Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

2026 އައިޓީބީ ފެއާ ރާއްޖެއިން ހޯސްޓުކުރުމަކީ އަމާޒެއް: ފައިސަލް

2026 ވަނަ އަހަރު އޮންނަ އައިޓީބީ ބާލިން ފެއާ ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ އެވެ. ކޮންމެ އަހަރަކުވެސް ޖަރުމަނުގައި ބާއްވަމުން އަންނަ އެ ފެއާ އެކި ގައުމުތަކުން ހޯސްޓުކުރެ އެވެ. އެގޮތުން މި އަހަރުގެ އައިޓީބީ ފެއާ ހޯސްޓުކުރީ އޮމާން އިންނެވެ.
މިދިޔަ ހަފްތާގައި ކުރިއަށްދިޔަ މި އަހަރުގެ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ރާއްޖެ ވަޑައިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، 2026 ވަނަ އަހަރު އެ ފެއާ ރާއްޖެއިން ހޯސްޓު ކުރުމަކީ އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލްވުމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.
"2026 ވަނަ އަހަރު އައިޓީބީ ފެއަރ ހޯސްޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ހަމަޖެއްސުމުގައި ސްޓޭކް ހޯލްޑަރުންނާއެކީ އެމްއެމްޕީއާރުސީގެ މުޅި ޓީމް އެއްކޮށް ބައްދަލުކޮށް މަޝްވަރާ ކުރާނަން. އައިޓީބީ ފެއަރ ހޯސްޓްކުރުމަށް ބޮޑު ހޭދައެއް ހިނގާނެ. އަޅުގަނޑު އުންމީދުކުރަނީ އެންމެން ގުޅިގެން މިކަން ކުރެވޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ބޮޑު ހޭދައެއް ހިނގި ނަމަވެސް، އައިޓީބީ ބާލިން ފެއާ ހޯސްޓުކުރުމުގެ ފުރުސަތު ލިބިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި އަހަރު ބޭއްވި އައިޓީބީ ފެއާގައި ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 107 ކުންފުންޏަކާއި، އެ ކުންފުނިތަކުގެ 214 މަންދޫބުން ބައިވެރިވި އެވެ. އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުގައި އައިޓީބީ ބާލިން އަކީ ރާއްޖެ ދުނިޔޭގެ މައިދާނުގައި ދައްކާލުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ.
ލީޑިން ޓްރެވަލް ޓްރޭޑް ފެއާގެ ގޮތުގައި 160،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާ އެ ފެއާގެ ބައިވެރިން 90،000 އަށް ވުރެ ގިނަ އިންޑަސްޓްރީ ޑެލިގޭޓުންނާއި 3،000 އަށް ވުރެ ގިނަ އިންޓަނޭޝަނަލް މީޑިއާ ރެޕްރެޒެންޓޭޓިވްސް އާ ގުޅާލަ އެވެ.
މި ލިއުމާއި ގުޅޭ