Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިޔާއިން އަމިއްލައަށް އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެ

އިންޑިޔާއިން އަމިއްލައަށް އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
އިންޑިޔާގެ ހުޅަނގުގައި އޮންނަ ރާޖަސްތާން ސްޓޭޓްގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ބޯޓު ވެއްޓުމުގެ ކުރިން, ޕައިލެޓް 'އިޖެކްޓް'ކޮށް ނުވަތަ ވައި ކުޑައެއްގެ އެހީގައި ބޯޓުން ފުންމައިލާފައިވާ ކަމުގައި އިންޑިޔާގެ ވައިގެ ސިފައިން ބުނެއެވެ.
ވެއްޓިފައިވާ އަސްކަރީ މަތިންދާބޯޓަކީ އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑުން ފަރުމާކޮށް, އުފައްދާފައިވާ 'ތޭޖާސް' މަރުކާގެ މަތިންދާބޯޓެކެވެ. އިންޑިޔާގެ ވައިގެ ސިފައިން މި މަރުކާގެ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކުރަން ފަށާފައި ވަނީ މީގެ އަށް އަހަރު ކުރިންނެވެ.
އިންޑިޔާއަކީ, ބޭރު ޤައުމުތަކުން ހަތިޔާރާއި ދިފާޢީ ސާމާނު އެންމެ ގިނަ ޢަދަދަކަށް އިމްޕޯޓު ކުރާ އެއް ޤައުމެވެ. ނަމަވެސް, ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ދަނީ އެކަން ބަދަލު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި, ދިފާޢީ ދާއިރާގެ އުފެއްދުންތެރި ކަން އިތުރު ކުރަން މޯދީގެ ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އިންޑިޔާގެ ވައިގެ ސިފައިން ބޭނުން ކުރާ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރޭގައި ގިނައީ ކުރީގެ ރޫސީ ވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ދުވަސްވީ މަތިންދާބޯޓުތަކެވެ. މި ކަން ބަދަލުކޮށް, ޓޭޖާސް މަރުކާގެ އަސްކަރީ މަތިންދާބޯޓު އިތުރު ކުރުމަށް މޯދީގެ ސަރުކާރުން ވަނީ އެ މަރުކާގެ 83 މަތިންދާބޯޓަށް އޯޑަރު ޖަހާފައެވެ. މި ކަމަށް އިންޑިޔާއިން 6 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެއެވެ.
މީގެ އިތުރުން, ޓޭޖާސް މަރުކާރުގެ މަތިންދާބޯޓުތައް ބޭރު ޤައުމުތަކަށް ވިއްކުމަކީ ވެސް މޯދީގެ ވިސްނުމެކެވެ. އިންޑިޔާއިން އެކްސްޕޯޓު ކުރާ ހަތިޔާރާއި ދިފާޢީ ސާމާނުގެ އަގު 2025 ވަނަ އަހަރުގެ ކުރިން 5 ބިލިޔަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަކީ މޯދީގެ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.
މި ލިއުމާއި ގުޅޭ