Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

ޤުދުސްގެ މުހިއްމު ތަންތަނުގެ ތެރެއިން، މަސްޖިދު ޢުމަރް ބިން ޚައްޠާބް

އިސްލާމްދީނުގެ ތިންވަނަ ހަރަމްފުޅުކަމަށްވާ މަސްޖިދުލް އަޤުޞާ އެ ޝަހަރެއްގައި ހުންނަ ޤުދުސް ނުވަތަ ބައިތުލްމަޤްދިސްއަކީ އިސްލާމީ ތާރީޚާ ގުޅި ލާމެހިފައިވާ މުހިއްމު ޝަހަރެކެވެ. ޤަދީމީ މި ޝަހަރުގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ތާރީޚުގެ އެކި އަސްރުތައް (Eras) ރަމްޒުކޮށްދޭ ތާރީޚީ ބިނާތައް ފެންނަން އެބަހުއްޓެވެ. އެއިން އެއް ބިނާއަކީ މަސްޖިދު ޢުމަރް ބިން ޚައްޠާބެވެ. އެ މިސްކިތް ގުޅިފައިވަނީ މުސްލިމުންނަށް އެ ޝަހަރު ހޯދައިދެއްވި ޤާއިދު އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނާއެވެ.

ހިޖުރައިން 15 ވަނަ އަހަރުގައި އިސްލާމީ ލަޝްކަރު ޤުދުސަށް ވާސިލުވެ، އެ ރަށް މުސްލިމުން ފަތަހަކުރިއެވެ. އެރަށުގެ ވެރިންނާއި މަސީހީ ދީނުގެ ރާހިބުން އެދުނީ އެ ޝަހަރުގެ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތުމަށް އިސްލާމީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ޢުމަރުގެފާނު ވަޑައިގަތުމަށެވެ. އެކަލޭގެފާނު އިސްލާމީ ވެރިކަމުގެ ވެރިރަށް މަދީނާއިން ޤުދުސަށް ކުރެއްވި ދަތުރުފުޅުގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެކަލޭގެފާނުގެ ޚާދިމަކާއެކު ކުރެއްވި ދަތުރުފުޅުގައި އެއް ފަހަރު ޚާދިމު ސަވާރުވެގެން ދަތުރުކުރާއިރު އަނެއްފަހަރު އެކަލޭގެފާނު ސަވާރީގައި އިންނަވައިގެން ދަތުރުކުރެއްވި ގޮތުގެ ވާހަކައަކީ ތާރީޚު ފޮތްތަކުގައި ލިޔެވިފައިވާ މުސްލިމު ވެރިންގެ ތަވާޟުޢުވެރިކަމުގެ ނަމޫނާއެކެވެ.

އެ ދަތުރުފުޅުގައި ޤުދުސަށް ވަޑައިގެން އެ ސިޓީގައި ހުރި ޤަދީމީ ކަނީސާއެއްކަމަށްވާ ކަނީސަތުލް ޤިޔާމީއަށް ވަޑައިގެން ހުންނަވަނިކޮށް ނަމާދު ވަގުތު ޖެހުނެވެ. މަސީހީން އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގަތީ އެ ކަނީސާގައި ނަމާދުކުރެއްވުމަށެވެ. ނަމަވެސް ކަނީސާގެ ތެރޭގައި ނަމާދުކުރައްވަން އެދިވަޑައިނުގަންނަވާތީ ކަނީސާއާ ދުރަށް ޖެހިވަޑައިގެން ނަމާދުކުރެއްވިއެވެ.

ޢުމަރުގެފާނު ހިޖުރައިން 15 ވަނަ އަހަރުގައި ޤުދުސްއަށް ވަދެވަޑައިގެން އެ ޝަހަރުގައި އެކަލޭގެފާނު ނަމާދުކުރެއްވި ސަރަހައްދުގައި މިސްކިތެއް ބިނާކުރެއްވީ، މުސްލިމުންގެ އަތުން ޤުދުސް ފޭރިގަނެ މަސީހީންގެ ބާރުގެ ދަށުގައި އެތައް އަހަރަކު އޮތް އޮތުން ނިމުމަކަށް ގެންނެވި އިސްލާމީ ކޮމާންޑަރު އަދި ލީޑަރު ޞަލާޙުއްދީނުލް އައްޔޫބީގެ ދަރިކަލުން މަލިކް އަލްއަފްޟަލް ބިން ޞަލާޙުއްދީނުލް އައްޔޫބީއެވެ. އެއީ ހިޖުރީ ސަނަތުން 589 ވަނަ އަހަރުކަމަށް މުއައްރިޚުން ލިޔުއްވައެވެ.

އެ މިސްކިތުގެ ބޭރުގައި ލިޔެފައިވާ އެއް ލިޔުމަކީ އިސްލާމީ ތާރީޚުގެ މުހިއްމު ލިޔުންތަކުގެ ތެރޭގައި ހިމެނޭ ލިޔުމެކެވެ. އެއީ ޢުމަރުގެފާނު ޤުދުސް ފަތަހަކުރެއްވުމަށްފަހު އެ ޝަހަރުގައި ދިރިއުޅުނު ޣައިރު މުސްލިމުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި ދެއްވި ޢަހުދެވެ. އެ އަހުދުގައި މަސީހީންގެ ދީނީ ބިނާތަކަށް ރައްކާތެރިކަން ލިބިގެންވާ ކަމަށާއި، ޤުދުސްގައި މިނިވަންކަމާއެކު އެމީހުންގެ ދީނަށް އުޅެވޭނެކަމަށާއި، އެމީހުންނަށް މުސްލިމުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ޖިޒުޔައެއް ދޭންޖެހޭނެކަމަށް ކަނޑައަޅުއްވައި ދެއްވި ޢަހުދެވެ.

މި މިސްކިތް ހުންނަނީ އަންހެނުން ނަމާދުކުރާ ބަޔަކާއި ފިރިހެނުން ނަމާދުކުރާ ބައެއް ވަކިންނެވެ. މިސްކިތުގެ ބޭރުގައި ބަންގި ގޮވުމަށް ޚާއްޞަ މުންނާރެއް ހުރެއެވެ. އެ މިސްކިތުގެ އެތެރޭގައި އެ މިސްކިތް ބިނާކުރަން އަމުރުކުރެއްވި ރަސްގެފާނާއި މިސްކިތް ބިނާކުރުމުގެ ތާރީޚު ފެންނަން ހުރެއެވެ.

މި ލިއުމާއި ގުޅޭ