Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަރުލަމާނީ ނިޒާމް

ބަރުލަމާނީ ނިޒާމަކީ ކޮބާ؟

ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ޔާމީން.
ބަރުލަމާނީ ނިޒާމުގެ ވާހަކަ މިދުވަސްކޮޅު އަނެއްކާވެސް ވަރަށް ގަދައަށް ދެކެވެމުން އެބަދެއެވެ. މީގެ ކުރިން ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރިއެވެ. ނަމަވެސް ދިވެހިރާއްޖެ ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވިފަހުން އެ ނިޒާމަކަށް ވެރިކަން ނުކުރެއެވެ. މިހާރު އަމަލު ކުރަމުން މިދާ ޤާނޫނު އަސާސީ އެކުލަވާއިރު، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަކުން ކަމަށް ނިންމުނެވެ.
ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދެކެވޭއިރު އެއީ ކިހިނެއް މަސައްކަތް ކުރާ ނިޒާމެއްކަން އެނގުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ސިޔާސީ ކަންކަމަކީ ވަރަށް އަވަސް އަވަހަށް ބަދަލުވާ އެއްޗެއް ކަމުން، މާދުރު ނޫން މުސްތަޤުބަލެއްގައިވެސް ބަރުލަމާނީ އަދި ރިޔާސީ ނިޒާމުން ކުރެ ނިޒާމެއް ހިޔާރު ކުރަން ރައްޔިތުން ވޯޓު ލާން ނުޖެހޭނެ ކަމެއް ނޭނގެއެވެ. އެހެން ކަމުން، ބަރުލަމާނީ ނިޒާމު މަސައްކަތް ކުރާ ގޮތް ވީހާވެސް ތިލަކޮށް ގެނެސް ދެވޭތޯ ބަލާނަމެވެ.
ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސް ފަރާތަކަށް ހުންނާނީ ބޮޑުވަޒީރެކެވެ. ބޮޑު ވަޒީރު ސަރުކާރު އެކުލަވާލާނީ ޤާނޫނު ހަދާ މަޖިިލިހުގެ މެމްބަރުންގެ ތެރެއިންނެވެ. ސަރުކާރެއް އެކުލަވާލަން ފުރުސަތު ލިބޭނީ، މަޖިލީހުގައި މެޖޯރިޓީ ލިބޭ ޕާޓީއަށެވެ. ނުވަތަ އެއްވެސް ބަޔަކަށް މެޖޯރިޓީ ނުލިބިއްޖެނަމަ، ކޯލިޝަނެއް އެކުލަވާލައި އެ ކޯލިޝަނަކަށެވެ. ބޮޑު ވަޒީރަކަށް ވާނީ މެޖޯރިޓީ ލިބޭ ޕާޓީގެ ނުވަތަ ކޯލިޝަނުގެ ލީޑަރަށެވެ. ކެބިނެޓު މިނިސްޓަރުންގެ ގޮތުގައި ތިބޭނީ މަޖިލީސް މެމްބަރުންނެވެ.
ރިޔާސީ ނިޒާމުތަކުގައި އާންމުކޮށް ދައުލަތުގެ އިސްވެރިޔާ އާއި ސަރުކާރުގެ އިސް ވެރިޔާގެ މަޤާމުވެސް ފުރުއްވާނީ އެއްބޭފުޅެކެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ދައުލަތުގެ އިސްވެރިޔާ އާއި ސަރުކާރުގެ އިސް ވެރިޔާ ތަފާތުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައި ސަރުކާރުގެ އެންމެ އިސްފަރާތަކަށް ބަރުލަމާނީ ނިޒާމެއްގައި ވާނީ ބޮޑުވަޒީރެވެ. އަދި ދައުލަތުގެ އިސްވެރިޔާއަށް ވާނީ ޤައުމުގެ ރައީސެވެ. ނުވަތަ ރަސްގެފާނު އެހެން ނޫނީ ރާނީއެވެ.
ޔޫރަޕުގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ވަރަށް ގިނަ ޤައުމުތަކުގައި ދައުލަތުގެ އެންމެ އިސްވެރިންނަށް ތިބެނީ ރަސްކަލުންނާއި ރާނީންނެވެ. ޔޫރަޕުގަވެސް އަދި ދުނިޔޭގައިވެސް އެންމެ ދުވަސްވީ ބަރުލަމާނީ ވެރިކަން އޮންނަ ޤައުމުކަމަށްވާ އިނގިރޭސިވިލާތުގައި ވެސް ދައުލަތުގެ އެންމެ އިސް ވެރިއަކީ ރާނީއެވެ. ދެކުނު އޭޝިއާއަށް ބަލާއިރު ދިވެހިރާއްޖެ ފިޔަވާ އެހެން ހުރިހާ ޤައުމެއްގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމެވެ. ފަހަރެއްގައި އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އެ ހުރިހާ ޤައުމެއްހެން އޮތުމުން ވީގޮތެއް ކަމުގައިވެސް ވެދާނެއެވެ.
ބަރުލަމާނީ ނިޒާމުގައި ދައުލަތުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ރަސްގެފާނަށް ނުވަތަ ރައީސަކަށް މާބޮޑު ބާރުތަކެއް ނޯވެއެވެ. އޮތަސް އޮންނަނީ ވަރަށް ރަމްޒީ ބާރުތަކެވެ. މިގޮތުން އަލަށް އުފައްދާ ޤާނޫނުތައް ތަސްދީޤު ކުރުމާއި، ޤައުމީ ބަންދު ދުވަސްތައް ކަނޑައެޅުމާއި، ދައުލަތުގެ ނަމުގައި އަރުވާ އެކިއެކި އިއްޒަތާއި ޝަރަފު އެކި ފަރާތްތަކަށް އެރުވުމާއި، ބައެއް ކަހަލަ ކުށްތަކަށް މާފުދީ އަދަބު ލުއިކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ. އެކިއެކި ޤައުމުތަކުގައި ދައުލަތުގެ އިސްވެރިއަކަށް ހުންނަ ފަރާތުގެ ބާރު އޮންނަނީ އެކި މިންވަރަށެވެ. ތުރުކީ، ރަޝިޔާ އަދި ކައިރިން ބަލާނަމަ ސްރީލަންކާ ފަދަ ޤައުމުތަކުގައި މަޤާމުގައި ތިއްބަވާ ބޭފުޅުންގެ ގޮތުން މިކަންތައް ތަކަށް ބަަދަލު އާދެއެވެ. މިސާލަކަށް ރަޝިޔާގައި އޮންނަނީ ބަރުލަމާނީ ނިޒާމެއް ކަމަކު، ހަގީގަތުގައި އެ ޤައުމުގެ ވެރިކަން ކުރައްވަނީ ޤައުމުގެ ރައީސް ވްލަޑްމިރް ޕުޓިންއެވެ. އެހެން ކަމުން މި ނިޒާމުވެސް ހުރިހާ ޤައުމެއްގައި އެއްގޮތަކަށް މަސައްކަތް ނުކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރިޔާސީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވާނީ އާންމު ގޮތެއްގައި ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ރާއްޖޭގައިވެސް އަމަލު ކުރަނީ މިގޮތަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަކީ، މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީގެ ލީޑަރުކަމަށްވުމުން، ސީދާ އެ މީހާއަށް ވޯޓު ދޭނީ، އެ މީހާ މަޖިލީހަށް ހޮވުނު ދާއިރާގެ މީހުންނެވެ. މިހެން ނިޒާމުގައި އޮތުމުން ބައެއް ފަހަރު، ވެރިކަމަށް އަންނަނީ ވަކި މީހެއްގެ މަޤްބޫލުކަމަށްވުރެ ސިޔާސީ ޕާޓީއާއި ޕާޓީގެ ސިޔާސަތުގެ މަޤްބޫލުކަމުގެ ސަބަބުންކަމަށް ހީވެދާނެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައިވެސް ވަރަށް ގިނަ ފަހަރު ރައްޔިތުން ވޯޓުލަނީ ވަކި މީހަކަށެވެ. ސީދާ އެމީހަކަށް ވޯޓު ނުލިނަމަވެސް އެމީހުން ތާއީދު ކުރާ މީހާ ނިސްބަތްވާ ޕާޓީއަށެވެ.
