ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއެކު އައްޑޫ ސިޓީގައި އޮންނަ ހެލިކޮޕްޓަރާއެކު އެސިޓީގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލާފައިވާކަން ޤައުމީ ދިފާއީ ބާރުން ކަށަވަރުކޮށްދީފިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދުފުޅަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވައިލެއްވުމެވެ. އިންތިޚާބު ކާމިޔާބުވެވަޑައިގަތުމާއެކު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަމްއާ ބައްދަލުކުރައްވައި އެކަމަށް އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެދިވަޑައިގަތެވެ.
އަދި ނޮވެންބަރު 17 2023 ގައި ރައީސްކަމުގެ ހުވައިކުރެއްވުމަށްފަހު ރައީސްވަނީ އިންޑިއާގައި ރަސްމީކޮށް އެ ޤައުމުގެ ސިފައިން އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއަށްފަހު ދެ ޤައުމުގެ މެދުގައި އެކަމުގެ މަޝްވަރާތައް ފެށިގެން ގޮސްފައިވެއެވެ.
ރާއްޖެއާއި އިންޑިއާގެ މަތީ ފަންތީގެ އޮފިޝަލުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މާޗު މަހުގައި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ގެންދިއުމަށްފަހު ސިފައިން ބަލަހައްޓަމުން އައި ހެލިކޮޕްޓަރު ބެލެހެއްޓުމަށް އެ ޤައުމުގެ މަދަނީން ގެނައުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމާ އެއްގޮތަށް 26 މަދަނީން އައްޑޫއަށް އައިސް އެތަނުގައި ތިބި ސިފައިން އަނބުރާ ގެންގޮސްފައިވާކަން އެމްއެންޑީއެފުން "ދިޔަރެސް"އަށް ކަށަވަރުކޮށްދީފައިވެއެވެ.
ބާކީ ތިބި ހުރިހާ ސިފައިން އަންނަ މޭ މަހުގެ ކުރިން ރާއްޖެއިން އަނބުރާ ގެންދިއުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވެވިފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ. އެ ސިފައިން ގެންދިއުމަށްފަހު ރާއްޖޭގައި ޤާއިމުވެގެން ބޭރު ސިފައިން ނުތިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވެއެވެ.
ސިފައިންގެ ބަދަލުގައި މަދަނީން ގެންނަނާތީ އެއީ ކުލަހެދުމުގައި ތިބޭ ސިފައިންކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ މޭ މަހަށްފަހު ރާއްޖޭގައި ކުލަހެދުމުގައިވެސް ބޭރުގެ ޤައުމެއްގެ ސިފައިންގެ މީހަކު ނުހުންނާނެ ކަމަށެވެ.