ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް، އެ މަގާމުގައި މީގެ ކުރިން ހުންނެވި ޔަޒީދު މުހައްމަދާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް މިދިޔަ މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
އެހެންވެ، ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މަގާމަށް ކުރިމަތިލައި، ޝަރުތު ހަމަވި މެންބަރުންގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވާފަ އެވެ.
އެގޮތުން، މަޖިލީހަށް ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އާންމުކޮށް ހުޅުވައިލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޔަޒީދުގެ އިތުރުން ޒަރީރު އައްޔަނުކުރަން އެ ދެ ބޭފުޅުންގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
މަޖިލީހުން މިހާރު ވަނީ އެ ދެބޭފުޅުންގެ ނަން ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އެ އިސްލާހުގައި އޮތްގޮތުން، އެ ބިލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހެ އެވެ.
އެހެންކަމުން އަލުން އެ މަގާމަށް ހުޅުވާލުމަށްފަހު ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ ފަތުހުﷲއެވެ.