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ދަމަހައްޓަން އަބަދުވެސް މަޖިލީސް މެޖޯރިޓީ ތާއީދު ބޭނުންވާނެއެވެ. ކުރިއަރާފައިވާ ބަރުލަމާނުތައް ކަމުގައިވާ އިނގިރޭސިވިލާތާއި، ކެނެޑާގައި ސަރުކާރުގެ އިތުބާރު ގެއްލިއްޖެކަމަށް އާންމުކޮށް ކަނޑައަޅާ އުސޫލެއް އޮވެއެވެ. އެއީ، އެއްވެސް މުހިންމު ބިލެއް ފާސް ކުރުމުގައި، ސަރުކާރަށް ނާކާމިޔާބީއާއި ކުރިމަތިވުމެވެ. އެހާހިސާބުން، އެ ސަރުކާރަށް މަޖިލީހުގެ އިތުބާރު ނެތްކަމަ ކަނޑައެޅުނީއެވެ. ބިލް ފާސް ކުރުމުގެ އިތުރުން، ބޮޑުވަޒީރު ނިންމާ އެހެން ބޮޑު ނިންމުމަކަށްވެސް މަޖިލީހުގެ ތާއީދު ނުލިބިއްޖެނަމަ އިނގިރޭސިވިލާތާއި ކެނެޑާގައި އާންމުކޮށް ބޮޑުވަޒީރު މަޤާމުން އިސްތިއުފާ ދޭނެއެވެ. މިސާލަކަށް ބްރެކްސިޓް މައްސަލާގައި އިނގިރޭސި ކުރީ ބޮޑުވަޒީ ތެރެސާ މޭއި އަށް އޭނާގެ ޕާޓީ މެމްބަރުންގެ ތާއީދު ނުލިބުމުގެ ސަބަބުން ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.
ސަރުކާރުގެ އިތުބާރު ނެތްކަަމަށް ނިންމިއްޖެނަމަ، އާ ސަރުކާރެއް އެކުލަވާލަން ޖެހޭނެއެވެ. އަދި އާސަރުކާރު އެކުލަވާލާ އިރު ކުރިން ސަރުކާރު އެކުލަވާލި ޕާޓީއަށް މެޖޯރިޓީ ކަށަވަރު ނުކުރެވިއްޖެނަމަ އެެހެން ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށްވެސް އެ ފުރުސަތު ލިބިދާނެއެވެ. މީގެ އިތުރުން ބައެއް ފަހަރު މިކަހަލަ ހާލަތްތަކުގައި އަވަސް އިންތިހާބުތައްވެސް ބާއްވައެވެ. މިގޮތަށް އިންތިހާބު އާންމުކޮށް ބާއްވަނީ އެއްވެސް ބަޔަކަށް ސާފު މެޖޯރިޓީއެއް ނުލިބޭ ހާލަތްތަކުގައެވެ. ނޫނީ މެޖޯރިޓީ ޔަގީންވާ ފަރާތުންވެސް، އެއަށްވުރެ ބޮޑު މެޖޯރިޓީއެއް ބާއްވަންވެސް އަވަސް އިންތިހާބު ބާއްވާ ފަހަރު އާދެއެވެ.
