ރާއްޖެއާއި ސްރީލަންކާ ދެމެދުގެ ގުޅުން އިތުރުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދުގެ އަރިހަށް ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ސޯދިގު ކުރެއްވި ޒިޔާރާތެއްގެ ތެރެއިން ވަނީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ރާއްޖެ-ލަންކާ ގުޅުން ބަދަހި ކުރުމަށް މިނިސްޓަރު ސައީދުގެ އަރިހަށް ލަންކާގެ ސަފީރު ޒިޔާރަތް ކުރައްވާފައިވާ ކަން އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވީ ނަމަވެސް، އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމުގެ ތަފްސީލެއް އެމިނިސްޓްރީން ދީފައި ނުވެއެވެ.
ރައްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެކި އެކި ބޭނުންތަކަށް ސްރީ ލަންކާގައި ދިރިއުޅެމުންގެންދާކަން ފާހަގަ ކުރެވެއެވެ.
ކޮވިޑަށް ފަހު ދިމާވި އިގްތިސާދީ ދަތިކަމުގައި ގައުމު އަޑިއަޅާލުމުން އެ ގައުމުގެ ރައްޔިތުން ނިކުމެ ވެރިކަން ބަދަލުކޮށްފައިވާއިރު، މިހާރު މަޑުމަޑުން އެގައުމުގެ އިގްތިސާދު ދަނީ ރަނގަޅުވަމުންކަން ފާހަގަ ކޮށްލެވެއެވެ.
ލަންކާ އަކީ ރާއްޖޭގެ ރައްޔިތުން އެންމެގިނައިން ދަތުރުކުރާ ލިސްޓުގައި ވެސް އެންމެ ކުރީގައި ގުނާލެވޭ އެއް ގައުމެވެ.