ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އިނގިރޭސި ކްލަބް އާސެނަލް އާއި ސްޕެއިންގެ ބާސެލޯނާ ޖާގަ ހޯދައިފި އެވެ.
އާސެނަލް ރޭ ވަނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އާސެނަލް 0-1 އިން މޮޅުވެގެންނެވެ. ފުރަތަމަ ލެގްގައި ޕޯޓޯ އިން ވަނީ އަމިއްލަ ދަނޑުގައި އާސެނަލް 0-1 އިން ބަލިކޮށްފަ އެވެ. އެހެންވެ އެގްރިގޭޓް 1-1 އިން އެއްވަރުވެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހީ އެވެ.
ޕެނަލްޓީގައި އާސެނަލް މޮޅުވީ 2-4 އިންނެވެ. މެޗުގައި އާސެނަލުން ވަނީ ހަތަރު ޕެނަލްޓީ ވެސް ވައްދާލާފަ އެވެ. ޕޯޓޯގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ މަތަކުރި އެވެ.
މެޗުގައި އާސެނަލްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އެވެ. އޭގެފަހުން ގޯލު ޖަހާނެ ފުރުސަތުތައް ދެޓީމަށް ވެސް ލިބި ބޭކާރުވި އެވެ.
އާސެނަލް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރުކުރީ 2010 ވަނަ އަހަރު އެވެ. އޭގެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ވެސް އެޓީމަށް ލިބުނީ މަދުންނެވެ.
ރޭ ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި 1-3 އިން އިޓަލީގެ ނަޕޯލީ ބަލިކޮށްފަ އެވެ. އެ ދެޓީމުގެ ފުރަތަމަ މެޗު ނަޕޯލީ ދަނޑުގައި 1-1 އިން ވީ އެއްވަރެވެ. ރޭގެ ނަތީޖާއާ އެކު ބާސެލޯނާ އަށް އެގްރިގޭޓުން ކުރި ލިބުނީ 1-3 އިންނެވެ.
މެޗުގައި ބާސެލޯނާގެ ތިން ގޯލު ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އާއި ޔާއޯ ކަންސޭލޯ އަދި ރޮބާޓް ލެވަންޑޯސްކީ އެވެ. ނަޕޯލީގެ ހަމައެކަނި ގޯލު ޖެހީ އާމިރް ރަހްމާނީ އެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ހަ ޖާގަ މިހާރު ވަނީ ކަށަވަރުވެފަ އެވެ. ބާކީ ދެ ޖާގަ ކަށަވަރުވާނީ މިރޭ ކުޅޭ މެޗުތަކަށް ފަހު އެވެ.