ރިޔާސީ ނިޒާމާއި ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ އިސް ވެރިއަކަށް ހުންނަ ފަރާތަކަށް ވަރަށް ގިނަ ދުވަހު ވެރިކަމުގައި ހުރުމުގެ ފުރުސަތު ލިބެއެވެ. މިގޮތުން، ވެރިކަން ކުރާ ޕާޓީއަށް ރައްޔިތުންގެ ތާއީދު އޮވެއްޖެނަމަ ކިތަންމެ ގިނަ ދުވަހުވެސް ބޮޑުވަޒީރަށް އެ މަޤާމުގައި ހުރެވިދާނެއެވެ. މިއާއި ހިލާފަށް އާންމުކޮށް ރިޔާސީ ނިޒާމުގައި ރައީސަކަށް ހުންނަ ފަރާތެއް ވެެރިކަމުގައި އެންމެ ގިނަވެގެން ހުރެވޭ މުއްދަތު ޤާނޫނުތަކުން ވަނީ ކަނޑައެޅިފައެވެ. ޔޫރަޕަށް ބަލާއިރު ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އެ މަޤާމުގައި ހުންނަވާތާ 15 އަހަރުވެއްޖެއެވެ. ތުރުކީގެ މިހާރުގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރަޖަބް ތައްޔިތުބު އުރުދުޣާން ވަނީ 11 އަހަރު ތުރުކީގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ގިނަ ދުވަހު ވެރިކަމުގައި ހުރެވޭ ގޮތަށް ބަރުލަމާނީ ނިޒާމުގައި އޭގެ އަނެއްކޮޅުވެސް އޮވެއެވެ. މިގޮތުން މަޤާމާއި ހަވާލުވާތާ ކިތަންމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް ސަރުކާރުގެ އިތުބާރު ގެއްލިއްޖެނަމަ މަޤާމު ގެއްލެއެވެ. އިނގިރޭސި ކުރީގެ ބޮޑުވަޒީރު ތެރެސާ މޭއި ބޮޑުވަޒީރު ކަމުގައި ހުންނެވުނީ 2 އަހަރާއި ދުވަސްކޮޅަކަށެވެ. އެއީ އިނގިރޭސި ތާރީހަށް ބަލާއިރު ނިސްބަތުން މަދު ދުވަސްކޮޅެކެވެ. މިއާއި ހިލާފަށް ރިޔާސީ ނިޒާމެއްގައި ވެރިކަމަށް އިސްވާ ފަރާތެއް ދައުރު ހަމަނުވަނީ މަޤާމުން ވަކި ވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އާންމުގޮތެއްގައި އަމިއްލައަށް އިސްތިއުފާ ދީގެން ނުވަތަ، ޤާނޫނު ހަދާ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ، އެންމެ މަތީ ކޯޓުންވެސް އެ ނިންމުމަށް ތާއީދު ކޮށްގެން ނޫނީ ރިޔާސީ ނިޒާމު އޮންނަ ގިނަ ޤައުމުތަކުގައި ރައީސްއަކު މަޤާމުން ވަކި ނުކުރެވޭނެއެވެ.
މި ރިޕޯޓުގައި ހިމަނާފައިވަނީ ބަރުލަމާނީ ނިޒަމުގެ އަސާސީ ބައެއް ސިފަތަކެވެ. ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ޤައުމުތަކުގައި މި ހުރިހާކަމެއް އެއްގޮތް ނުވާނެއެވެ. ކޮންމެ ޤައުމެއްގައިވެސް އޮންނަނީ އެ ޤައުމަކަށް އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަށް ނިޒާމަށް ބަދަލު ގެނެސްފައެވެ. މިގޮތުން ރައީސް އާއި ބޮޑުވަޒީރާއި ދެމެދު ބާރުތައް ބަހާލާފައި އޮންނަ ޤައުމުތައް ވެސް މަދެއް ނޫނެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ވެރިކަން ކުރާ ކަމަށް ބުނާ ޤައުމުތަކުގައި މި ރިޕޯޓުގައި ހިމަނާފައިވާ ގިނަ އަސާސީ ސިފަތައް ހުންނާނެއެވެ. ވެރިކަން ހިންގުމުގެ ނިޒާމުތަކަކީ އެޤައުމެއްގެ ޠަބީޢަތާއި ސިޔާސީ ޤަބޫލުކުރުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައްޓަންކުރެވޭ ކަންކަމެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަނަމަ ގެންނާންވާނީ ދިވެހިރާއްޖެއާ ގުޅޭ، ދިވެހިންގެ ޙާލަތާ އެކަށޭނެ ގޮތަކަށެވެ.
މި ލިއުމާއި ގުޅޭ