މިއަހަރު ތެރޭ ހެލިކޮޕްޓަރު ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރޭ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަންމޭން ޑްރޯންގެ ހިދުމަތް އިފްތިތާހުކޮށްދެއްވަމުން ނ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ފައްޓަވާދެއްވާނެކަމަށެވެ. އެގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މެޑިކަލް އިވެކުއޭޝަނަށް ހެލިކޮޕްޓަރެއް ބޭނުންކުރަން ފަށާނެކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކުރިއެރުމަށް ހޯދަން ޖެހިއްޖެ އެހީއެއް ހޯއްދަވާނެކަމަށެވެ. ނަމަވެސް މިފަދަ މުހިންމު ކަންކަން ކުރުމުގައި، އެހެން ގައުމުތަކަށްވުރެއް އަމިއްލަ ގައުމު ބާރުވެރިކުރުވުން މުހިންމުކަމަށެވެ.
އެއާއެކު، ރާއްޖޭގައި ސިއްހީކަންކަމަށް ވައިގެ 3 އުޅަނދު ބޭނުންކުރަން ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރުގެ އިތުރުން ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީ ޕްލޭނެއް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ކުރެވޭ މަސައްކަތަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެން ވެސް އެ ކަމަށްޓަކައި ފަހުރުވެރިވާނެ ކަމެއްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށްޓަކައި އަމިއްލަ ގައުމުގައި ދިވެހިންނަށް މީގެ ކުރިން ބަރޯސާވާންޖެހިފައި އޮތީ އަވައްޓެރި އިންޑިއާއަށެވެ. އަމިއްލަ ގައުމުގައި އެއާ މެޑިކަލް އެމާޖެންސީގެ ހިދުމަތް ދެމުންދިޔައީ އިންޑިއާއިންނެވެ. ނަމަވެސް، މި ސަރުކާރު އައި ފަހުން އިންޑިއާއަށް ދިވެހިން ބަރޯސާވަމުންދިޔަ މިންވަރު ހަނިކޮށް އަމިއްލަ ގައުމު އެފަދަކަންކަން ކުރެވޭ ވަރަށް ތަރައްގީކުރުމުގެ މަސައްކަތްޕުޅު ރައީސް ފެއްޓެވިއެވެ.
އެގޮތުގެ މަތިން، އިންޑިއާ އަސްކަރިއްޔާއިން ހިންގަމުންދިޔަ ހެލިކޮޕްތަރުތަކުގެ އިތުރުން މަތިންދާ ބޯޓަކާއި ސީ ޕްލޭންއެއް އެއާ އެމްބިއުލާންސްގެ ތެރެއަށް ތައާރަފްކުރުމުގެ އިތުރުން، ހެލިކޮޕްޓަރުތައް ދުއްވަން ގާއިމްވެތިބި އިންޑިއާ ސިފައިން އެމީހުންގެ ގައުމަށް އަނބުރާ ފިނުވައިލިއެވެ.