަނަށް ހޭދަކޮށްފައިވަނީ 4 އެމެރިކާ ޑޮލަރު ކަމަށެވެ. އެ ނިސްބަތުން ބަލާއިރު އިންވެސްޓުމެންޓުގެ ފައިދާގެ ގޮތުގައި ސަރުކާރަށް ކޮންމެ ފަތުރުވެރިއެއްގެ ކިނބައިން 600 ޑޮލަރު ލިބުނުކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ. އަދި ފަތުރުވެރިކަން މާކެޓުކުރުމަށް ކުރާ އިންވެސްޓުމެންޓުގެ ފައިދާ އުޅެނީ އިންވެސްޓުކުރި ފައިސަގެ 12،000 އިންސައްތާގައިކަން އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.
ފަތުރުވެރިކަން މާކެޓުކުރުމަށް ކުރާަ ޚަރަދަކީ ހަމައެކަނި ދައުލަތުން ކުރާ ހޭދައެއްކަމަށް ނުބަލައި އެއީ އިންވެސްޓުމެންޓެއްކަމަށް ބަލައިގެ އެ ޚަރަދުކުރުމަށްވެސް އެ ޖަމްއިއްޔާއިން އިލްތިމާސްކުރިއެވެ. އަދި މާކެޓިންއަށް ކުރަންޖެހޭ އިންވެސްޓުމެންޓުނުކޮށްފިނަމަ ކުރިމަތިލާންޖެހޭ ގެއްލުން ވަރަށް ބޮޑުވެދާނެކަމަށްވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތުން އަމިއްލައަށް އެ ސިނާއަތް ޕްރޮމޯޓުކުރާ ގޮތަށް ކަންކަން އިންތިޒާމުކުރާނެކަމަށް އިޝާރާތްކުރާ ކުރުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާޅުކޮށް މަޓާޓޯއިން ބުނެފައިވަނީ އެކަމާމެދު ފިނޭންސް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއަ މަޝްވަރާކުރަމުންދާ ކމަށެވެ.
މަޓާޓޯއިންވަނީ އަމިއްލަ ވިޔަފާރިތަކާއި ސަރުކާރުން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ. އެއާއެކު އެ ޖަމްއިއްޔާއިން ފާހަގަކުރި ނުކުތާއަކީ އަމިއްލަ ފަރާތްތަކުން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުރާ ޚަރަދާ އަޅާބަލާއިރު ސަރުކާރުން ކުރާ ޚަރަދު 10 އިންސައްތަ ދަށް ކަމެވެ.
އެމްއެމްޕީއާރުސީއަށް ގެންނަންވީ ބަދަލުތަކާމެދު މަޓާޓޯއިން ފާހަގަކުރީ އެ ކުންފުނީގެ ބޯޑުގައި ފަތުރުވެިރކަމުގެ ސިނާއަތް ތަމްސީލުކުރާނެ ފަރާތްތަކެއް ނެތްކަމަށެވެ. އަދި އެ ބޯޑުގައި ދާއިރާގެ ތަޖުރިބާހުރި ފަރާތްތައް ހިއްސާވާ މިންވަރު މަދުކަމެވެ. އެއާއެކު މާކެޓުކުރުމުގައި ސިނާއަތް ހީނަރުވެދާނެފަދަ ފިޔަވަޅުތައް ނޭޅުމަށްވެސް އެ ޖަމްއިއްޔާއިން އިލްތިމާސްކުރިއެވެ.