ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރުކޮށް ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު 2.33 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއިރު 33.7 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 22.3 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވީ މީރާއިން ބުނި ގޮތުގައި، ޖީއެސްޓީއާއި ޖީޖީއެސްޓީ އަދި ނުދައްކާ ހުރި ބިދޭސީންގެ ކޯޓާ ފީ އަދި ބޭންކް ޕްރިފިޓް ޓެކްސް ބަލައިގަތް މިންވަރު އިތުރުވުމެވެ.
އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިސްޓުން ރާއްޖެ ޒިޔާރާތްކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު %11.5 އިތުރުވެފައިވާތީ، ޓޫރިޒްމްގެ ދާއިރާއިން ލިބުނު ޓެކްސް ވެސް އިތުރުވެފައިވާ ކަަމަށް މީރާއިން ބުންޏެވެ.
އޭގެ އިތުރުން، ބޭންކް އިންކަމް ޓެކްސް އާއި ބިދޭސީންގެ ކޯޓާ ފީގެ ފައިސާ ސުންގަޑީގެ ފަހުން ދައްކާފައިވުމަކީ ވެސް މި އަހަރުގެ ފެބްރުއަރީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.
މި އަހަރު މީރާއިން އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ވެސް އެ އިދާރާއިން ބުނި ގޮތުގައި، ޖީއެސްޓީ އިތުރުވުމާއެކު ބޭންކް އިންކަމް ޓެކްސް އަދި އާއި ޓޫރިޒަމް ލޭންޑް ރެންޓް ގެ ފައިސާ ސުންގަޑީގެ ފަހުން ދައްކާފައިވާތީ އެވެ.
އަދި މިދިޔަ ޖެނުއަރީ މަހު ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރި މިންވަރު 4 އިންސައްތަ އިތުރުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.